ކައުންސިލްތަކުގެ އިހުތިޞާސުގައި ހިމެނޭ ބިން، ސަރުކާރަށް ނެގޭ ބިލާ ދެކޮޅަށް ޕެޓިޝަނެއްގައި ސޮއިކުރަނީ

ރައްޔިތުންގެ މަޖިލީޙުގެ ޖަލްސާއެއްގެ ތެރެއިން ---

ކައުންސިލްތަކުގެ އިހުތިޞާސްގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާ ދެކޮޅަށް ރައްޔިތުންގެ ސޮއި ހޯދުމަށް ޕެޓިޝަނެއް ފަށައިފިއެވެ.

މި ޕެޓިޝަންގެ މަސައްކަތް ކުރިއަށްދާކަން ހާމަކުރީ ސޯޝަލް މީޑިއާ އެކްޓިވިސްޓް މިދުއަމް ސައުދު އެކްސްގައި ކުރި ޕޯސްޓެއްގައެވެ.

މި ޕެޓިޝަނަކީ ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙައްނާން އަބޫބަކުރު ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު އަނބުރާ ގެންދިއުމަށް ގޮވާލާ ހުށަހަޅާ ޕެޓިޝަނެކެވެ.

ޕެޓިޝަންގައި ފާހަގަކޮށްފައިވާ ގޮތުގައި، މި އިސްލާހުގެ ސަބަބުން ރައްޔިތުންގެ ސީދާ ވޯޓުން އިންތިޚާބުކޮށްފައިވާ ކައުންސިލަރުންގެ ބާރު ކެނޑި، އެ ބާރުތައް ވަޒީރުންގެ މަޖިލީހަށް ލިބިގެންދާނެއެވެ.

އަދި ވަޒީރުންގެ މަޖިލީހުން ނިންމާ ނިންމުންތަކަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ، ރައްޔިތުން ތަމްސީލުކުރާ ކައުންސިލަރުންނަށް ފިޔަވަޅު އެޅުމުގެ ފުރުސަތު މި ބިލުގެ ދަށުން ފަހިވެގެންދާނެ ކަމަށްވެސް ޕެޓިޝަންގައި ބަޔާންކޮށްފައިވެއެވެ.

މި އިސްލާހަކީ ލާމަރުކަޒީ ޤާނޫނުގެ ރޫހާ ޚިލާފު، އަދި ރައްޔިތުންގެ ބާރު ހަނިކުރާ އަމަލެއްގެ ގޮތުގައި ޕެޓިޝަންގައި ވަނީ ސިފަކޮށްފައެވެ.

މި ބިލު ހުށަހެޅުއްވި މެންބަރު ޢަބްދުލްޙައްނާން މީގެކުރިން ވިދާޅުވެފައިވަނީ، މި އިޞްލާހުގެ މައިގަނޑު ބޭނުމަކީ ސަރުކާރުގެ ތަރައްޤީގެ މަޝްރޫއުތައް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދިއުމަށް ޓަކައި ކައުންސިލްތަކުގެ އެއްބާރުލުން ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން ކަށަވަރުކުރުން ކަމަށެވެ.

އަދި ދައުލަތުގެ މަޝްރޫޢުތަކަށް ބޭނުންވާ ބިންތަކާ ގުޅޭ އިޖުރާއަތްތައް ހަރުދަނާކުރުމަކީ ވެސް މި ބިލުގެ މަގްސަދެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް، މި އިޞްލާހުގެ ދަށުން ރަށެއްގެ ނުވަތަ ސިޓީއެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ފާސްކުރުމުގެ ކުރިން ވެސް، ވަޒީރުންގެ މަޖިލީހުން ބޭނުންވެއްޖެ ހިނދެއްގައި ކައުންސިލްގެ އިހުތިޞާޞުން ބިން ވަކިކޮށް ސަރުކާރަށް ނެގޭނެ ގޮތަށް އޮތުމުން، އެކަމަށް ކަންބޮޑުވުން ވަނީ އަމާޒުވެފައެވެ.

ފާހަގަކުރެވޭ ގޮތުގައި ކައުންސިލްތަކުގެ ދައުރު ހަމަވާން ގާތްވުމުން ކައުންސިލް އިދާރާއަށް މުވައްޒަފުން ނެގުމާއި، ކައުންސިލްގެ އިޚްތިސާސްގެ ދަށުގައި ހުރި ބިމާއި، ފަޅާއި، ފަރުގެ ސަރަހައްދުތައް ކުއްޔަށް ދިނުން ވެސް ފިނޭންސް މިނިސްޓްރީ އަދި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ކަނޑައަޅާ އުސޫލުތަކުގެ ދަށުން ނޫނީ ނުކުރެވޭ ގޮތް ހިމެނޭހެން ކައުންސިލުތަކުގެ ބައެއް ބާރުތައް ހަނިކުރަން ނިންމައި، މިދިޔަ އަހަރު އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ވަނީ ބަދަލު ގެނެސްފައެވެ.

ހަމަ އެއާއެކު ސަރުކާރުން ބޭނުންވާ މަޝްރޫއުތައް ހިންގަން ބިން ނުދިނުން ފަދަ ކަންކަން ބައެއް ކައުންސިލުތަކުން ކޮށް، މަޝްރޫއުތައް ހިންގަން ހުރަސް އަޅާ ކަމަށް އެކި ފަހަރު މަތިން ސަރުކާރުގެ އިސްވެރިން މީގެ ކުރިން ވިދާޅުވެފައި ވެސް ވެއެވެ.

comment ކޮމެންޓް