ކޮލޯރެކްޓަލް ސާޖަރީގެ ފުރަތަމަ ދިވެހި ސަބް ސްޕެޝަލިސްޓް އައިޖީއެމްއެޗާ ގުޅިއްޖެ

ޑރ. ހައްމާދު އާދަމް ---

ރާއްޖޭގެ ފުރަތަމަ ކޮލޯރެކްޓަލް ސާޖަރީ ކޮންސަލްޓަންޓް ސަބް ސްޕެޝަލިސްޓް، ޑރ. ހައްމާދު އާދަމް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އާ ގުޅިއްޖެއެވެ.

އައިޖީއެމްއެޗުން ރޭ ބުނި ގޮތުގައި، ކޮލޯރެކްޓަލް ސާޖަރީގެ ފުރަތަމަ ދިވެހި ކޮންސަލްޓަންޓް ސަބް ސްޕެޝަލިސްޓުގެ ގޮތުގައި ޑރ. ހައްމާދު އެ ހޮސްޕިޓަލުގެ ޓީމާ އަލުން ގުޅުމަކީ ރާއްޖޭގެ ސިއްހީ ހިދުމަތުގެ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

ކޮލޯރެކްޓަލް ސާޖަރީއަކީ ގޮހޮރާއި، ފުރަމޭ އަދި ޗިސްމޭގެ އިތުރުން ބޮޑުކަމުދާ ނިޒާމަށް ދިމާވާ ބަލިތަކަށް ހާއްސަ އޮޕަރޭޝަންތައް ކުރުމުގެ ދާއިރާއެވެ. މީގެ ތެރޭގައި ގޮހޮރުގެ ކެންސަރާއި، ފުރަމޭގެ ބަލިތަކުގެ އިތުރުން ހަޖަމުކުރާ ނިޒާމަށް ދިމާވާ އެކި ކަހަލަ އުނދަގޫތަކަށް ފަރުވާދިނުން ހިމެނެއެވެ.

https://www.sun.mv/225057

އައިޖީއެމްއެޗްގެ ސާޖަރީ ޑިޕާޓްމަންޓުން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ސާޖިކަލް ގެސްޓްރޯއެންޓްރޮލޮޖީގެ ދަށުން ކޮލޯރެކްޓަލް ސާޖަރީއާއި ހެޕަޓޯބިލިއަރީ އޮޕަރޭޝަންތައް އެ ހޮސްޕިޓަލުގައި ކުރެއެވެ.

މި ދާއިރާއިން ހާއްސަވެފައިވާ ދިވެހި ޑޮކްޓަރަކު ހިދުމަތަށް ނުކުތުމުން، މިފަދަ ބަލިތަކަށް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދާންޖެހޭ މިންވަރު މަދުކުރެވޭނެ ކަމަށް އައިޖީއެމްއެޗުން ފާހަގަކުރެއެވެ. ހާއްސަކޮށް ގޮހޮރުގެ ކެންސަރު ފަދަ ބަލިތަކަށް ރާއްޖޭގައި ތިބެގެން ފަރުވާ ހޯދުމުގެ މަގު މިކަމުގެ ސަބަބުން އިތުރަށް ފަހިވާނެއެވެ.

ރާއްޖޭގައި ދިވެހީން ނެތް ދާއިރާތަކުން ހާއްސަވެގެން ދިވެހި ޑޮކްޓަރުން ހިދުމަތާ ގުޅޭ މިންވަރު އަންނަނީ އިތުރުވަމުންނެވެ. މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް ކުރިން ވިދާޅުވި ގޮތުގައި، ސްޕެޝަލިސްޓު ތަމްރީނުތަކަށް ފަހު މިއަހަރުގެ ދިވެހި 16 ޑޮކްޓަރަކު ވަނީ ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗާ ގުޅިފައެވެ. އޭގެ ތެރޭގައި ރާއްޖެއަށް މުޅިން އަލަށް ތައާރަފުވާ ބައެއް ދާއިރާތަކުން ތަމްރީނުވި ސްޕެޝަލިސްޓުންނާއި ސަބް ސްޕެޝަލިސްޓުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މި އަހަރު އަލަށް ގުޅުނު ޑޮކްޓަރުންގެ ތެރޭގައި ނިއުރޯ އިންޓަވެންޝަނަލް ރޭޑިއޮލޮޖީއާއި ޕީޑިއަޓްރިކް ޑެންޓިސްޓްރީ ފަދަ ދާއިރާތަކުގެ ޑޮކްޓަރުން ހިމެނޭ ކަމަށް ރައްޒާގު ވިދާޅުވިއެވެ.

މީގެ އިތުރުން، އައިޖީއެމްއެޗްގައި ދާދި ފަހުން ވަނީ ރޮބޮޓިކް ސާޖަރީގެ ހިދުމަތް ވެސް ފަށަން ނިންމައި ތައްޔާރީތައް ފަށައިފައެވެ. މި ހިދުމަތްތަކާއެކު، ބޮޑެތި އޮޕަރޭޝަންތައް ކުރުމަށް ރާއްޖެއިން ބޭރަށް ކުރާ ހޭދަ ކުޑަކުރެވޭނެ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

comment ކޮމެންޓް