ޕާން މަސާލާގެ އިޝްތިހާރުތައް ކުޅެން ވަރަށް ގިނަ ފުރުސަތުތައް ލިބޭ ކަމަށާއި އެކަމަކު އެފަދަ އިޝްތިހާރެއް ދުވަހަކުވެސް ނުކުޅޭނެ ކަމަށް އިންޑިއާގެ މަޝްހޫރު އެކްޓަރު ސަނީ ޑިއޯލް ބުނެފިއެވެ.
އެފަދަ އިޝްތިހާރުތައް ކުޅުމަށް ލިބޭ ހުށަހެޅުންތައް ދޫކޮށްލާ ސަބަބާ ބެހޭގޮތުން ވާހަކަ ދައްކަމުން ސަނީ ބުނީ، އޭނާގެ އަމިއްލަ އުސޫލުތަކާ ހިލާފު ތަކެއްޗާއި އަމަލުތައް އޭނާ އިޝްތިހާރު ނުކުރާނެ ކަމަށެވެ.
ދާދި ފަހުން ރިލީޒްކުރި "ބަޓްވާރާ 1947"ގެ ލީޑް އެކްޓަރު ސަނީ، ޕާން މަސާލާގެ އިޝްތިހާރުތަކާ ދުރުގައި ހުރުމަށް ނިންމި ނިންމުމާ ބެހޭގޮތުން ޝުބަންކަރު މިޝްރާގެ ޕޮޑްކާސްޓެއްގައި ވާހަކަދައްކަމުން ބުނީ، އެއީ އާންމުންގެ މެދުގައި ފެތުރުން ރަނގަޅު އެއްޗެއް ކަމަށް އޭނާ ގަބޫލުނުކުރާތީ އެފަދަ ހުށަހެޅުންތައް ގަބޫލުނުކުރާ ކަމަށެވެ.
ފިލްމު "ގަދަރް"ގެ އެކްޓަރު އިތުރަށް ކިޔައިދިން ގޮތުގައި، އޭނާގެ އަމިއްލަ ނަފުސު ގަބޫލުނުކުރާ ވަރަށް ގިނަ ކަންތައްތައް ކުރަން އޭނާ ދެކޮޅު ހަދައެވެ.

ބޮކްސް އޮފީހުގައި ބޮޑު ތަރުހީބެއް ލިބެމުން އަންނަ ސަނީގެ ފިލްމު "ބަޓްވާރާ 1947"ގެ މަންޒަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ
"އަހަރެންގެ ސިކުނޑި ގަބޫލުނުކުރާތީ ނުކޮށް ދޫކޮށްލާ ވަރަށް ގިނަ ކަންތައްތައް ހުރޭ. އަހަރެން ކުރަނީ ހަމައެކަނި އަހަރެންގެ އަމިއްލަ ނަފުސަށް ރަނގަޅު ކަމަށް ގަބޫލުކުރެވޭ ކަންތައްތައް،" ސަނީ އިތުރަށް ބުނެފައިވެއެވެ.
"އަހަރެންނަކީ އިންޑިއާ ތަމްސީލުކުރާ މީހަކަށް ވެފައި، ގައުމީވަންތަ ކަންކަމުގައި ބައިވެރިވާ މީހަކަށް ވީ ނަމަވެސް، ބައެއް ކަހަލަ އިޝްތިހާރުތައް އަހަރެންނާ ހަމައަށް ނާދޭ. އެއީ ކީއްވެގެން ކަމެއް އަހަރެންނަކަށް ނޭނގެ. ކުރިން ފިލްމުތައް ނުލިބި އޮތް ދުވަސްވަރު ފަދައިން، އިޝްތިހާރުތަކުގެ ކަންތައް ވެސް ވަނީ އެހެން ކަމަށް ވެދާނެ،" އޭނާ އިތުރަށް ބުންޏެވެ.
ސަނީ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ ޑައިރެކްޓަރު ނިތޭޝް ތިވާރީ އުފައްދާ ހުރާފީ ފިލްމު "ރަމަޔާނާ: ޕަޓް 1"ގެ ރޯލަކުންނެވެ.