ސައުތު ސިނަމާއަށްވުރެ ބޮލީވުޑްގައި އުސޫލުތަކާ ޚިލާފު ދޫދިނުންތައް އިތުރު: އަނޫރާގް

އިންޑިއާގެ ފިލްމު ޑައިރެކްޓަރު އަނޫރާގް ކަޝްޔަޕް--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ދެކުނު އިންޑިއާގެ ފިލްމީ ސިނާއަތްތަކާ އަޅާބަލާއިރު ބޮލީވުޑަކީ ފަސޭހައިން "ލެނބޭ" ނުވަތަ ދޫދޭ ސިނާއަތެއް ކަމަށް އިންޑިއާގެ މަޝްހޫރު ފިލްމު ޑައިރެކްޓަރު އަނޫރާގް ކަޝްޔަޕް ބުނެފިއެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި އަނޫރާގް ފާހަގަކުރި ގޮތުގައި، ސަރަހައްދީ ފިލްމީ ސިނާއަތްތަކަށްވުރެ ހިންދީ ފިލްމީ ސިނާއަތުގައި އުސޫލުތަކާ ހިލާފު ދޫދިނުންތައް އިތުރެވެ.

އޭނާ ބުނި ގޮތުގައި، ގިނަ ފަހަރަށް މީހުން މިފަދަ ކަންކަމަށް ދޫދެނީ އަމިއްލަ އިހްތިޔާރުގައި ނޫން ކަމަށް ވިޔަސް، އެއްފަހަރު އެފަދަ ދޮރެއް ހުޅުވިއްޖެނަމަ އެކަން ހުއްޓުވުމަކީ ދަތި ކަމެކެވެ.

"އެއްފަހަރު އެ ދޮރު ހުޅުވިއްޖެނަމަ، އެއެއް ނުލެއްޕޭނެ. އެމީހުންނަށް މިކަންކަން ނޭނގެނީއެއް ނޫން. އެމީހުންނަށް ހުރިހާ ކަމެއްވެސް އެނގޭ، ހޭލުންތެރިވެސްމެ، އަދި ބައެއް ފަހަރު އެކަމާ ލަދުވެސްގަނޭ. އެކަމަކު އެކަމުގައި ކުރެވޭނެ މާބޮޑު ކަމެއް ނޯވޭ،" އަނޫރާގްގެ އިންޓަވިއުގައި ބުނެފައިވެއެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި މި މައްސަލަ ފެށެނީ ވަކި ކަމަކަށް އެއްބަސްވުމުން އޭގެ ބަދަލުގައި ލިބޭ މަންފާތަކަކާ ހިސާބުންނެވެ. އެ މަންފާތަކަށް އާދަވުމުން، ފަހުން އަންނަ އެފަދަ އެދުންތަކަށް ނޫނެކޭ ބުނުމަކީ އެމީހަކަށް އުނދަގޫ ކަމަކަށް ވެގެންދެއެވެ.

އަނޫރާގް ފިލްމު "ޑަކޮއިޓް"ގެ މަންޒަރެއްގައި--ފޮޓޯ/ދަހޮލީވުޑްރިޕޯޓަ

ބޮލީވުޑާއި ދެކުނު އިންޑިއާގެ ފިލްމީ ސިނާއަތްތައް އަޅާކިޔަމުން އަނޫރާގު ބުނީ، ދެކުނުގެ ސިނާއަތްތަކުގައި ސަރަހައްދީ ވަރުގަދަ އަމިއްލަވަންތަކަމަކާއި ސަގާފީ ނިޒާމެއް އޮތުމުގެ ސަބަބުން، އެމީހުންގެ މިނިވަންކަން ބޮޑު ކަމަށެވެ. އަދި އެ ސިނާއަތްތަކަކީ ބައިބައިކޮށްލަން އުނދަގޫ، ސަގާފީ ގޮތުން ވަރުގަދަ ބައެއްގެ ގޮތުގައި އަނޫރާގު ސިފަކޮށްފައިވެއެވެ.

މިއީ ބޮލީވުޑްގެ މަސައްކަތްތައް ހުންނަ ގޮތަށް އަނޫރާގު ފާޑުކިޔުނު ފުރަތަމަ ފަހަރެއް ނޫންކަންވެސް ފާހަގަކޮށްލެވެއެވެ. މީގެ ކުރިން އޭނާ ވަނީ ފިލްމުތަކުން ލިބޭ އާމްދަނީ ނުވަތަ ބޮކްސް އޮފީސް ނަންބަރުތަކަށް މާބޮޑަށް ސަމާލުކަންދޭތީ، އެއީ 'ވިހަ' މާހައުލެއްގެ ގޮތުގައި ސިފަކޮށްފައެވެ.

އަނޫރާގު އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ ބޮބީ ޑިއޯލް މުހިއްމު ރޯލެއް ކުޅުނު "ބަންދަރު"އެވެ. މި ފިލްމުން ބޮބީގެ އިތުރުން ސާންޔާ މަލްހޯތުރާ، ސަޕްނާ ޕަބީ، ސަބާ އާޒާދު، އިންދްރަޖިތު ސުކުމާރަން، ރާޖް ބީ. ޝެޓީ އަދި ޖިތެންދްރަ ޖޯޝީ ވެސް މުހިއްމު ރޯލްތައް ކުޅެފައިވެއެވެ.

comment ކޮމެންޓް