ރާއްޖޭގައި ދިރިއުޅޭ ފިރިހެނުންގެ 47 ޕަސެންޓަކީ ބިދޭސީން

މާލޭގައި ބިދޭސީންތަކެއް-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި ދިރިއުޅޭ ފިރިހެނުންގެ 47 ޕަސެންޓަކީ ބިދޭސީން ކަމަށް، ދުނިޔޭގެ އާބާދީ ދުވަހާ ގުޅިގެން ސްޓެޓިސްޓިކްސް ބިއުރޯ އޮފް މޯލްޑިވްސްއިން ނެރެފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މި ތަފާސްހިސާބުތަކުން ހާމަވާ ގޮތުގައި، ރާއްޖޭގައި ދިރިއުޅޭ ކޮންމެ ތިން މީހެއްގެ ތެރެއިން އެކަކީ ބިދޭސީއެކެވެ.

ސްޓެޓިސްޓިކްސް ބިއުރޯއިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިހާރު ރާއްޖޭގައި ދިރިއުޅޭ ޖުމްލަ އާބާދީގެ އަންދާޒާއަކީ 590،079 އެވެ. މީގެ ތެރޭގައި ހިމެނެނީ 394،054 ދިވެހީންނާއި 196،024 ބިދޭސީންނެވެ. މިއީ ރާއްޖޭގެ އާބާދީގައި ބިދޭސީންގެ ނިސްބަތް ވަރަށް ބޮޑުކަން ދައްކުވައިދޭ އަދަދުތަކެކެވެ.

ޖުމްހޫރީ މައިދާން، ބިދޭސީންގެ ގުޅުން ބަދަހިކުރާ މައިދާނަކަށް:---ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

ދިވެހީންގެ އާބާދީއަށް އެކަނި ބަލާއިރު، ފިރިހެނުންގެ އާބާދީއަކީ 200،162 މީހުންނެވެ. އެއީ ދިވެހި އާބާދީގެ 51 ޕަސެންޓެވެ. އަދި އަންހެނުންގެ އާބާދީއަކީ 193،392 މީހުންނެވެ. އެއީ 49 ޕަސެންޓެވެ. ދިވެހީންގެ ތެރޭގައި އަންހެނުންނަށް ވުރެ ފިރިހެނުންގެ ނިސްބަތް ކުޑަތަންކޮޅެއް އިތުރުކަން މި އަދަދުތަކުން ފާހަގަކުރެވެއެވެ.

ނަމަވެސް، ބިދޭސީންގެ އާބާދީއަށް ބަލާއިރު ޖިންސުގެ ނިސްބަތުގައި ވަރަށް ބޮޑު ފަރަގެއް ހުރިކަން ތަފާސްހިސާބުތަކުން ދައްކައެވެ. ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން ފިރިހެނުންގެ އަދަދަކީ 174،005 އެވެ. މިއީ ބިދޭސީ އާބާދީގެ 89 ޕަސެންޓެވެ. ބިދޭސީ އަންހެނުންގެ އާބާދީއަކީ އެންމެ 22،019 އެވެ. އެއީ 10 ޕަސެންޓެވެ.

މަސައްކަތްކުރާ އުމުރުފުރާއަށް ބަލާއިރު، ދިވެހި ފިރިހެނުންނަށް ވުރެ ރާއްޖޭގައި އުޅޭ ބިދޭސީ ފިރިހެނުންގެ އަދަދު ގިނަކަން ސްޓެޓިސްޓިކްސް ބިއުރޯއިން ފާހަގަކޮށްފައިވެއެވެ. ޚާއްޞަކޮށް ރިސޯޓުތަކާއި ސިނާއީ މަސައްކަތްކުރާ ރަށްރަށުގައި އެންމެ ގިނައީ އުމުރުން 20 އަހަރާއި 44 އަހަރާ ދެމެދުގެ މީހުންނެވެ. އަދި މިފަދަ ރަށްރަށުގައި ވެސް ދިވެހި ފިރިހެނުންނަށް ވުރެ ބިދޭސީ ފިރިހެނުންގެ ނިސްބަތް މާ ބޮޑަށް އިތުރުކަން ވަނީ ހާމަވެފައެވެ.

comment ކޮމެންޓް