ފަތުރުވެރިންނަށް މޯލްޑިވިއަންގެ ޓިކެޓު އަގު ހެޔޮ ކުރަން ކެބިނެޓުން ނިންމައިފި

އޮސްޓްރޭލިއާ ފްލައިޓަކުން ރާއްޖެ އައި ފަތުރުވެރިންތަކެއް -- ފޮޓޯ: މޯލްޑިވިއަން

އައިލެންޑް އޭވިއޭޝަނުން ފަތުރުވެރިންގެ އަތުން ނަގާ ވައިގެ ދަތުރުފަތުރުގެ ޓިކެޓު ފެއާ މުރާޖައާކޮށް ކުޑަކުރުމަށް ކެބިނެޓުން ނިންމައިފިއެވެ.

މި ނިންމުން ނިންމާފައި ވަނީ މިދިޔަ އާދީއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ.

ނަމަވެސް އެ ނިންމުމާ ބެހޭ އިތުރު ތަފްސީލެއް ރައީސް އޮފީހުން ހާމައެއް ނުކުރެއެވެ.

ދަތުރުފަތުރުގެ އަގު ބޮޑުވާކަމުގެ ޝަކުވާ އަބަދުވެސް އޮތްއިރު މި ނިންމުމަކީ ފަތުރުވެރިކަމަށް ފައިދާ ވާނެ ފަދަ ނިންމުމަކަށް ވާނެއެވެ.

އެހެންނަމަވެސް ގައުމީ އެއާލައިން މޯލްޑިވިއަންގެ ބެލެނިވެރި ކުންފުނި, އައިލެންޑް އޭވިއޭޝަނަކީ ގެއްލުމުގައި ހިންގާ ކުންފުންޏެކެވެ. މިދިޔަ އަހަރު އެކަނި ވެސް އެ ކުންފުންޏަށް 2.8 މިލިއަން ރުފިޔާގެ ގެއްލުމެއްވިއިރު، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ގެ ތަފާސްހިސާބުން ދައްކާ ގޮތުގައި، ސަރުކާރު ކުންފުނިތަކުގެ ތެރެއިން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ދެވަނައަށް އެންމެ ބޮޑު ގެއްލުމެއް ލިބުނީ އައިލެންޑް އޭވިއޭޝަނަށެވެ. އެއީ 46.36 މިލިއަން ރުފިޔާގެ ގެއްލުމެކެވެ.

އެހެންކަމުން ސަރުކާރުގެ މި ނިންމުމާއެކު ކުންފުންޏަށް މާލީ ގޮތުން ބޮޑު ގެއްލުމެއް ލިބޭނެއެވެ.

މޯލްޑިވިއަންގެ ބޯޓެއް -- ފޮޓޯ: މޯލްޑިވިއަން

ހަމައެއާއެކު ސަރުކާރުން މި ނިންމުން ނިންމާފައި މިވަނީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ފަތުރުވެރިކަން ދަށްވެފައިވާ ދަނޑިވަޅެއްގައެވެ. ފެބުރުވަރީ 28ގައި އެމެރިކާއިން ކުއްލި ގޮތަކަށް އީރާނަށް ދިން ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ ދަތުރުތައް ހުއްޓުމަކަށް އައެވެ. އެއީ ރާއްޖެއަށް އަންނަ ގިނަ އަދަދެއްގެ ފަތުރުވެރިން ބޭނުންކުރާ ރޫޓެއް ކަމުން، އޭގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ބުރުލެއް އެރިއެވެ.

އެއަށްފަހު މެދުއިރުމަތީގައި ހަމަލާތައް ބަދަލުކުރަމުން ދިޔުމުން ގިނަ އަދަދެއްގެ ފަތުރުވެރިންގެ ދަތުރުތައް ލަސްކޮށް، ކެންސަލް ވެސް ކުރިއެވެ. އަދި ހަނގުރާމަ ދެމިގެންދިޔަ ވަރަކަށް ދަތުރުފަތުރުގެ އަގު ވެސް އުފުލި، ފަތުރުވެރިކަމަށް ކުރާ ނޭދެވޭ އަސަރުތައް އިތުރުވިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ރާއްޖެއަށް މުޅި ޖުމްލަ 1.3 މިލިއަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 4 އިންސައްތައިގެ ދަށްވުމެކެވެ.

comment ކޮމެންޓް