ޗައިނާގެ މާކެޓަށް ޚާއްސަކޮށްގެން އެޕަލްއިން އަމިއްލަ ލާޖް ލޭންގުއޭޖް މޮޑެލް (އެލްއެލްއެމް) އެއް ތަމްރީނުކޮށްފިއެވެ.
ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އޭއައި މޮޑެލް ތަރައްގީކޮށްފައިވަނީ ޗައިނާގެ ޓެކްނޮލޮޖީ ކުންފުނި އަލީބާބާ ގްރޫޕާ ގުޅިގެން، އެ ކުންފުނީގެ އެހީތެރިކަމާއެކުގައެވެ.
މިއީ ޗައިނާގައި އޭއައި ފީޗާތައް ބޭނުންކުރުމަށް ހަމައެކަނި އެހެން ކުންފުނިތަކުގެ މޮޑެލްތަކަށް ބަރޯސާވުމުގެ ބަދަލުގައި އެޕަލްއިން ގެނައި އާ ބަދަލެކެވެ. މިކަމާ ގުޅޭގޮތުން އެޕަލް އަދި އަލީބާބާއިން ވެސް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި އައިއޯއެސްއަށް ގެންނަ އަޕްޑޭޓަކާއެކު، އެޕަލްގެ އޭއައި ޓޫލްތައް ކަމަށްވާ "އެޕަލް އިންޓެލިޖެންސް" ޗައިނާގައި ލޯންޗުކުރާނެ ކަމަށް މައުލޫމާތު އެނގޭ ފަރާތްތަކާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ. މިކަމަށް މަގުފަހިވީ، ޗައިނާގެ އިންޓަނެޓް ރެގިއުލޭޓަރު ކަމަށްވާ ސައިބާސްޕޭސް އެޑްމިނިސްޓްރޭޝަން އޮފް ޗައިނާއިން މިދިޔަ މަހު އެޕަލްގެ ޖެނެރޭޓިވް އޭއައި ޚިދުމަތް ރަޖިސްޓަރީކޮށްދިނުމާ ގުޅިގެންނެވެ. މި ރަޖިސްޓްރޭޝަނާއެކު އެމެރިކާގެ މާކެޓުގައި ލިސްޓުކޮށްފައިވާ އަލީބާބާގެ ހިއްސާގެ އަގު ވަނީ ޕްރީމާކެޓް ޓްރޭޑިންގައި ހަތަރު އިންސައްތަ އުފުލިފައެވެ.

އެޕަލްގެ ފިހާރައެއް: -- ފޮޓޯ/ އޭޕީ
މި އިންތިޒާމުގެ ދަށުން، ޗައިނާގައި ވިއްކާ އައިފޯން، އައިޕެޑް، މެކް އަދި ވިޝަން ޕްރޯގައި ހިމެނޭ އެޕަލް އިންޓެލިޖެންސްގައި އަލީބާބާގެ "ކިއުވެން" މޮޑެލް ހިމަނާނެއެވެ. މީގެ އިތުރުން، ބައިޑޫގެ ޓެކްނޮލޮޖީ ވެސް މީގައި ހިމެނުމަށް ވަނީ ހަމަޖެހިފައެވެ.
އަމިއްލަ މޮޑެލްއެއް ތަމްރީނުކުރުމުން، ޗައިނާގެ ވާދަވެރި މާކެޓުގައި އޭއައިގެ ކަންކަން ކޮންޓްރޯލްކުރުމުގެ ބާރު އެޕަލްއަށް އިތުރަށް ލިބޭނެއެވެ. ޗައިނާގެ މާކެޓުގައި ހުއާވޭ ފަދަ ކުންފުނިތަކުން އޭއައި ހިމެނޭ ފޯނުތައް ނެރެ، އެޕަލްއަށް ވަނީ ބޮޑު ވާދަވެރިކަމަކާ ކުރިމަތިލާން ޖެހިފައެވެ. އެމެރިކާގެ އޯޕަންއޭއައިގެ ޗެޓްޖީޕީޓީ އަދި އެންތްރޮޕިކްގެ ކްލޯޑް ފަދަ މޮޑެލްތައް ޗައިނާގައި ބޭނުންނުކުރެވޭއިރު، އެޕަލްއިން މި ގެންގުޅޭ ދެ ގޮތެއް އެކުލެވޭ ސްޓްރެޓެޖީގެ ސަބަބުން ޗައިނާގެ ހަރުކަށި ގަވާއިދުތަކުގެ ތެރެއިން މަސައްކަތްކުރުމަށް އެ ކުންފުންޏަށް މަގުފަހިވާނެއެވެ.
