"ފްރެންޑް-4" އުޅަނދުން ގެއްލުނު މީހުން ހޯދުމަށް އެމެރިކާގެ އަސްކަރީ މަތިންދާބޯޓުން އިއްޔެ ކުރިއަށްގެންދިޔަ އޮޕަރޭޝަނުގައި ވެސް އެ މީހުންނާ ގުޅޭ އެއްވެސް ނިޝާނެއް ފެނިފައިނުވާ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފިއެވެ.
ތ. މަޑިފުށިން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަމުންދިޔަ މި ސަޕްލައި ދޯނި ކަނޑުގަދަވެ ރާޅު އެރުމުގެ ސަބަބުން ދިޔަވެ އަޑިއަށް ދާ ކަމުގެ ރިޕޯޓު އެމްއެންޑީއެފަށް ލިބުނީ މި މަހުގެ ފަސްވަނަ ދުވަހުގެ ރޭގެ 22:37 ހާއިރެވެ.
އެ ހާދިސާގެ ރިޕޯޓު ލިބުމާއެކު އެމްއެންޑީއެފާއި ފުލުހުން ގުޅިގެން މީހުން ސަލާމަތްކުރުމުގެ މަސައްކަތް ފެށި ނަމަވެސް، މޫސުން ގޯސްވުމުގެ ސަބަބުން ދޯނި ސަލާމަތްކުރެވޭ ގޮތް ނުވެ، އެ މަސައްކަތުގައި އުޅެނިކޮށް ދޯނި ވަނީ އަޑިއަށް ގޮސްފައެވެ.
ހާދިސާ ހިނގި ވަގުތު ދޯނީގައި ތިބި އަށް މީހުންގެ ތެރެއިން ހަތް މީހުން ވަނީ ސަލާމަތް ކުރެވިފައެވެ. ނަމަވެސް، މި ހާދިސާގައި ތިން މީހަކު ވަނީ ގެއްލިފައެވެ. ގެއްލިގެން ހޯދަމުންދަނީ:
ޕޮލިސް ސާޖަންޓް އަލީ ނާފިއު (33 އަހަރު)
އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހިމް އަހުމަދު (39 އަހަަރު)
ދޯނީގެ ކައްޕި ތ. މަޑިފުށީ، މުހައްމަދު ހަމްދޫން (35 އަހަރު)
ފޮރިން މިނިސްޓްރީން މިއަދު ހެނދުނު ނެރުނު ބަޔާނުގައި ބުނީ، މި ހާދިސާއާ ގުޅިގެން ގެއްލިފައިވާ ތިން މީހުން ކަމަށްވާ އުޅަނދުގެ ކެޕްޓަނާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ އޮފިޝަލެއްގެ އިތުރުން މޯލްޑިވްސް ޕޮލިސް ސާވިސްގެ އޮފިޝަލް ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށެވެ.
މި ހާދިސާ ހިނގި ވަގުތުން ފެށިގެން ދިވެހިރާއްޖޭގެ ކަމާބެހޭ އިދާރާތައް ގުޅިގެން ސާޗް އެންޑް ރެސްކިއު އޮޕަރޭޝަން ފަށާފައިވާއިރު، މި މަސައްކަތުގައި ހުރި ގޮންޖެހުންތަކުގެ ސަބަބުން ރާއްޖެއާ ގުޅުން އޮންނަ ބޭރުގެ ބައިވެރިންގެ ފަންނީ އެހީތެރިކަމަށް ދިވެހި ސަރުކާރުން އެދުނެވެ.
ސަރުކާރުގެ އެދުމަށް އިޖާބަދީ، އެމެރިކާއިން ވަނީ މި އޮޕަރޭޝަނަށް އެއްބާރުލުން ދިނުމުގެ ގޮތުން އެ ގައުމުގެ އަސްކަރީ 'ޕީ-8' މަރުކާގެ މަތިންދާބޯޓެއް އިއްޔެ ހަރަކާތްތެރި ކުރުވައިފައެވެ.
އެމްއެންޑީއެފާއި ފުލުހުން އަދި އެހެނިހެން އިދާރާތައް ގުޅިގެން ކުރިއަށްގެންދާ މި އޮޕަރޭޝަނުގައި، އެމެރިކާގެ އަސްކަރީ މަތިންދާބޯޓުން އިއްޔެ މެންދުރުފަހު ވަނީ ސާޗް އޮޕަރޭޝަނެއް ހިންގާފައެވެ. ނަމަވެސް، އެ އޮޕަރޭޝަނުގައި ވެސް ގެއްލުނު މީހުންނާ ގުޅޭ އެއްވެސް ނިޝާނެއް އަދި ހެއްކެއް ފެނިފައިނުވާ ކަމަށް މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މި ދަނޑިވަޅުގައި އެމެރިކާ ސަރުކާރުން ދިން އަވަސް އެހީތެރިކަމަށް ޓަކައި ދިވެހި ސަރުކާރުން ވަނީ އެ ގައުމަށް ޝުކުރު ދާކޮށްފައެވެ. އަދި މި އެހީތެރިކަމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން، ޚާއްސަކޮށް ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން އަދި ކުއްލި ހާލަތްތަކުގައި އެހީތެރިވުމުގައި އޮތް ޒަމާންވީ ބައިވެރިވުން ރަމްޒުކޮށްދޭ ކަމެއް ކަމަށް ވެސް ބަޔާނުގައި ވެއެވެ.
ފޮރިން މިނިސްޓްރީން އިތުރަށް ބުނެފައިވަނީ، ގެއްލުނު ފަރާތްތައް ހޯދުމުގެ މަސައްކަތަށް ސަރުކާރުން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދިނުމުގައި ދެމިއޮންނާނެ ކަމަށެވެ. އަދި މި ހާދިސާއާ ގުޅިގެން ހިތްދަތިކަން ތަޙައްމަލު ކުރަމުންދާ އާއިލާތަކަށް ތަސައްލީއެއް ހޯދައިދިނުމަށް ކަމާބެހޭ ހުރިހާ އިދާރާތަކާއި ބައިނަލްއަގްވާމީ ބައިވެރިންނާ ގުޅިގެން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންދާނެ ކަމަށެވެ.