މަނާކޮށްފައިވާ ބްރޭންޑެއް އިޝްތިހާރުކުރިކަމުގެ ތުހުމަތުގައި ތިން އެކްޓަރަކަށް އެފްޑީއޭއިން ނޯޓިސް ފޮނުވައިފި

އިންޑިއާގެ ފިލްމީ ތަރިން ކަމަށްވާ ޓައިގާ ޝްރޮފް، ޝާހްރުކް ޚާން އަދި އަޖޭ ދޭވްގަން--ފޮޓޯ/ބޮލީވުޑްހަންގާމާ

އިންޑިއާގެ މަހާރާޝްތުރާ ސްޓޭޓުގައި މަނާކޮށްފައިވާ 'ޕާން މަސާލާ' ބްރޭންޑަކާ ގުޅުންހުރި 'ވިމަލް އިލައިޗީ' އިޝްތިހާރު ކުރުމުގައި ބައިވެރިވެ، ނުސީދާ ގޮތެއްގައި ޕާން މަސާލާ ޕްރޮމޯޓްކުރާ ކަމަށް ތުހުމަތުކޮށް، މަހާރާޝްތުރާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ)އިން ބޮލީވުޑްގެ ތިން އެކްޓަރަކަށް "ޝޯ-ކޯޒް" ނޯޓިސް ފޮނުވައިފިއެވެ.

މި ނޯޓިސް ފޮނުވާފައިވާ ތިން އެކްޓަރުންނަކީ އަޖޭ ދޭވްގަން، ޝާހްރުކް ޚާން އަދި ޓައިގާ ޝްރޮފްއެވެ. މި ތިން ފަންނާނުން އެކުގައި ފެނިފައިވަނީ 2024 ވަނަ އަހަރު ވިމަލް އިލައިޗީ އިޝްތިހާރު ކުރުމަށް ތައްޔާރުކުރި ކެމްޕޭނަކުންނެވެ.

މިދިޔަ ހަފްތާގައި ފޮނުވި މި ނޯޓިހުގައި، މަހާރާޝްތުރާގެ ފުޑް ސޭފްޓީ ޗީފް ތުކަރާމް މުންޑޭ ވަނީ އެ އިޝްތިހާރުގައި ބައިވެރިވުން ވަގުތުން ހުއްޓާލުމަށާއި، އެ ފަންނާނުންގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓްތަކުން އެއާ ގުޅޭ ޕްރޮމޯޝަނަލް ކޮންޓެންޓްތައް ނެގުމަށް އަންގަވާފައެވެ.

އަޖޭ، ޝާހު އަދި ޓައިގާ އެކީގައި މަސައްކަތްކޮށްފައިވާ އިޝްތިހާރުގެ މަންޒަރެއް--ފޮޓޯ/އިންޑިއާޓުޑޭ

މުންޑޭ ވިދާޅުވި ގޮތުގައި، މި އިޝްތިހާރު ބެލުމުން އެނގޭ ގޮތުގައި މީގައި މައިގަނޑު ގޮތެއްގައި ޕްރޮމޯޓް ކުރަނީ މަހާރާޝްތުރާގައި އުފެއްދުމާއި، ރައްކާކުރުމާއި، އުފުލުމާއި އަދި ވިއްކުން މަނާކޮށްފައިވާ ޕާން މަސާލާއާ ގުޅުންހުރި "ވިމަލް" ބްރޭންޑެވެ. "ވިމަލް އިލައިޗީ" މި ނަން ބޭނުންކުރުމަކީ މަނާކޮށްފައިވާ ބްރޭންޑަށް މީހުންގެ ސަމާލުކަން ހޯދުމަށް ކުރާ ކަމެއްގެ ގޮތުގައި ބެލެވޭ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި ނޯޓިހުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، މިފަދަ އިޝްތިހާރުތަކުގެ ސަބަބުން ކަސްޓަމަރުންނަށް އޮޅުން އަރައި، މަނާކޮށްފައިވާ ނުވަތަ ކޮންޓްރޯލްކޮށްފައިވާ ބާވަތްތައް ނުސީދާކޮށް އިޝްތިހާރު ކުރުމަށް އެފަރާތްތަކަށް މަގުފަހިވެއެވެ.

މީގެ ހަތަރު އަހަރު ކުރިން، މިފަދަ އިޝްތިހާރެއްގައި ބައިވެރިވުމުން އާންމުންގެ ބޮޑު ފާޑުކިޔުމެއް އަމާޒުވުމާ ގުޅިގެން އެކްޓަރު އަކްޝޭ ކުމާރު ވަނީ މައާފަށް އެދިފައެވެ. އޭރު އަކްޝޭ ފެނިފައި ވަނީ ޝާހްރުކް އަދި އަޖޭއާ އެކު ވިމަލްގެ އިޝްތިހާރަކުންނެވެ. ސޯޝަލް މީޑިއާ ބޭނުންކުރާ ފަރާތްތަކުން އޭރު ބުނެފައިވަނީ އެއީ ދުންފަތުގެ އިސްތިއުމާލު ކުރުމަށް ހިތްވަރުދޭ އަމަލެއް ކަމަށެވެ.

comment ކޮމެންޓް