ބޭސް ހުސްވެ، ބޭސް ނުލިބުމުގެ މައްސަލަތައް ދިމާވަނީ މީގެކުރިން އެކަމަށް އަޅާނުލެވި އޮތުމުގެ ސަބަބުން ކަމަށް ސްޓޭޓް ފާމަސޫޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު ޑރ. ޝާހު އަބްދުﷲ މާހިރު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި މައުލޫމާތު ދެއްވަމުން ޑރ. ޝާހު ވިދާޅުވީ، ސިއްހީ ދާއިރާއިން ބޭސް އެތެރެކުރުމާއި ސްޓޮކް ބެލެހެއްޓުމުގެ ނިޒާމަށް މީގެކުރިން އެކަށީގެންވާ ސަމާލުކަމެއް ދެވިފައި ނެތުމުގެ ސަބަބުން ބޭސް ހުސްވުމުގެ މައްސަލަތައް ކުރިމަތިވެފައިވާ ކަމަށެވެ. އެގޮތުން ބޭހަށް އެތައް މިލިއަން ރުފިޔާއެއް ހަރަދުކުރާއިރުވެސް، ބޭސް ލިބުމުގެ ދަތިކަން ނައްތާލުމަށްޓަކައި ޒަމާނީ ޑިޖިޓަލް ނިޒާމެއް އޮތުން މަޖުބޫރުކަން އޭނާ ފާހަގަކުރެއްވިއެވެ.
މި މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން އެންޓަޕްރައިސް ރިސޯސް މެނޭޖްމަންޓް (އީއާރުޕީ) ސިސްޓަމަކާއި އީ-ލޮޖިސްޓިކްސް ސިސްޓަމެއް ގާއިމުކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް ޑރ. ޝާހު ވިދާޅުވިއެވެ. މި އައު ނިޒާމުގެ ސަބަބުން ރާއްޖޭގައި މިވަގުތު ބޭހުގެ ސްޓޮކް ހުރި މިންވަރާއި، ކުރިއަށް އޮތް އަހަރު ބޭނުންވާނެ ބޭހުގެ ބާވަތްތަކާއި އަދަދު ދުރާލާ ދެނެގަނެވޭނެއެވެ.
މީގެއިތުރުން، މި ސިސްޓަމްގެ ސަބަބުން ކޮންމެ ރަށެއްގައިވެސް ތިބި ބަލިމީހުންގެ އަދަދަށް ބަލައި، އެ ރަށަކަށް ބޭނުންވާ ބޭސް މެދުނުކެނޑި ފޯރުކޮށްދިނުމުގެ ގާބިލްކަން ލިބިގެންދާނެ ކަމަށް ޑރ. ޝާހު ފާހަގަކުރެއްވިއެވެ. އަދި މިހާރު ބޭނުންކުރާ ސިސްޓަމުން ރާއްޖެއިން ލިބެން ހުރި ބޭހުގެ މައުލޫމާތުތައް ޑޮކްޓަރުންނަށްވެސް އެކަށީގެންވާ ގޮތެއްގައި ނުފެންނަކަން ފާހަގަކުރައްވައި، އައު ނިޒާމާއެކު އެ މައްސަލައަށްވެސް އެދެވޭ ހައްލެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން ޝާހު ވިދާޅުވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީއާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ދިވެހި ފާމަސިސްޓުން ތަމްރީނުކޮށް ސްޓޭޓްފާމާގެ ވަޒީފާތަކަށް ނެރުމުގެ މަސައްކަތެއް ފަށާފައިވާ ކަމަށެވެ.
އެނާ ވިދާޅުވީ، ރާއްޖޭގެ ބޭސްފަރުވާގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ގާބިލު ދިވެހި ފާމަސިސްޓުން އުފެއްދުމަކީ އެ ކޯޕަރޭޝަނުން ނުހަނު އިސްކަމެއް ދޭ ކަމެއް ކަމަށެވެ. އަދި މި ޕްރޮގްރާމުގެ ދަށުން ކިޔަވާ ދަރިވަރުންނަށް ކިޔެވުން ނިމުމާއެކު ވަޒީފާގެ ފުރުސަތު ކަށަވަރުވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ގައުމީ ޔުނިވަސިޓީއިން ހިންގާ ފާމަސީ ކޯސްތަކުގައި ބައިވެރިވާ ދަރިވަރުންނަށް ބޭނުންވާ އަމަލީ ތަޖުރިބާ ސްޓޭޓްފާމާގެ ދަށުން ހިންގާ ފާމަސީތަކުން ފޯރުކޮށްދީގެންނެވެ. މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ފާމަސީތަކަށް ބޭނުންވާ ފާމަސިސްޓުން ތަމްރީނުކުރުމުގައި ހާއްސަ އިސްކަމެއް ދެވޭނެއެވެ.
