ބިންތައް ނެގުމާ ދެކޮޅު ޕެޓިޝަން ޖަލްސާއަކަށް އެޖެންޑާ ކުރަނީ

ސަރުކާރާ ގާތްގުޅުމެއް އޮންނަ، ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު ހަންނާން-- ފޮޓޯ: މަޖިލިސް

ކައުންސިލުތަކުގެ ބެލުމުގެ ދަށުގައި ހިމެނޭ ބިންތައް ސަރުކާރަށް ނަގައި ކައުންސިލުތަކުގެ ދަށުން އެ ބިންތައް ވަކިކުރުމުގެ ބާރު ސަރުކާރަށް ދޭ ބިލު އަނބުރާ ގެންދިއުމަށް ގޮވައިލައި ހުށަހެޅި ޕެޓިޝަނާ މެދު ކައުންސިލުތަކުގެ ބެލެނިވެރި އިދާރާ ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ބަހެއް ހޯދުމަށާއި ކުރިއަށް އޮތް ތިން ޖަލްސާގެ ތެރެއިން ޖަލްސާއަކަށް ޕެޓިޝަން އެޖެންޑާކުރަން ޕެޓިޝަން ކޮމިޓީން ނިންމައިފިއެވެ.

މިއަދު ބޭއްވި ޕެޓިޝަން ކޮމިޓީގެ ބައްދަލުވުމަށް ދެ ހުށަހެޅުމެއް ލިބުނެވެ. އެއީ ޕެޓިޝަނާ މެދު އެލްޖީއޭއިން ދެކޭ ގޮތް ލިއުމުން ހޯދުމަށް މަޑަވެލި ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު ޝަމީޒު ހުށަހެޅުއްވި ހުށަހެޅުއްވުމާއި ކުރިއަށް އޮތް ތިން ޖަލްސާގެ ތެރެއިން ޖަލްސާއަކަށް ޕެޓިޝަން އެޖެންޑާކުރަން ދިއްދޫ ދާއިރާގެ ޕީއެންސީ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު ހުށަހެޅުއްވި ހުށަހެޅުއްވުމެވެ.

މިއަދު އޮތް ކޮމިޓީ ބައްދަލުވުމުގައި ދެ ހުށަހެޅުން ވެސް ވަނީ ހާޒިރުވި މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައެވެ.

ފާހަގަކުރެވޭ ގޮތުގައި ކައުންސިލުތަކުގެ ދަށުގައި ބިންތައް ސަރުކާރަށް ނެގޭ ގޮތަށް ބާރު ދިނުމަށް މަގުފަހިވާ ގޮތަށް ހުށަހެޅި ބިލުގެ މަސައްކަތް މިއަދަށް ނިންމަން ތާވަލުކުރުމަށް ފަހު، ބިލުގެ މަސައްކަތް ވަނީ އަންނަ ބުރާސްފަތި ދުވަހަށް ދަންމައިލައިފައެވެ.

https://sun.mv/226080

ސޯޝަލް މީޑިއާ އެކްޓިވިސްޓް މިދުޢަމް ސަޢުދު މި މަހުގެ އަށްވަނަ ދުވަހު ހުށަހެޅި ޕެޓިޝަންގައި ވަނީ، ކައުންސިލުތަކުގެ ދަށުގައި ބިންތައް ސަރުކާރަށް ނެގޭ ގޮތަށް ބާރު ދިނުމުގެ އާޚިރު ނަތީޖާއަކަށް ވާނީ އާންމުން އިންތިޚާބުކުރާ ކައުންސިލަރުންގެ ބާރު ކެނޑި، އެ ބާރު ވަޒީރުންގެ މަޖިލީހަށް ލިބުން ކަމަށެވެ. އޭރުން ކައުންސިލަރުން ވަޒީރުންގެ ނިންމުންތަކާ ދެކޮޅު ހަދާ ކަމަށް ބުނެ ކައުންސިލަރުންނަށް ފިޔަވަޅު އަޅަން ފުރުސަތު ލިބޭ ކަމަށް، ޕެޓިޝަންގައި ބަޔާންކޮށްފައިވެއެވެ.

ޕެޓިޝަންގައި އޮތް ގޮތުގައި، މި ބިލުގެ ސަބަބުން އާންމުން ކަންކަމުގައި ބަސް ބުނުމުގެ ހައްގު ވެސް ހަނިވެއެވެ.

މި ޕެޓިޝަނަށް ހަފުތާއެއް ތެރޭ 2،100 މީހުންގެ ސޮއި ލިބިފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އީ-ޕެޓިޝަން ގަވައިދުގައިވާ ގޮތުން ޕެޓިޝަނަކަށް 2،100 ސޮއި، ނުވަތަ ވޯޓުލެވޭ އާބާދީގެ 0.5 އިންސައްތަ ހަމަވުމުން އެ ޕެޓިޝަން ދިރާސާކުރުމަށް ކަމާ ގުޅުންހުރި ކޮމިޓީއަށް ފޮނުވައިލަން ވާނެއެވެ. ވުމާއެކު ޕެޓިޝަން ކޮމިޓީގެ ބައްދަލުވުމެއް މިއަދު 12 ޖަހާއިރަށް ތާވަލުކޮށްފައިވެއެވެ. ބެލެވޭ ގޮތުގައި ބިލުގެ މަސައްކަތުގެ ސުންގަޑި ފަސްކުރީ ޕެޓިޝަންގެ ސަބަބުންނެވެ.

މި ބިލު ހުށަހެޅުއްވި، ސަރުކާރަށް ތާއީދުކުރައްވާ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު ޢަބްދުލްޙައްނާން އަބޫބަކުރު މީގެ ކުރިން ވިދާޅުވެފައިވަނީ، މި ބިލުގެ މައިގަނޑު ބޭނުމަކީ ސަރުކާރުގެ ތަރައްޤީގެ މަޝްރޫއުތައް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދިއުމަށް ޓަކައި ކައުންސިލްތަކުގެ އެއްބާރުލުން ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން ކަށަވަރުކުރުން ކަމަށެވެ.

އަދި ދައުލަތުގެ މަޝްރޫޢުތަކަށް ބޭނުންވާ ބިންތަކާ ގުޅޭ އިޖުރާއަތްތައް ހަރުދަނާކުރުމަކީ ވެސް މި ބިލުގެ މަގްސަދެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް، މި ބިލުގެ ދަށުން ރަށެއްގެ ނުވަތަ ސިޓީއެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ފާސްކުރުމުގެ ކުރިން ވެސް، ވަޒީރުންގެ މަޖިލީހުން ބޭނުންވެއްޖެ ހިނދެއްގައި ކައުންސިލްގެ ދަށުން ބިން ވަކިކޮށް ސަރުކާރަށް ނެގޭނެ ގޮތަށް އޮތުމުން، އެކަމަށް ކަންބޮޑުވުން ވަނީ އަމާޒުވެފައެވެ.

comment ކޮމެންޓް