ރައްޔިތުންގެ މަޖިލީހަށް ކުރިން ހުށަހަޅައިފައިވާ ޕެޓިޝަނަކާ ދެކޮޅު ޕެޓިޝަން ވެސް ހުށަހެޅޭ ގޮތަށް ގަވައިދު ބަދަލުކުރަން ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، ހުށަހަޅާ ޕެޓިޝަނެއްގެ ޝަރުތުތަކުގެ ތެރޭ, މަޖިލީހަށް ކުރިން ހުށަހެޅި ޕެޓިޝަނެއްގައި އެޅުމަށް ގޮވައިލައިފައިވާ ފިޔަވަޅެއް އަލުން އެޅުމަށް ހިމެނިފައި ނުވުން ހިމެނެއެވެ.
ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު މަމްދޫޙް ޔޫނުސް ހުށަހަޅުއްވައިފައިވަނީ އެ ޝަރުތު އުނިކުރުމަށެވެ. އެގޮތަށް ގަވައިދު ބަދަލުކޮށްފިނަމަ މަޖިލީހަށް ކުރިން ހުށަހަޅައިފައިވާ ޕެޓިޝަނަކާ ދެކޮޅު ޕެޓިޝަނެއް ވެސް ހުށަހެޅޭނެއެވެ.
މި ހުށަހެޅުއްވުން މިއަދު އާންމު ކޮމިޓީގައި ދިރާސާކުރުން އޮންނާނެއެވެ.
ފާހަގަކުރެވޭ ގޮތުގައި މަމްދޫޙް މި ބަދަލު ގެނައުމަށް ހުށަހަޅުއްވައިފައިވަނީ ކައުންސިލުތަކުގެ ބެލުމުގެ ދަށުގައި ހިމެނޭ ބިންތައް ސަރުކާރަށް ނަގައި ކައުންސިލުތަކުގެ ދަށުން އެ ބިންތައް ވަކިކުރުމުގެ ބާރު ސަރުކާރަށް ދޭ ބިލު އަނބުރާ ގެންދިއުމަށް ގޮވައިލައި ހުށަހެޅި ޕެޓިޝަނަށް ސޮއި ހަމަކޮށް، ތަޅުމުގައި އެޖެންޑާކުރަން ޕެޓިޝަން ކޮމިޓީން ނިންމައިފައި އޮއްވައި އެ ބިލު ފާސްކުރުމަށް ވެރިކަންކުރާ ޕީއެންސީގެ ސަޕޯޓަރުން ޕެޓިޝަނެއް ވައްދައިފައި ވަނިކޮށެވެ.
އެގޮތުން ޕީއެންސީގެ ސަޕޯޓަރުންގެ ފަރާތުން ވެއްދި ޕެޓިޝަންގައި ވަނީ، ސަރުކާރާ އެއްކޮޅު ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު މެންބަރު ޢަބްދުލްޙަންނާން އަބޫބަކުރު ހުށަހެޅުއްވި ބިލަކީ ރަށު ފެންވަރުގައި ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އަސާސީ ޚިދުމަތްތައް ހަލުވިކަމާއެކު ކޮށްދިނުމަށް މަގުފަހިކޮށްދޭ ބިލެއް ކަމަށެވެ.
ޢަބްދުލްޙަންނާންގެ ބިލާ ދެކޮޅަށް ހުށަހަޅައިފައިވާ ޕެޓިޝަނަކީ ސިޔާސީ މަގުސަދެއް ހާސިލްކުރަން ހުށަހަޅައިފައިވާ ޕެޓިޝަނެއްގެ ގޮތުގައި ވެސް، މި ޕެޓިޝަންގައި ސިފަކޮށްފައިވެއެވެ.
ބިލު ފާސްކުރި ނަމަވެސް، ގާނޫނާ އެއްގޮތަށް ފާސްކޮށްފައިވާ ލޭންޑް ޔޫޒް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން ކައުންސިލުތަކުގެ އިޚްތިޞާސްގައިވާ ބިންތައް ކައުންސިލުން ކަނޑައަޅައި ނިންމާ ގޮތެއްގެ މަތިން ބޭނުންކުރުމުގެ ފުރިހަމަ ގާނޫނީ ބާރު ކައުންސިލުތަކަށް އޮންނާނެ ކަމަށް ވެސް، އެ ޕެޓިޝަންގައިވެއެވެ.
ޕީއެންސީ ސަޕޯޓަރުންގެ ފަރާތުން ހުށަހެޅި ޕެޓިޝަންގައި ގޮވައިލައިފައިވަނީ ޢަބްދުލްޙަންނާން ހުށަހެޅުއްވި ބިލު އޮތް ގޮތަށް ފާސްކޮށްދިނުމަށެވެ.
އިއްޔެ ހުށަހެޅި މި ޕެޓިޝަނަށް މިއަދުގެ މިހާތަނަށް 850އަށް ވުރެ ގިނަ ސޮއި ވަނީ ލިބިފައެވެ. އެ ޕެޓިޝަން މިހާރު ރިވިއުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ވަނީ ފޮނުވައިފައެވެ.