އިންޑިއާގައި ސިއްހީ ސާމާނު 2،841 އިންސައްތަ އަގު ބޮޑުކޮށް ވިއްކާ

ދިވެހީން އާއްމުކޮށް ބޭސް ފަރުވާއަށް ގޮސް އުޅޭ، އިންޑިއާގެ ހޮސްޕިޓަލުތަކުގައި އާންމުކޮށް ބޭނުންކުރާ ސާމާނުތަކުގެ އަގު، އޭގެ އަސްލު އަގަށްވުރެ 2،841 އިންސައްތަ ބޮޑުކޮށްފައިވާކަން އެ ގައުމުގެ މަހާރާޝްޓްރާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ހާމަކޮށްފިއެވެ.

އެފްޑީއޭގެ ކޮމިޝަނަރު ތުކާރާމް މުންދޭ އަންގާރަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، މިއީ ގަވާއިދުތަކުގައި ހުރި ބޮޑު މައްސަލައެކެވެ. ހޯލްސޭލް މާކެޓުގައި 11 ރުޕީސްއަށް ލިބެން ހުންނަ އައިވީ ސެޓެއްގެ އެމްއާރްޕީ ނުވަތަ ވިއްކާ އަގުގެ ގޮތުގައި 325 ރުޕީސް ޖަހާފައިވާއިރު، ހަތް ރުޕީސްއަށް ވުރެ ހެޔޮކޮށް ލިބޭ ސިރިންޖެއްގެ އަގު އުޅެނީ 60 ރުޕީސްގައެވެ. މީގެ އިތުރުން، ޕޭސްމޭކަރާއި، ހިތުގެ ވޭލް އަދި ލޮލަށް ލައްވާ ލެންސް ފަދަ އަގުބޮޑު ސާމާނުތައް އެތެރެކުރާ އަގަށްވުރެ 10 ގުނައާއި 30 ގުނައާ ދެމެދުގެ މިންވަރަކަށް އެމްއާރްޕީ ބޮޑުކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މިކަމުގެ ސަބަބުން ބަލިމީހުންގެ ހޮސްޕިޓަލު ބިލުތައް އިންތިހާއަށް ބޮޑުވެ، އަމިއްލަ ޖީބުން ކުރަންޖެހޭ ހަރަދު ވަރަށް ބޮޑަށް އިތުރުވެގެންދެއެވެ.

މުންދޭ ވިދާޅުވި ގޮތުގައި، 2013 ވަނަ އަހަރުގެ ޑްރަގްސް އޯޑަރުގެ ދަށުން ބޭހުގެ އަގު ކޮންޓްރޯލްކޮށްފައިވީ ނަމަވެސް، ގިނަ މެޑިކަލް ޑިވައިސްތަކާއި ސާމާނުތަކުގެ އަގު ކޮންޓްރޯލްކޮށްފައެއް ނުވެއެވެ. އެހެންކަމުން، ތަކެތި ގަންނަ އަގާއި ވިއްކާ އަގާ ދެމެދު ހުންނަންޖެހޭ ފަރަގު ކަނޑައެޅުމަށް އުސޫލުތަކެއް އެކުލަވާލުމަށް އޭނާ ވަނީ މަރުކަޒީ ސަރުކާރަށް ގޮވާލައްވާފައެވެ.

މީގެ ކުރިން ނޭޝަނަލް ފާމަސޫޓިކަލް ޕްރައިސިން އޮތޯރިޓީ (އެންޕީޕީއޭ) އިން ވަނީ ހިތުގެ ސްޓެންޓާއި ކަކުލަށް ލައްވާ އިންޕްލާންޓްތަކުގެ އަގު ކޮންޓްރޯލްކޮށްފައެވެ. އަދި 2020 ވަނަ އަހަރު ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ޕަލްސް އޮކްސިމީޓަރާއި، ލޭގެ ޕްރެޝަރު ބަލާ މެޝިން އަދި ގްލުކޯމީޓަރު ފަދަ މުހިންމު ތަކެތީގެ ވިޔަފާރީގެ ފައިދާ ނެގޭނެ މިންވަރު ސަރުކާރުން ކަނޑައެޅިއެވެ.

މި މައްސަލައާ ގުޅިގެން އެތެރޭގެ އިންޑަސްޓްރީ ތަމްސީލުކުރާ އޭއައިއެމްއީޑީ އިން ވަނީ، ސިރިންޖާއި އައިވީ ސެޓު ފަދަ އާންމުކޮށް ބޭނުންކުރާ ތަކެތީގެ ވިޔަފާރީގެ ފައިދާ 75 އިންސައްތައިގައި ހިފެހެއްޓުމަށާއި، ޕޭސްމޭކަރު ފަދަ އަގުބޮޑު ތަކެތީގެ ފައިދާ 50 އިންސައްތައިގައި ހިފެހެއްޓުމަށް ހުށަހަޅާފައެވެ.

އެ ޖަމިއްޔާގެ ކޯޑިނޭޓަރު ރަޖީވް ނާތު ވިދާޅުވި ގޮތުގައި، ހޮސްޕިޓަލުތަކުން 10 ގުނައާއި 30 ގުނައާ ދެމެދުގެ މިންވަރަކަށް އަގު ބޮޑުކުރުމުގެ ސަބަބުން، އިންސާފުވެރިކަމާއެކު ވިޔަފާރިކުރާ ކުންފުނިތަކަށް ވަރަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހެއެވެ. ބައިނަލްއަގުވާމީ ކުންފުނިތައް ތަމްސީލުކުރާ މެޑިކަލް ޓެކްނޮލޮޖީ އެސޯސިއޭޝަން އޮފް އިންޑިއާއިން ވެސް ވަނީ، ފައިދާ ނެގޭނެ މިންވަރު ކަނޑައެޅުމަށާއި އުސޫލުތައް އެކުލަވާލުމަށް މަހާރާޝްޓްރާގެ އެފްޑީއޭ ކޮމިޝަނަރު ހުށަހެޅުއްވި ކަންކަމަށް ތާއީދުކޮށްފައެވެ.

comment ކޮމެންޓް