ކައުންސިލުތަކުގެ ބެލުމުގެ ދަށުގައި ހިމެނޭ ބިންތައް ސަރުކާރަށް ނަގައި ކައުންސިލުތަކުގެ ދަށުން އެ ބިންތައް ވަކިކުރުމުގެ ބާރު ސަރުކާރަށް ދޭ ބިލު އަނބުރާ ގެންދިއުމަށް ގޮވައިލައި ހުށަހެޅި ޕެޓިޝަން ކޮމިޓީއަށް ފޮނުވަން ޖެހޭ ވަރަށް ވުރެ އިތުރަށް ސޮއި ހަމަކޮށްފިއެވެ.
ސޯޝަލް މީޑިއާ އެކްޓިވިސްޓް މިދުޢަމް ސަޢުދު ރައްޔިތުންގެ މަޖިލީހުގެ އީ-ޕެޓިޝަން މެދުވެރިކޮށް މިދިޔަ ހޮނިހިރު ދުވަހު ހުށަހެޅި ޕެޓިޝަނަށް ހަފުތާއެއްގެ ތެރޭ 2،100އަށް ވުރެ ގިނަ މީހުންގެ ސޮއި ވަނީ ލިބިފައެވެ. އަދިވެސް މި ޕެޓިޝަންގައި ސޮއިކުރުމަށް ބާކީ 37 ދުވަސް އެބަ އޮތެވެ.
މަޖިލީހުގެ އީ-ޕެޓިޝަން ގަވައިދުގައިވާ ގޮތުން ޕެޓިޝަނަކަށް 2،100 ސޮއި، ނުވަތަ ވޯޓުލެވޭ އާބާދީގެ 0.5 އިންސައްތަ ހަމަވުމުން އެ ޕެޓިޝަން ދިރާސާކުރުމަށް ކަމާ ގުޅުންހުރި ކޮމިޓީއަށް ފޮނުވައިލަން ވާނެއެވެ.
މިދުޢަމްގެ ޕެޓިޝަންގައި ވަނީ، ކައުންސިލުތަކުގެ ދަށުގައި ބިންތައް ސަރުކާރަށް ނެގޭ ގޮތަށް ބާރު ދިނުމުގެ އާޚިރު ނަތީޖާއަކަށް ވާނީ އާންމުން އިންތިޚާބުކުރާ ކައުންސިލަރުންގެ ބާރު ކެނޑި، އެ ބާރު ވަޒީރުންގެ މަޖިލީހަށް ލިބުން ކަމަށެވެ. އޭރުން ކައުންސިލަރުން ވަޒީރުންގެ ނިންމުންތަކާ ދެކޮޅު ހަދާ ކަމަށް ބުނެ ކައުންސިލަރުންނަށް ފިޔަވަޅު އަޅަން ފުރުސަތު ލިބޭ ކަމަށް، ޕެޓިޝަންގައި ބަޔާންކޮށްފައިވެއެވެ.
ޕެޓިޝަންގައި އޮތް ގޮތުގައި، މި ބިލުގެ ސަބަބުން އާންމުން ކަންކަމުގައި ބަސް ބުނުމުގެ ހައްގު ވެސް ހަނިވެއެވެ.
މި ބިލު ހުށަހެޅުއްވި މެންބަރު ޢަބްދުލްޙައްނާން މީގެކުރިން ވިދާޅުވެފައިވަނީ، މި އިޞްލާހުގެ މައިގަނޑު ބޭނުމަކީ ސަރުކާރުގެ ތަރައްޤީގެ މަޝްރޫއުތައް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދިއުމަށް ޓަކައި ކައުންސިލްތަކުގެ އެއްބާރުލުން ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން ކަށަވަރުކުރުން ކަމަށެވެ.
އަދި ދައުލަތުގެ މަޝްރޫޢުތަކަށް ބޭނުންވާ ބިންތަކާ ގުޅޭ އިޖުރާއަތްތައް ހަރުދަނާކުރުމަކީ ވެސް މި ބިލުގެ މަގްސަދެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް، މި އިޞްލާހުގެ ދަށުން ރަށެއްގެ ނުވަތަ ސިޓީއެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ފާސްކުރުމުގެ ކުރިން ވެސް، ވަޒީރުންގެ މަޖިލީހުން ބޭނުންވެއްޖެ ހިނދެއްގައި ކައުންސިލްގެ ދަށުން ބިން ވަކިކޮށް ސަރުކާރަށް ނެގޭނެ ގޮތަށް އޮތުމުން، އެކަމަށް ކަންބޮޑުވުން ވަނީ އަމާޒުވެފައެވެ.
މި ބިލުގެ މަސައްކަތް މާދަމާއަށް ނިންމަން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ވަނީ މިދިޔަ އަންގާރަ ދުވަހު ނިންމައިފައެވެ.
ފާހަގަކުރެވޭ ގޮތުގައި ކައުންސިލްތަކުގެ ދައުރު ހަމަވާން ގާތްވުމުން ކައުންސިލް އިދާރާއަށް މުވައްޒަފުން ނެގުމާއި، ކައުންސިލްގެ އިޚްތިސާސްގެ ދަށުގައި ހުރި ބިމާއި، ފަޅާއި، ފަރުގެ ސަރަހައްދުތައް ކުއްޔަށް ދިނުން ވެސް ފިނޭންސް މިނިސްޓްރީ އަދި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ކަނޑައަޅާ އުސޫލުތަކުގެ ދަށުން ނޫނީ ނުކުރެވޭ ގޮތް ހިމެނޭހެން ކައުންސިލުތަކުގެ ބައެއް ބާރުތައް ހަނިކުރަން ނިންމައި، މިދިޔަ އަހަރު އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ވަނީ ބަދަލު ގެނެސްފައެވެ.
ހަމަ އެއާއެކު ސަރުކާރުން ބޭނުންވާ މަޝްރޫއުތައް ހިންގަން ބިން ނުދިނުން ފަދަ ކަންކަން ބައެއް ކައުންސިލުތަކުން ކޮށް، މަޝްރޫއުތައް ހިންގަން ހުރަސް އަޅާ ކަމަށް އެކި ފަހަރު މަތިން ސަރުކާރުގެ އިސްވެރިން މީގެ ކުރިން ވިދާޅުވެފައި ވެސް ވެއެވެ.