ރާއްޖޭގައި މެރިކަލްޗާގެ ސިނާއަތް އިތުރަށް ތަރައްގީކޮށް ފުޅާކުރުމުގެ ގޮތުން، އެ މަސައްކަތަށް ޚާއްޞަކޮށްގެން އިތުރު 10 ސަރަހައްދެއް ފިޝަރީސް މިނިސްޓްރީން މިއަދު ކަނޑައަޅައިފިއެވެ.
މެރިކަލްޗާއަކީ ކަނޑުގެ ދިރުންތައް އާލާކޮށް، ވިޔަފާރިކޮށްގެން މަންފާ ހޯދުމަށް ކުރާ ކަނޑުފަޅުގެ ދަނޑުވެރިކަމެވެ.
ރާއްޖޭގައި މެރިކަލްޗާއަށް ޚާއްސަކޮށް މީގެ ކުރިން ކަނޑައަޅައިފައިވަނީ ހަތަރު ސަރަހައްދެކެވެ. އޭގެ ތެރޭގައި ހިމެނެނީ، ކ. މަނިޔަފުއްޓާއި މ. އަތޮޅާއި ބޮޑު ތިލަދުންމައްޗާއި ތ. އަތޮޅުގެ ސަރަހައްދުތަކެވެ.
ފިޝަރީސް މިނިސްޓްރީން މިއަދު ވަނީ އެ ސިނާއަތް ތަރައްގީކުރުމަށް އިތުރު 10 ސަރަހައްދެއް ކަނޑައަޅައިފައިވާކަން އިއުލާންކޮށްފައެވެ. އޭގެ ތެރޭގައި ތ. އަތޮޅުން އިތުރު ދެ ސަރަހައްދަކާއި މ. އަތޮޅުން އިތުރު ތިން ސަރަހައްދަކާއި ފ. އަތޮޅުގެ ދެ ސަރަހައްދާއި ދ. އަތޮޅުގެ ދެ ސަރަހައްދަކާއި ގއ. އަތޮޅުގެ ސަރަހައްދެއް ހިމެނެއެވެ.
އެ ސަރަހައްދުތައް ރާއްޖޭގެ މެޕުން ފެންނާނެ ހިސާބުތައް، މިނިސްޓްރީން އެކްސްގައި ހިއްސާކުރި ޕޯސްޓުގައި ފާހަގަކޮށްފައިވެއެވެ.
އެ ސަރަހައްދުތަކާ ގުޅޭ އިތުރު މައުލޫމާތު މިނިސްޓްރީގެ އީމެއިލް މެދުވެރިކޮށް ސާފުކުރެވޭނެކަން އެ އިއުލާނުގައި ފާހަގަކޮށްފައިވެއެވެ.
މި އަހަރުގެ މާރިޗް މަހު ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމް ވަނީ، ރާއްޖޭގެ މެރިކަލްޗާ ސިނާއަތް، ބިލިއަނުން ރުފިޔާ ލިބޭ ވަރަށް ތަރައްގީކުރުމަކީ އުއްމީދެއް ކަމަށް ވިދާޅުވެފައެވެ. އޭރު އޭނާ ވަނީ، ގާތްގަނޑަކަށް 300 މިލިއަން ރުފިޔާ މެރިކަލްޗާއަށް އިންވެސްޓުކޮށްގެން ކ. މަނިޔަންފުށީގައި މަސައްކަތްތައް ކުރިއަށްދާ ކަމަށާއި މޫދު ވިނަ އާލާކުރުމުގެ މަޝްރޫއެއް ވެސް ކުރިއަށްދާ ކަމަށް ވިދާޅުވެފައެވެ.
އެއަށްފަހު މިދިޔަ ޖޫން މަހު ފިޝަރީސް މިނިސްޓްރީން ވަނީ، ރާއްޖޭން މަހަކު 63 ޓަނުގެ މޫދު ވިނަ އެކްސްޕޯޓު ކުރާ ކަމަށާއި އުއްމީދަކީ އެ ވިޔަފާރިން، ކަޅުބިލަމަހުގެ މަސްވެރިކަމާ އެއްވަރުގެ އާމްދަނީއެއް ލިބުން ކަމަށް ބުނެފައެވެ.