ޗައިނާގެ އެތެރޭގެ މާކެޓުގައި ކާރު ވިކޭ މިންވަރު ދަށްވަމުން ދިޔަ ނަމަވެސް، ޔޫރަޕާއި ދެކުނުއިރުމަތީ އޭޝިއާ ފަދަ ބޭރުގެ މާކެޓުތަކަށް އެ ގައުމުން ކާރު އެކްސްޕޯޓުކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވެއްޖެއެވެ.
ޗައިނާގެ ކާރު އުފައްދާ ކުންފުނިތަކުން ބޭރުގެ މާކެޓުތަކަށް ފުޅާވަމުން ދިއުމާއެކު، ޓޮޔޯޓާ އަދި ފޯކްސްވާގަން ފަދަ ދުވަސްވީ ބޮޑެތި ކުންފުނިތަކަށް ވަނީ ވާދަވެރިކަމުގެ ބޮޑު ޕްރެޝަރަކާ ކުރިމަތިލާން ޖެހިފައެވެ.
ޗައިނާ ޕެސެންޖާ ކާ އެސޯސިއޭޝަންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޖުލައި މަހު ޗައިނާގެ އެތެރޭގެ މާކެޓުގައި ވިކިފައިވަނީ 1.47 މިލިއަން ކާރެވެ. މިއީ އޭގެ ކުރީ އަހަރާ އަޅައިބަލާއިރު 20 އިންސައްތައިގެ ދަށްވުމެކެވެ. އަދި މިއީ ވިދިވިދިގެން އެތެރޭގެ ވިޔަފާރި ދަށްވި 10 ވަނަ މަހެވެ.

ނަމަވެސް، ހަމަ އެ މަހު އެކްސްޕޯޓުކުރި ކާރުގެ އަދަދު ވަނީ 88 އިންސައްތަ އިތުރުވެ، 923،000 އަށް އަރާފައެވެ. މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ޗައިނާގެ އެތެރޭގެ ކާރު ވިޔަފާރި ވަނީ 2.3 މިލިއަން އުޅަނދު (20 އިންސައްތަ) ދަށަށް ގޮސްފައެވެ. މިއީ ދުނިޔޭގެ ހަތަރުވަނައަށް އެންމެ ބޮޑު އޮޓޯ މާކެޓު ކަމަށްވާ ޖަޕާނުގައި އެ މުއްދަތުގައި ރަޖިސްޓަރީކުރި އާ ކާރުގެ ޖުމްލަ އަދަދާ އެއްވަރުގެ މިންވަރެކެވެ. ހަމަ އެ މުއްދަތުގައި ޗައިނާގެ ކާރު އެކްސްޕޯޓު ވަނީ 71 އިންސައްތަ އިތުރުވެފައެވެ.
ޗައިނާގެ ބޮޑެތި ކާރު ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ބީވައިޑީ، ޖީލީ އަދި ޗެރީ ފަދަ ކުންފުނިތަކުން ދަނީ ބޭރުގެ މާކެޓުތަކުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންނެވެ. މިގޮތުން، މި އަހަރުގެ ފުރަތަމަ ހަތް މަސްދުވަހުގެ ތެރޭގައި ބީވައިޑީގެ އެތެރޭގެ ވިޔަފާރި 35 އިންސައްތަ ދަށަށް ދިޔަ ނަމަވެސް، އެ ކުންފުނީގެ ބޭރުގެ ވިޔަފާރި ވަނީ 79 އިންސައްތަ އިތުރުވެފައެވެ. މި އަހަރު ޗައިނާއިން ބޭރުގައި ބީވައިޑީގެ އެންމެ ބޮޑު ދެ މާކެޓުގެ ގޮތުގައި ފާހަގަކުރެވިފައިވަނީ ބްރެޒިލް އަދި އިނގިރޭސިވިލާތެވެ.
