އުމުރުން 18 އަހަރުން ދަށުގެ ކުދިންނަށް ޚާއްޞަކޮށްގެން، ރައްކާތެރިކަމާއި އުނގެނުމަށް އެހީތެރިވެދޭ އައު ފީޗާތަކަކާއެކު އޯޕަންއޭއައި އިން "ޗެޓްޖީޕީޓީ ފޯ ޓީންސް" ތައާރަފުކޮށްފިއެވެ.
މި އައު ތަޖުރިބާގެ ސަބަބުން ޒުވާން ކުދިން އޭއައި ޗެޓްބޮޓް ބޭނުންކުރާ ގޮތަށް ބަދަލުތަކެއް އައިސް، ޒިންމާދާރުކަމާއެކު މީގެ ބޭނުން ހިފުމަށް މަގުފަހިވެގެންދާނެއެވެ. އަދި ހަމައެހެންމެ، ކުދިން ޗެޓްޖީޕީޓީ ބޭނުންކުރާ ގޮތް ވަކި މިންވަރަކަށް ކޮންޓްރޯލް ކުރުމުގެ އިޚްތިޔާރު ބެލެނިވެރިންނަށް ލިބިގެންދާނެއެވެ. މިއީ ހަމައެކަނި ފިލާވަޅުތަކަށް އެހީތެރިވުމުގެ އިތުރުން، އުފެއްދުންތެރި މަސައްކަތްތަކަށާއި، އާންމު ދިރިއުޅުމުގެ ސުވާލުތަކަށްވެސް ކުދިންނަށް ބޭނުންކުރެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ޚިދުމަތެކެވެ.
މި ޚިދުމަތް މިހާރު މުޅި ދުނިޔެއަށް ދޫކުރަން ފަށާފައިވާއިރު، އޮގަސްޓް 18 ވަނަ ދުވަހުން ފެށިގެން ހިލޭ އަދި ފައިސާދައްކައިގެން ގެންގުޅޭ ޕާސަނަލް އެކައުންޓްތަކަށް މި ފީޗާތައް ލިބެން ފަށާނެއެވެ.
އޮސްޓްރޭލިއާއަށް މި ޚިދުމަތް ފުރިހަމައަށް ލިބޭނެކަމަށް ލަފާކޮށްފައިވަނީ ސެޕްޓެމްބަރު 8 ގައެވެ. އެކައުންޓް ބޭނުންކުރަނީ 18 އަހަރުން ދަށުގެ ކުއްޖެއްކަން ދެނެގަތުމަށް އޯޕަންއޭއައިގެ އުމުރު ދެނެގަންނަ ނިޒާމުތައް ބޭނުންކުރާނެއެވެ.
މީގެ އިތުރުން 13 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް އެކުދިންގެ އުމުރު ޖަހައިގެންވެސް މި ޚިދުމަތް ހޯދޭނެއެވެ. އަދި އެކައުންޓް ބޭނުންކުރާ މީހަކީ 18 އަހަރުން މަތީގެ މީހެއްކަން ކަށަވަރުވުމުން، މި ޚާއްސަ ފީޗާތަކާއި ބެލެނިވެރިންގެ ކޮންޓްރޯލްތައް އެ އެކައުންޓަކުން އުނިކުރެވޭނެއެވެ. އުމުރު އޮޅިގެން ޓީން އެކައުންޓަކަށް ބަދަލުވެފައިވާނަމަ، އުމުރު ކަށަވަރުކޮށްދިނުމަށްފަހު އެކަން ބަދަލުކުރުމުގެ ފުރުސަތު ވެސް އޮންނާނެއެވެ.
މި އައު ބަދަލާއެކު ތަޢާރަފްކުރެވުނު އުނގެނުމާ ގުޅޭ ފީޗާތަކުގެ ތެރޭގައި ހިމެނޭ "ސްޓަޑީ މޯޑް" ގެ އެހީގައި ކުދިންނަށް ފިލާވަޅުތައް ދަސްކުރުމުގައި ސުވާލާއި، އިޝާރާތްތަކާއި އަދި ފިޔަވަޅަކަށްފަހު ފިޔަވަޅެއް ކިޔައިދޭ މަގުދެއްކުންތައް ލިބޭނެއެވެ.