މިއާއެކު، އެޕަލް ވެފައިވަނީ ޗައިނާގައި އަމިއްލަ އޭއައި މޮޑެލްއެއް ބޭނުންކުރުމުގެ ހުއްދަ ލިބުނު ބޭރުގެ ފުރަތަމަ ކުންފުންޏަށެވެ. މިއީ އޭއައިގެ މައްސަލައިގައި އެމެރިކާއާއި ޗައިނާއާ ދެމެދު ޚިޔާލުތަފާތުވުންތައް ބޮޑުވެފައިވާ ދަނޑިވަޅެއްގައި، ދެ ގައުމުގެ ޓެކް ކުންފުނިތަކުގެ މެދުގައި ފެނިގެންދާ މަދު ގުޅުމެކެވެ.
އެޕަލްއާއި އަލީބާބާގެ މި ގުޅުން އެންމެ ފުރަތަމަ ކަށަވަރުކޮށްދިނީ 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހު ދުބާއީގައި އޮތް ވޯލްޑް ގަވާންމަންޓް ސަމިޓުގައި އަލީބާބާގެ ޗެއާމަން ޖޯ ޓްސައިއެވެ. އޭނާ އޭރު ވިދާޅުވި ގޮތުގައި، އެޕަލްއިން ޗައިނާގެ ގިނަ ކުންފުނިތަކަކާ މަޝްވަރާކުރުމަށްފަހު ޚިޔާރުކުރީ އަލީބާބާއާއެކު މަސައްކަތްކުރުމަށެވެ.
ޗައިނާއަކީ އެޕަލްގެ އާމްދަނީގެ ބޮޑު ބައެއް ހިއްސާކުރާ މާކެޓަކަށް ވާއިރު، އައިފޯނުގައި އޭއައި ފީޗާތައް ނެތުމަކީ އެ ކުންފުނީގެ ވިޔަފާރިއަށް އަސަރުކުރި ކަމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. ސަބަބަކީ އޭއައި އެސިސްޓެންޓް ހިމެނޭ ޗައިނާގެ އަމިއްލަ ބްރޭންޑްތަކަށް އާންމުންގެ ސަމާލުކަން ބޮޑުވުމެވެ.
އެޕަލްއިން އަމިއްލައަށް ތަމްރީނުކުރި މޮޑެލްއާއި ޗައިނާގެ އެހެން ކުންފުނިތަކުގެ މޮޑެލްތައް އެކުގައި މަސައްކަތްކުރާނެ ގޮތެއް އަދި ސާފެއް ނުވެއެވެ. މިދިޔަ ހަފުތާގައި އެޕަލްއިން ވަނީ މެކް ޔޫޒަރުންނަށް ކިއުވެން މޮޑެލް ސިރީއާއި ރައިޓިން ޓޫލްސް ފީޗާއާ ގުޅާލެވޭނެ ގޮތް ކިޔައިދޭ ޗައިނާ ބަހުގެ ގައިޑެއް އާންމުކޮށްފައެވެ. ނަމަވެސް، ސަބަބު ހާމަކުރުމަކާ ނުލައި އެޕަލްއިން ވަނީ ފަހުން އެ ގައިޑު ޑިލީޓްކޮށްފައެވެ.