ބައިރޫތު (16 އޮގަސްޓް 2026) : އިސްރާއީލުން ދެކުނު ލުބްނާނުގެ މީހުން ގިނަ ސަރަހައްދުތަކަށް ހަމަލާދީ ލުބްނާނުގެ 11 މީހަކު ޝަހީދުކޮށްލައިފިއެވެ.
މި 11 މީހުންގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުންވެސް ހިމެނެއެވެ. މި ލާއިންސާނީ ޖަރީމާ އިސްރާއީލުން ހިންގާފައި މިވަނީ އެމެރިކާ މެދުވެރިވެގެން ލުބްނާނުގެ ސަރުކާރާއި އިސްރާއީލާ ދެމެދު ވާހަކަދެކެވިގެން އެކުލަވާލި ސުލްހައިގެ އޮނިގަނޑަށް އިސްރާއީލު އެއްބަސްވި ފަހުންނެވެ.
މި އޮނިގަނޑަށް އިސްރާއީލު އެއްބަސްވިނަމަވެސް އިސްރާއީލު ގެންދަނީ ދެކުނު ލުބްނާނުން ފޭބުމަށް ދެކޮޅުހަދައި ދެކުނު ލުބްނާނުގެ އަވަށްތަކަށް ތަކުރާރުކޮށް ހަމަލާތައް ދެމުންނެވެ. އަދި އިސްރާއީލު ވެރިވެގެންފައިވާ ދެކުނު ލުބްނާނުގެ ބިންތަކުން ފޭބުމަށްވެސް ދެކޮޅު ހަދަމުންނެވެ.
އިސްރާއީލުން ހަމަލާދީ 11 މީހުން ޝަހީދުކޮށްލީ ދެކުނު ލުބްނާނުގެ ދެ އަވަށެއްކަމަށްވާ އަންސާރު އާއި ދީރުއްޒަހްރާނީ އަވަށުންނެވެ. މީގެއިތުރުން ލީތާނީ ކޯރުގެ އުތުރުގައިވާ ސަރަހައްދުތަކަށްވެސް އިސްރާއީލުވަނީ ބޮޑުބަޑިން އެތަށް ހަމަލާތަކެއް ދީފައެވެ.
ލުބްނާނުގައި އިސްރާއީލާ ދެކޮޅަށް ޖިހާދުކުރާ ޙިޒްބުﷲ ޖަމާއަތުންވަނީ މި ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އިސްރާއީލުގެ އުތުރުގެ ސަރަހައްދުތަކަށް ހަމަލާދޭނެކަމުގެ އިންޒާރު ދީފައެވެ. ހިޒްބުﷲ ގެ ރައްދު ހަމަލާތަކެއްގައި މިދިޔަ ހަފްތާގައި އިސްރާއީލު ސިފައިންގެ 3 މީހަކުވަނީ ޒަޚަމް ވެފައެވެ. އޭގެކުރީ ހަފްތާގައި ހިޒްބުﷲ ވަނީ އިސްރާއީލު ސިފައިންގެ ދެމީހަކު މަރާލާފައެވެ.
އެމެރިކާ މެދުވެރިއަކަށް ވެގެން ލުބްނާނުގެ ސަރުކާރާއި ޔަހޫދީ އިސްރާއީލާ ދެމެދު ދައްކަމުން ގެންދާ ސުލްހައިގެ ވާހަކަތައް ބިނާކޮށްފައިވަނީ އިސްރާއީލުގެ އުދުވާން އާ ދެކޮޅަށް ޖިހާދުކުރާ ޙިޒްބުﷲ ޖަމާއަތުގެ ހަތިޔާރު ނިގުޅައިގަތުމުގެ މައްޗަށެވެ.
ނަމަވެސް ލުބްނާނުގެ ސިފައިންނަކީ އިސްރާއީލުގެ އުދުވާން އާ ކުރިމަތިލެވޭވަރަށްވުރެ ބަލިކަށި ލަޝްކަރަކަށްވާތީ ހިޒްބުﷲ ގެންދަނީ ހަތިޔާރު ބެހެއްޓުމަށް ދެކޮޅު ހަދަމުންނެވެ. އެއީ ހަތިޔާރު ބަހައްޓައިފިނަމަ އިސްރާއީލުން ލުބްނާން ހިފައިފާނެތީއެވެ.
އިސްރާއީލުން 1982 ވަނައަހަރު ލުބްނާނުގެ ދެކުނު ސަރަހައްދު ހިފިއިރުވެސް ލުބްނާންގެ ސިފައިންނަށް ކުރެވުނު އެއްކަމެއްވެސް ނެތެވެ. ހިޒްބުﷲ ވުޖޫދަށް އައީ ލުބްނާންގެ ބިންތަކުން އިސްރާއީލު ފައްސާލުމަށްޓަކައި 1980 ގެ އަހަރުތަކުގެ ފަހުކޮޅުގައެވެ.
ދެކުނު ލުބްނާނުން އިސްރާއީލުގެ އިސްތިއުމާރީ ބާރުތައް ފައްސާލައި ދެކުނު ލުބްނާން އިސްރާއީލުގެ އިސްތިއުމާރުން މިނިވަންކުރީ ހިޒްބުﷲ އިންނެވެ.
ހިޒްބުﷲ އަކީ އިސްރާއީލުން ބޮޑުކޮށް ފުޅާކޮށް ގްރޭޓާ އިސްރާއީލު އުފައްދަން އިސްރާއީލު ކުރާ އިސްތިއުމާރީ މަސައްކަތްތަކަށް ސަރަހައްދުގައި އޮތް އެންމެ ބޮޑު ހުރަސްކަމަށްވާތީ ހިޒްބުﷲ ގެ ދުވަސްދުއްވާލުމަށް އިސްރާއީލުވަނީ ޓެރަރިޒަމްގެ އެތަށް އަމަލުތަކެއް ހިންގާފައެވެ. މީގެތެރޭގައި ޓެރަރިސްޓް ހަމަލާތައްދީގެން ހިޒްބުﷲ ގެ އިސްވެރިން ޝަހީދުކޮށްލުން ހިމެނެއެވެ.
މީގެއިތުރުން ހިޒްބުﷲ ގެ ހަތިޔާރު ނިގުޅައިގަތުމަށް ލުބްނާނަށް ޕްރެޝަރުކޮށްގެން އިސްރާއީލާއި އެމެރިކާ ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ނަމަވެސް ހިޒްބުﷲ ވަނީ މިކަމާ ދެކޮޅު ހަދާފައެވެ،