ހޯމްވޯކް ހެދުމަށް އެހީއަކަށް އެދިއްޖެނަމަ ޗެޓްޖީޕީޓީ އަމިއްލައަށް ވެސް ސްޓަޑީ މޯޑް ޚިޔާރުކުރުމަށް ލަފާދޭނެއެވެ. އަދި ކުދިންނަށް އެނގިފައިވާ މިންވަރު ވަޒަންކުރުމަށް ކުއިޒް ފަދަ ވަސީލަތްތައް ވެސް ހިމެނެއެވެ. މީގެ އިތުރުން ކަނޑައެޅޭ ވަކި ގަޑިތަކެއްގައި އައު ޗެޓްތައް ފަށާއިރު އޮޓަމެޓިކުން ސްޓަޑީ މޯޑަށް ބަދަލުވާގޮތަށް "ސްޓަޑީ އަވާސް" ސެޓްކުރެވޭނެއެވެ. މިއީ ކުދިންނަށް އަމިއްލައަށް ނުވަތަ ބެލެނިވެރިންނަށް ވެސް ކަނޑައެޅޭނެ ގަޑިތަކެކެވެ.
ކުދިން ޗެޓްޖީޕީޓީ ބޭނުންކުރާ ވަގުތު ކޮންޓްރޯލް ކުރުމުގެ ގޮތުން "ކުއަޔަޓް އަވާސް" ގެ ނަމުގައި ވަކި ގަޑިތަކެއްގައި އެޕްލިކޭޝަނަށް ނުވަދެވޭގޮތަށް ހެދުމުގެ ފުރުސަތު ވެސް ވަނީ ފަހިކޮށްދީފައެވެ. މީގެ އިތުރުން، އަމިއްލަ ނަފްސަށް ގެއްލުންދިނުމާއި، އަނިޔާވެރިކަމާއި، ކެއުމުގެ މައްސަލަތަކާއި، ނުރައްކާތެރި ކަންކަމުގެ އިތުރުން ބަދުއަޚްލާޤީ މަންޒަރުތައް ހިމެނޭ ކޮންޓެންޓްތަކުން ކުދިން ސަލާމަތްކުރުމަށްޓަކައި މި ތަޖުރިބާގައި ހަރުކަށި ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ވަނީ އެޅިފައެވެ.
ގިނަ ވަގުތު ޗެޓްބޮޓް ބޭނުންކުރާނަމަ ބްރޭކެއް ނެގުމަށް ހަނދާންކޮށްދިނުމާއި، މިއީ އޭއައި ޓޫލްއެއްކަން ހަނދާންކޮށްދިނުމުގެ އިތުރުން ބައެއް ފޮޓޯތައް އަޕްލޯޑްކުރުމުގެ ކުރިން އޭގައި ނާޒުކު މަޢުލޫމާތެއް ހިމެނޭތޯ ބެލުމަށްވެސް ޗެޓްޖީޕީޓީއިން ކުދިންނަށް އިރުޝާދު ދޭނެއެވެ.
ބެލެނިވެރިންނަށް އެމީހުންގެ އެކައުންޓްތައް ކުދިންގެ އެކައުންޓާ ގުޅުވާލައިގެން "ޕޭރެންޓަލް ކޮންޓްރޯލްސް" މެދުވެރިކޮށް ބައެއް ސެޓިންގްސްތައް މެނޭޖްކުރެވޭނެއެވެ. އެގޮތުން ސްޓަޑީ އަވާސް އަދި ކުއަޔަޓް އަވާސް ބޭނުންކުރެވުނު ކަމުގައިވިޔަސް، ކުދިން ކުރާ ޗެޓްތައް ކިޔައި މޮނިޓާ ކުރުމުގެ ފުރުސަތެއް ބެލެނިވެރިންނަކަށް ނޯންނާނެއެވެ.
ކުދިންގެ ޗެޓްލޮގުތައް ބެލެނިވެރިންނަށް ނުބެލުނު ނަމަވެސް، މަދު ނުރައްކާތެރި ޙާލަތްތަކުގައި ކުއްޖާއަށް އެހީތެރިވުމަށް ބޭނުންވާ އެންމެ މުހިންމު މަޢުލޫމާތު އެކަނި ހިމެނޭހެން އޯޕަންއޭއައި އިން ބެލެނިވެރިންނަށް ސޭފްޓީ ނޮޓިފިކޭޝަނެއް ފޮނުވުމަކީ އެކަށީގެންވާ ކަމެކެވެ. މީގެ ސަބަބުން ކުދިންގެ ޕްރައިވެސީ ހިފެހެއްޓުމާއެކު ރައްކާތެރިކަން ކަށަވަރުކުރެވިގެންދެއެވެ.