ޑރ. ޝާހު ވިދާޅުވީ، ރާއްޖޭގައި ހިންގާ ފާމަސީތަކުގެ ހިދުމަތުގެ ފެންވަރު މަތިކުރުމަށާއި، ބޭސް ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ފާމަސިސްޓުންގެ ދައުރު ވަރަށް ބޮޑު ކަމަށެވެ. އަދި މި ފުރުސަތުގެ ސަބަބުން ދިވެހި ޒުވާނުންނަށް ސިއްހީ ދާއިރާއިން ކުރިއަށް ދިއުމަށް އިތުރު މަގުތަކެއް ހުޅުވިގެންދާނެއެވެ.
ރާއްޖޭގެ ސިއްހީ ހިދުމަތް ދޭ ތަންތަނުގައި މަސައްކަތްކުރާ ދިވެހި ފާމަސިސްޓުންގެ އަދަދު އިތުރުކުރުމަކީ ސިއްހީ ދާއިރާ ތަރައްގީކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މުހިންމު ބައެކެވެ.
ރާއްޖޭގެ ފާމަސީ ނިޒާމު އެއް ފުރާޅެއްގެ ދަށަށް ބަދަލުކޮށް، ބޭސް ލިބުމުގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމުގެ މަސައްކަތް ސަރުކާރުން ބާރަށް ކުރިއަށްގެންދަވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޝާހު ވިދާޅުވީ، ރާއްޖެއަށް ބޭސް އެތެރެކުރުމާއި ރައްކާކުރުމުގެ އިތުރުން މުޅި ރާއްޖެއަށް ބޭސް ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން ކުރިއަށްދާ މުހިންމު މަސައްކަތެއް ކަމަށެވެ. އެގޮތުން އެސްޓީއޯ ފާމަސީތައް ހިމެނޭހެން މުޅި ފާމަސީ ވިއުގަ ސްޓޭޓްފާމާގެ ދަށަށް ބަދަލުކުރުމުގެ މަރުހަލާތައް ރޭވިގެން ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ރާއްޖޭގައި ބޭހުގެ ދަތިކަން ކުރިމަތިވާ މައިގަނޑު ސަބަބަކީ ބޭސް އެތެރެކުރުމާއި ސްޓޮކް ބެލެހެއްޓުމުގައި ޒަމާނުއްސުރެ އޮތް ނިޒާމީ މައްސަލަތަކާއި، ކުރިއާލައި ބޭނުންވާ މިންވަރު އަންދާޒާކުރެވޭނެ އިންތިޒާމެއް ނެތުން ކަމަށެވެ. އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ޒަމާނީ އީއާރުޕީ ސިސްޓަމެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެ ސިސްޓަމްގެ ސަބަބުން ރާއްޖޭގެ ކޮންމެ ސަރަހައްދެއްގެ ފާމަސީއެއްގައި ބޭސް ހުރި މިންވަރު ވަގުތުން ބަލައިލެވޭނެ ކަމަށް ޝާހު ވިދާޅުވިއެވެ.
ސްޓޭޓްފާމާގެ އެމްޑީ ޑރ. ޝާހު މާހިރު އެސްޓްރާޒެނެކާގެ އިސް ބޭފުޅަކާ އެކު --- ފޮޓޯ: ސްޓޭޓްފާމާ"ރާއްޖޭގެ ސިއްޚީ ދާއިރާ ކުރިއަރަމުން އަންނަވަރާ އަޅާބަލާއިރު، އެއާއި އެކަށީގެންވާ ވަރަކަށް ސިއްޚީ ދާއިރާގެ ތަކެތި، މާނައަކީ ސަޕްލައި ޗެއިން ތަރައްގީވެގެން އައިސްފައެއް ނެތް. ސިއްޚީ ދާއިރާގެ ހާލަތު މިއަދު މިއޮތް ފެންވަރަށް ދަށަށް ގޮސްފައިވަނީ މީގެ ކުރިން އެކަމަށް އަޅާނުލައި ދޫކޮށްލާފައި އޮތުމުން." ޑރ ޝާހު ވިދާޅުވިއެވެ.
ރާއްޖޭގެ އާބާދީ ކުޑަވުމުގެ ސަބަބުން ބައިނަލްއަގުވާމީ ބޮޑެތި ބޭސް އުފައްދާ ކުންފުނިތަކުން ސީދާ ބޭސް ގަތުމުގައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި ދުނިޔޭގެ ފެންވަރުގެ ބޮޑެތި ކުންފުނިތަކާއެކު ސީދާ މަޝްވަރާތައް ކުރެވެމުންދާކަން ޑރ. ޝާހު ފާހަގަކުރެއްވިއެވެ.
އަދި ރާއްޖޭގެ ތިން ސަރަހައްދެއްގައި ރީޖަނަލް މެޑިކަލް ވެއާހައުސްތައް ގާއިމުކުރުމުގެ ރޭވުންތައް ކުރިއަށްދާކަމާއި، ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ބޭސްތައް މެދުކެނޑުމެއްނެތް ގޮތެއްގައި ފޯރުކޮށްދިނުމަށް ސްޓޭޓްފާމާއިން ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާކަން އޭނާގެ ވާހަކަފުޅުގައި އެކުލެވިގެންވެއެވެ.