މިދިޔަ ހުކުރު ދުވަހު ސިނަމާތަކުގައި ރިލީޒްކުރި ފިލްމު "އާވާރާޕަން 2"އަށް ބެލުންތެރިންގެ ފަރާތުން ހޫނު ތަރުހީބެއް ލިބެމުން އަންނަނިކޮށް އެ ފިލްމުގެ ލީޑް އެކްޓަރު އިމްރާން ހާޝްމީގެ އިތުރު އެކްޝަން ފިލްމެއް އިއުލާނުކޮށް ފިލްމު ރިލީޒްކުރާ ތާރީޚު އިއުލާނުކޮށްފިއެވެ.
އެކްޝަން ރޮމޭންސް ޑްރާމާ "ގަންމާސްޓަރ ޖީ9"ގެ ނަމުގައި އުފައްދާ މި ފިލްމަކީ، އަދިތްޔާ ދަތު ޑައިރެކްޓްކޮށް، އިމްރާންއާ އެކު ބަތަލާ ޖެނީލިއާ ޑިސޫޒާ އަދި އަޕަރްޝަކްތީ ކުރާނާ މުހިންމު ރޯލުތަކުން ފެންނާނެ ފިލްމެކެވެ.
މި ފިލްމުގެ މޯޝަން ޕޯސްޓަރެއް އެކްސްގައި ހިއްސާކުރަމުން އިމްރާން ބުނީ، "ގަންމާސްޓަރ ޖީ9" މި އަހަރުގެ ނޮވެމްބަރު މަހުގެ 27ގައި ބޮޑު ސްކްރީނަށް ގެންނަން ފުރިހަމައަށް ތައްޔާރު ކަމަށެވެ. އަދި މި ފިލްމަކީ ހަމައެކަނި އެކްޝަނުން ފުރިގެންވާ ފިލްމެއް ނޫން ކަމަށާއި މިއީ ލޯތްބާއި، މިއުޒިކުން ބެލުންތެރިންގެ ހިތްތައް ފަތަހަކޮށްލާނެ ފިލްމެއް ކަމަށް އިމްރާން ބަޔާންކޮށްފައިވެއެވެ.

ފިލްމު "އާވާރާޕަން 2"ގެ މަންޒަރެއްގައި އިމްރާން، ދިޝާ އަދި ޝާބާނާ އަޒްމީ--ފޮޓޯ/އެންޑީޓީވީ
މި ފިލްމަކީ ގާތްގަނޑަކަށް 20 އަހަރަށްފަހު ސޯހަމް ރޮކްސްޓާ އެންޓަޓައިންމަންޓާއި ހިމޭޝް ރޭޝަމިއްޔާ އެކުގައި މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ.
މި ފިލްމަކީ އާއިލީ ގުޅުންތަކާއި ފޯރިގަދަ އެކްޝަންތައް އެކުލެވޭ "ނިއު އޭޖް އެކްޝަން ޑްރާމާ" އެއްގެ ގޮތުގައި ވަނީ އިޝްތިހާރުކޮށްފައެވެ. އައިއެމްޑީބީގައިވާ ފިލްމުގެ ތައާރަފުގައިވާ ގޮތުން، އިމްރާންގެ ކެރެކްޓާ (އޭޖެންޓް ޖީ9) އާއި، ޖެނީލިއާގެ ރޯލުގެ އިތުރުން ވިލަންއެއްގެ ގޮތުގައި ފެންނަ އަޕަރްޝަކްތީގެ ރޯލާ ގުޅޭ ތަފްސީލުތައް އަދި ވަނީ ސިއްރުކުރެވިފައެވެ.
ޑައިރެކްޓަރު ދަތު ދީފައިވާ ބަޔާނެއްގައި ބުނެފައިވަނީ، "ގަންމާސްޓަ ޖީ9" އަކީ އޭނާގެ ކެރިއަރުގައި ކުރި އެންމެ ބުރަ ނަމަވެސް އެންމެ ހިތްހަމަޖެހޭ އެއް މަސައްކަތް ކަމަށެވެ. އަދި ފިލްމުގެ ކޮންމެ މަންޒަރަކީވެސް ބެލުންތެރިންނަށް އަސަރުކުރާނެ ފަދަ މަންޒަރަކަށް ހެދުމަށް ވަރަށް ބޮޑަށް މަސައްކަތްކޮށްފައިވާނެ ކަމަށެވެ.
މީގެ އިތުރުން، ގިނަ އަހަރުތަކަކަށްފަހު އިމްރާން އަދި ހިމޭޝްއާ އެކު އަލުން މަސައްކަތް ކުރަން ލިބުމަކީ އާދަޔާހިލާފު ތަޖުރިބާއެއް ކަމަށާއި، މި އުފެއްދުން ބެލުންތެރިންނާ ހަމައަށް ގެނެސްދޭން ކެތްމަދުވެފައި ހުރި ކަމަށްވެސް އޭނާ ބުންޏެވެ.