ޗައިނާގެ މަޝްހޫރު އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ކުންފުނި ޑީޕްސީކުން، އޭއައި އޭޖެންޓުންގެ ގާބިލުކަން ވަރަށް ބޮޑަށް އިތުރުކޮށްދޭ އެ ކުންފުނީގެ އެންމެ ފަހުގެ "ވީ4 ޕްރޯ" މޮޑެލް ރަސްމީކޮށް އާންމުކޮށްފިއެވެ.
"ވީ4-ޕްރޯ-0813" މޮޑެލްގެ ނަމުގައި ނެރުނު މި އައު މޮޑެލް އަކީ އެހެން ކުންފުނިތަކާ ވާދަކުރުމަށާއި، ކޮމްޕިއުޓިން ގާބިލުކަން އިތުރުކުރުމުގެ ގޮތުން ނެރުނު މޮޑެލެކެވެ.
ޑީޕްސީކުން މަޢުލޫމާތު ދޭ ގޮތުގައި މި މޮޑެލް މިހާރު އޭޕީއައި، އެޕްލިކޭޝަން އަދި ވެބް ޗެނަލްތައް މެދުވެރިކޮށް ބޭނުންކުރެވޭނެއެވެ.
މީގެއިތުރުން، ވީ4 ޕްރޯ އަދި ވީ4 ފްލޭޝް މޮޑެލްތަކުގެ އޭޕީއައި އަގުތަކަށް ބަދަލުުގެނެސް، ބޭނުންކުރާ ވަގުތަށް ބަލައި އަގުނަގާނެ އުސޫލެއް ތައާރަފުކުރުމަށްވެސް އެ ކުންފުނިން ވަނީ ނިންމާފައެވެ.
2025 ވަނަ އަހަރުގެ ކުރީކޮޅު ޑީޕްސީކްގެ "އާރް1" މޮޑެލް އާންމުވުމާއެކު އެ ކުންފުންޏަށް ބޮޑު މަގުބޫލުކަމެއް ލިބިގެންދިޔައީ ކުޑަ ހަރަދަކުން ވަރުގަދަ އޭއައި ސިސްޓަމްތައް އުފެއްދިދާނެކަން ސާބިތުކޮށްދިނުމުންނެވެ. ނަމަވެސް، މޫންޝޮޓް އޭއައި، ޒީޕޫ އޭއައި، މިނީމެކްސް، އަލީބާބާ އަދި ބައިޓްޑާންސް ފަދަ ވާދަވެރި ކުންފުނިތަކުން އައު މޮޑެލްތައް ނެރެން ފެށުމާއެކު ޑީޕްސީކަށް ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައެވެ.
މި ވާދަވެރިކަމުގައި ކުރިއަރައިދިއުމަށްޓަކައި ޑީޕްސީކުން ދަނީ މުވައްޒަފުންގެ އަދަދު އިތުރުކޮށް، އަމިއްލަ އޭއައި ޗިޕް ފަރުމާކުރުމަށްޓަކައި އިންޖީނިއަރުން ހޯދުމުގެ މަސައްކަތްވެސް ކުރަމުންނެވެ.
މިއީ އެންވީޑިއާ އަދި ވާވޭ ފަދަ އެހެން ކުންފުނިތަކަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގެ ގޮތުން އެ ކުންފުނިން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
ޑީޕްސީކުން އެންމެ ފަހުން ނެރުނު "ވީ4 ޕްރޯ" މޮޑެލް އާންމުކުރުމުގެ ކުރިން، އެ ކުންފުނިން ކުރިން ނެރުނު "ވީ4 ފްލޭޝް" މޮޑެލްގެ ނަތީޖާތައް ބައެއް އަމިއްލަ ޓެސްޓުތަކުން މާ ރަނގަޅުކަމަށް ދެއްކުމުން ޓެކްނޮލޮޖީ ދާއިރާގެ ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ހުއްޓުނެވެ. ނަމަވެސް، ރަސްމީކޮށް ވީ4 ޕްރޯ ނެރުނުއިރު އެ ކުންފުނިން ވަނީ މި މޮޑެލްގެ ގާބިލުކަން އިތުރަށް ވަރުގަދަކޮށްފައެވެ.
މީގެއިތުރުން، އޭއައި ދާއިރާގައި ކުރިއެރުން ހޯދުމަށް ކުރަންޖެހޭ ހަރަދުތައް ބޮޑުވަމުންދާތީ، މިއަހަރުގެ ޖޫން މަހު 7.4 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ހޯދުމަށްފަހު، ކުންފުނީގެ އަގު 74 ބިލިއަން ޑޮލަރަށް އުފުލޭފަދަ އިތުރު އިންވެސްޓްމަންޓް ބުރެއް ފެށުމަށްވެސް ޑީޕްސީކުން ދަނީ ތައްޔާރުވަމުންނެވެ.