ރައްޔިތުންގެ މަޖިލީހުގެ އިދާރާ ހިންގުމަށް އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި މުސާރައާއި އެލަވަންސް އަދި އިތުރު މަގާމުތައް އުފެއްދުން ނުހިމެނޭނެ ކަމަށް މަޖިލީހުގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަޙްމަދު ފާއިޒް މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.
މިކަން އޭނާ ހާމަކުރެއްވީ އަންނަ އަހަރަށް ލަފާކުރާ މަޖިލީހުގެ އިދާރާ ބަޖެޓާ ގުޅޭގޮތުން މަޝްވަރާކުރުމަށް މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޢާންމު ކޮމިޓީގެ ބައްދަލުވުމުގައެވެ.
ފާއިޒް ވިދާޅުވީ، އަންނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ލަފާކޮށްފައިވަނީ 227 މިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށާއި އެއީ މި އަހަރަށް ކަނޑައަޅައިފައިވާ ބަޖެޓާ އަޅާބަލާއިރު ގާތްގަނޑަކަށް 1.5 މިލިއަން ރުފިޔާގެ އިތުރުވުމެއް ކަމަށެވެ.
"އަޅުގަނޑު ދަންނަވާލަން ބޭނުންވޭ، މި އަންނަ އަހަރަށް އަޅުގަނޑުމެން ލަފާކުރާ ބަޖެޓުގައި މުސާރަ ބޮޑުކުރުން ނުވަތަ އާ މަގާމު އުފެއްދުން ނުވަތަ އަލަށް އެލަވަންސެއް ތައާރަފުކުރުން ނުވަތަ އެލަވަންސެއް ބޮޑުކުރުން، އެކަހަލަ އެއްވެސް ކަމެއް ހިމަނައިފައި ނުވާނެ،" އޭނާ ވިދާޅުވިއެވެ.
ކޮމިޓީގައި ވާހަކަދައްކަވަމުން ފާއިޒް ވިދާޅުވީ އާންމު ޚަރަދުތަކުގެ ބަޖެޓު ކުޑަ ނަމަވެސް ބަޖެޓު އިތުރުވެފައިވާ މައިގަނޑު ސަބަބަކީ މަރާމާތަށް ކުރަންޖެހޭ ޚަރަދުތަކާއި، ޖަލްސާތައް ބޭއްވުމަށް ބޭނުންވާ އިކުއިޕްމަންޓްސް ފަދަ އެސެޓްސް ގަތުމަށް ހިމަނާފައިވުމުން ކަމަށެވެ.

މިއަދު ކުރިއަށްދިޔަ އާންމު ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން.. ފޮޓޯ/ މަޖިލިސް
މީގެ އިތުރުން، މަޖިލީހުގައި ބެކަޕް ޖެނެރޭޓަރު ސިސްޓަމެއް ގާއިމުކުރުމަށް ސްޓެލްކޯއާ ގުޅިގެން ކުރިއަށްގެންދާ ޕްރޮޖެކްޓް މިހާރު އޮތީ ފިނޭންސް މިނިސްޓްރީގެ ބީލަން މަރުހަލާގައިކަން ފާއިޒް ފާހަގަކުރެއްވިއެވެ. އަދި މި ޕްރޮޖެކްޓް ފެށުމަށްޓަކައި މި އަހަރު އެޑްވާންސްގެ ގޮތުގައި 20 އިންސައްތަ އެ ޕްރޮޖެކްޓަށް ދައްކަންޖެހޭތީ އެކަމަށް ފަސް މިލިއަން ރުފިޔާ ބޭނުންވާ ކަމަށާއި، ބަޖެޓު އިތުރުވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި އެ ޚަރަދުވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހަށް ލަފާކުރާ ބަޖެޓާމެދު މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ވަކި ގޮތެއް ނިންމިފައެއް ނުވެއެވެ. އެހެންކަމުން ހުށަހެޅިފައިވާ ބަޖެޓާމެދު އިތުރަށް ބަހުސްކޮށް ދިރާސާކުރުމަށްޓަކައި އިތުރު ކޮމިޓީ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކާ ގޮތުގައި، މަޖިލީހުގެ އިދާރާއަށް މި އަހަރުގެ މިހާތަނަށް ވަނީ 121.7 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. މިދިޔަ އަހަރު މަޖިލީހުގެ އިދާރާއަށް 206 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައެޅިއިރު، އަހަރު ނިމުނުއިރު ހޭދަކުރީ 205 މިލިއަން ރުފިޔާއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މުސާރައާއި އިނާޔަތްތައް ހިމެނޭ ރިކަރަންޓު ޚަރަދަށް ދައުލަތުން ބޮޑު ހޭދައެއް ކުރާއިރު، މި އަހަރު ވެސް، މިދިޔަ އަހަރު ވެސް ރިކަރަންޓު ކަރަންޓު ޚަަރަދު ވަނީ އޭގެ ކުރީ މުއްދަތުތަކަށް ވުރެ ބޮޑުވެފައެވެ. އޭގެ ސަބަބުން ސަރުކާރަށް ފާޑުކިޔުންތައް ވެސް އަމާޒުވެފައިވެއެވެ.