އިމްރާންގެ ކެރިއަރުގެ ކާމިޔާބު ފިލްމު 'ޖަންނަތު'ގެ ތިން ވަނަ ބައެއް އުފައްދަނީ

ފިލްމު ޑައިރެކްޓަރު ވިޝޭޝް ބަޓް އަދި އިމްރާން ހާޝްމީ--ފޮޓޯ/ބޮލީވުޑްހަންގާމާ

ބޮލީވުޑްގެ އެކްޓަރު އިމްރާން ހާޝްމީ ލީޑް ރޯލް ކުޅެފައިވާ އެކްޝަން ތުރިލާ ފިލްމު "އާވާރާޕަން 2"އަށް ހަފްތާ ބަންދުގައި ބޮޑު އާމްދަނީއެއް ލިބިފައިވާއިރު އިމްރާންއާ އެކު "ޖަންނަތު 3"ގެ މަސައްކަތް ފަށައިފިކަން ވިޝޭޝް ބަޓް ކަށަވަރުކޮށްދީފިއެވެ.

އިމްރާންގެ ކެރިއަރުގެ އެންމެ މަގުބޫލު ސިލްސިލާ ފިލްމުތަކުގެތެރޭ ހިމެނޭ "ޖަންނަތު"ގެ ތިން ވަނަ ބައެއް އުފެއްދުމާ މެދު ވިސްނަމުންދާ ކަމަށާއި، މިހާރު ފިލްމުގެ ސްކްރިޕްޓް ލިޔުމުގެ މަސައްކަތް ކުރިއަށްދާކަން ބަޓް ވަނީ ކަށަވަރުކޮށްދީފައެވެ.

"ޒޫމް"އަށް ދިން އިންޓަވިއުއެއްގައި، ފިލްމު "ޖަންނަތު 3"އާ ގުޅޭގޮތުން ސުވާލުކުރުމުން ވިޝޭޝް ބަޓް ބުނީ، "އަވާރަޕަން 2" އަށްފަހު "ޖަންނަތު 3" އުފެއްދުމަށް އޭނާ ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. އަދި ފިލްމުގެ ސްކްރިޕްޓް ތައްޔާރުތޯ ސުވާލުކުރުމުން، ލިޔުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އިމްރާންގެ ކެރިއަރުގެ މަގުބޫލު ފިލްމު "ޖަންނަތު"ގެ ޕޯސްޓަރެއް--ފޮޓޯ/ފޭސްބުކް

މިދިޔަ ހުކުރު ދުވަހު ސިނަމާތަކުގައި އެޅުވި އިމްރާންގެ ފިލްމު "އާވާރާޕަން 2"އަށް މިހާތަނަށް ލިބުނު އާމްދަނީގެ އަދަދު 110 ކްރޯޑު ރުޕީސްއަށް އަރާފައިވާއިރު، މިއީ އިންޑިއާގައި އިމްރާންގެ 'ސޯލޯ' ފިލްމަކަށް މިހާތަނަށް ލިބުނު އެންމެ ބޮޑު އާމްދަނީއެވެ. މި ކާމިޔާބީއާ އެކު، އޭނާގެ ކުރީގެ މަގުބޫލު ފިލްމުތައް އަލުން ދިރުވުމުގެ ޝައުގުވެރިކަން ވަނީ އިތުރުވެފައެވެ.

ކުނާލް ދޭޝްމުކް ޑައިރެކްޓްކޮށް މަހޭޝް ބަޓް ޕްރޮޑިއުސްކުރި "ޖަންނަތު"ގެ ފުރަތަމަ ފިލްމުގައި އިމްރާންއާ އެކު ބަތަލާގެ ރޯލްއިން ފެނުނީ ސޯނަލް ޗޯހާންއެވެ. އެ ފިލްމުގައި ދައްކުވައިދެނީ މެޗު ފިކްސިންގެ ތެރެއަށް ވަދެވޭ ޒުވާނެއްގެ ވާހަކައެވެ.

އޭގެ ހަތަރު އަހަރުފަހުން ރިލީޒްކުރި "ޖަންނަތު 2"ގައި އިމްރާންއާ އެކު ރަންދީޕް ހޫޑާ އަދި އީޝާ ގުޕްތާ ފެނިގެންދިޔައިރު، އެ ފިލްމުގެ ބިނާވެފައިވަނީ ގަވާއިދާ ހިލާފަށް ހަތިޔާރު ވިއްކުމުގެ ވިޔަފާރީގެ މައްޗަށެވެ.

ފިލްމު "ޖަންނަތު 3"ގެ ސްކްރިޕްޓްގެ މަސައްކަތް ފަށާފައިވާއިރު، މި ފިލްމާ ގުޅޭ އިތުރު ތަފްސީލުތަކަށާއި އިމްރާން އަލުން އަރްޖުން ޑިކްސިޓްގެ ރޯލުން ފެނިގެންދާނެ ދުވަހަކަށް ފޭނުން އަންނަނީ ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުންނެވެ.

comment ކޮމެންޓް