އޯޕަންއޭއައިގެ ޖީޕީޓީ-5.6 ސޯލްއަށް 14 ގުނަ އަވަސް މޯޑެއް ތަޢާރަފުކޮށްފި

މިހާރު ލިމިޓެޑް ޕްރިވިއުއެއްގެ ގޮތުގައި މި މޯޑު ދަނީ ދޫކުރަމުން ---

އޯޕަންއޭއައި އިން އަންގާރަ ދުވަހު އެ ކުންފުނީގެ ޖީޕީޓީ-5.6 ސޯލްއަށް އައު "އަލްޓްރާފާސްޓް" މޯޑެއް ޕްރިވިއުއެއްގެ ގޮތުގައި ތަޢާރަފުކޮށްފިއެވެ. މި އައު ޓިއާ އަކީ ސިކުންތަކު 750 އައުޓްޕުޓް ޓޯކެން ޖެނެރޭޓްކުރުމުގެ ޤާބިލުކަން ލިބިފައިވާ މޯޑެކެވެ.

ޗެޓްޖީޕީޓީ އުފެއްދި ކުންފުނި އޯޕަންއޭއައި އިން ބުނާ ގޮތުގައި، މި މޯޑުގެ ސަބަބުން އާންމުކޮށް ޕްރޮސެސްކުރާ ވަރަށްވުރެ 14 ގުނަ އަވަހަށް ޖީޕީޓީ-5.6 ސޯލް އަށް މަސައްކަތްތައް ފުރިހަމަކުރެވޭނެއެވެ.

މި އައު އޭޕީއައި ސާވިސް ޓިއާ އަކީ ސެރެބްރާސްގެ އެހީގައި މަސައްކަތްކުރާ ނިޒާމެކެވެ. އޯޕަންއޭއައި އިން ވަނީ މި އައު ޓިއާގެ ޕަރފޯމަންސް ވަޒަންކުރުމަށްޓަކައި ޚިޔާރުކުރެވިފައިވާ ބައެއް ކަސްޓަމަރުންނާއެކު މަސައްކަތްކުރަމުންދާކަން ކަށަވަރުކޮށްދީފައެވެ. އަދި މިހާރު ލިމިޓެޑް ޕްރިވިއުއެއްގެ ގޮތުގައި މި މޯޑު ލިބެން ހުރިއިރު، ކެޕޭސިޓީ އިތުރުވަމުންދާ ވަރަކަށް މިއަށް ވަދެވޭނެ ފުރުޞަތު ފުޅާކުރުމަށް ރާވާފައިވާކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

އޯޕަންއޭއައި އިން ދަނީ އަލްޓްރާފާސްޓް މޯޑުގައި ޖީޕީޓީ-5.6 ސޯލް ޓެސްޓުކުރަމުން ---

މި ބަދަލާއެކު ވިޔަފާރިތަކަށް އިތުރަށް ހަލުވިކަމާއެކު މަސައްކަތްކުރާ ޕްރޮޑަކްޓްތައް އުފެއްދުމަށާއި، އަވަހަށް ނިންމުންތައް ނިންމުމަށް، އަދި ބުރަ މަސައްކަތްތަކުގެ ތެރެއަށް އާޓިފިޝަލް އިންޓެލިޖެންސްގެ ބޭނުން ފުޅާ ދާއިރާއެއްގައި ހިފުމަށް މަގުފަހިވެގެންދާނެކަމަށް އޯޕަންއޭއައި އިން ފާހަގަކުރެއެވެ. މިގޮތުން، ވަގުތުން ވަގުތަށް ހިނގާ ކަންކަމަށް ފިޔަވަޅު އެޅުމަށާއި، މާކެޓުގެ ޙާލަތު ދެނެގަތުމަށާއި، ޓްރާންސެކްޝަންތައް ވަޒަންކުރުމަށާއި، ކަސްޓަމަރުންނަށް އެހީތެރިވުމުގެ އިތުރުން ލައިވް ރިސާޗް އަދި އެކްސްޕެރިމެންޓް ކުރުމުގައި އަލްޓްރާފާސްޓް މޯޑުގެ ބޭނުން ހިފިދާނެކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މީގެ އިތުރުން، އޯޕަންއޭއައި އިން ދަނީ ކޯޑިން، ކޮމާސް، ފައިނޭންޝަލް ރިސާޗް، އަދި ކަސްޓަމާ ސަޕޯޓް ފަދަ ދާއިރާތަކުގައި މަސައްކަތްކުރާ ކުންފުނިތަކުގައި އަލްޓްރާފާސްޓް މޯޑުގައި ޖީޕީޓީ-5.6 ސޯލް ޓެސްޓުކުރަމުންނެވެ.

ފުރަތަމަ މަރުޙަލާގެ މި ޓެސްޓުތަކުން، މަސައްކަތުގެ ދުވެއްޔަށް އަންނަ ބޮޑު ބަދަލުގެ ސަބަބުން އެންމެ ބޮޑު ފައިދާއެއް ކުރާނީ ކޮންކޮން ދާއިރާތަކަކަށްކަން ދެނެގަނެވޭނެ ކަމަށާއި، މި ހޯދުންތަކުގެ އަލީގައި ކުރިމަގުގައި ޕްރޮޑަކްޓްތައް ނެރުމަށް މަގުދައްކައިދޭނެކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.

އޯޕަންއޭއައިގެ ޑިވެލޮޕަރުންވެސް އަންނަނީ އެ ކުންފުނީގެ އެތެރޭގައި މި މޯޑު ޓެސްޓުކުރަމުންނެވެ. އެގޮތުން، ދިމާވާ މައްސަލަތަކަށް އަވަހަށް ފިޔަވަޅު އެޅުމަށް އަލްޓްރާފާސްޓް ބޭނުންކުރަމުންދާކަން އެ ކުންފުނިން ވަނީ ކަށަވަރުކޮށްދީފައެވެ. މީގެ ސަބަބުން މައްސަލައެއް ފާހަގަވުމާއި، އެކަމަށް ޙައްލެއް ހޯދުމަށް ޓެސްޓުކުރުމާއި، އަދި އަޅާނެ ފިޔަވަޅެއް ނިންމުމާ ދެމެދު ހޭދަވާ ވަގުތު ވަރަށް ބޮޑަށް ކުޑަވެގެންދެއެވެ.

ހަމައެއާއެކު، މަޢުލޫމާތު ހޯދުމަށާއި، ޑޭޓާ ސަރޗްކުރުމަށާއި، އަދި އެކި ޓޫލްތައް މެދުވެރިކޮށް މަޢުލޫމާތު އެއްކޮށް ޚުލާޞާކުރުމުގެ މަސައްކަތްތަކުގައިވެސް އެތެރޭގެ ޓެސްޓުތަކުގައި މި މޯޑު ދަނީ ބޭނުންކުރަމުންނެވެ.

comment ކޮމެންޓް