ޗައިނާ ޕެސެންޖާ ކާ އެސޯސިއޭޝަންގެ އިސްވެރިޔާ ކުއި ޑޮންގްޝޫ ވިދާޅުވިގޮތުގައި، އެތެރޭގެ ވިޔަފާރި ދަށްވުމުގެ މައިގަނޑު ސަބަބަކީ ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ޕެޓްރޯލް ކާރަށް އޮތް ޑިމާންޑު ކުޑަވުމާއި، އާދައިގެ ސެޑާން ކާރުތަކުގެ ވިޔަފާރި ދަށްވުމެވެ. މީގެ އިތުރުން، ޗައިނާގެ އިގުތިސާދަށް ދިމާވެފައިވާ ގޮންޖެހުންތަކާއި، ޕްރޮޕަޓީ މާކެޓު ދަށްވުމުގެ ސަބަބުން އާންމުންގެ ޚަރަދުކުރުން ވަނީ މަޑުޖެހިފައެވެ.
ޝަންހާއީގައި ހިންގާ އޮޓޯމޮބިލިޓީ ކުންފުނީގެ ސީއީއޯ ބިލް ރުސޯ ފާހަގަކުރެއްވި ގޮތުގައި، ޗައިނާގެ ކާރު އުފައްދާ ކުންފުނިތަކުގައި އަމިއްލަ ގައުމަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް ކާރު އުފެއްދުމުގެ ގާބިލުކަން އެބަހުއްޓެވެ. އަދި ވާދަވެރި ސަޕްލައި ޗެއިންތަކާއި، ފެންވަރު ރަނގަޅު އުފެއްދުންތަކުގެ އިތުރުން، ޗައިނާއިން ބޭރުން ކުރިއެރުން ހޯދުމަށް އިގުތިސާދީ ގޮތުން ބޮޑު ބާރެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޖަޕާނުން ކުރިން ހޯދި ކުރިއެރުން ބިނާވެފައި އޮތީ އުފެއްދުންތެރިކަމުގެ ހަލުވިކަމާއި، ފެންވަރާއި، ތެޔޮ ޚަރަދު ކުޑަވުމުގެ މައްޗަށް ކަމަށް ވިޔަސް، ޗައިނާގެ މިހާރުގެ ބާރުވެރިކަން މާ ފުޅާ ކަމަށް ރުސޯ ވިދާޅުވިއެވެ. އޭގެ ތެރޭގައި އިލެކްޓްރިފިކޭޝަނާއި، ބެޓެރީއާއި، ސޮފްޓްވެއާ އަދި އުފެއްދުންތައް އަވަހަށް ބާޒާރަށް ނެރުން ހިމެނެއެވެ.
ކައުންޓާޕޮއިންޓް ރިސާޗްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޔޫރަޕުގެ ޕެސެންޖާ ކާރު މާކެޓުގެ 16 އިންސައްތަ ހިއްސާކުރަނީ ޗައިނާގެ ކުންފުނިތަކުންނެވެ. މިއީ އޭގެ ހަތަރު އަހަރު ކުރިން އޮތް ތިން އިންސައްތައާ އަޅައިބަލާއިރު ބޮޑު ކުރިއެރުމެކެވެ. ހަމަ އެ މުއްދަތުގައި ޖަޕާނުގެ ކުންފުނިތަކުގެ ހިއްސާ ހުރީ 12 އިންސައްތައިގައެވެ. މި ފަރަގު އެންމެ ބޮޑަށް ފެންނަނީ އިލެކްޓްރިކް ވެހިކަލް (އީވީ) މާކެޓުންނެވެ.
ޔޫރަޕަށް އެތެރެކުރާ އީވީގެ ގާތްގަނޑަކަށް 25 އިންސައްތަ ޗައިނާގެ ބްރޭންޑުތަކުން ހިއްސާކުރާއިރު، ޖަޕާނުގެ ކުންފުނިތަކުގެ ހިއްސާ އުޅެނީ ފަސް އިންސައްތައަށް ވުރެ ދަށުގައެވެ.
ކައުންޓަރޕޮއިންޓް ރިސާޗްގެ އެނަލިސްޓް އަބިލާޝް ގުޕްތާ ވިދާޅުވިގޮތުގައި، މިއީ ހަމައެކަނި އަގުގެ ތަފާތެއް ނޫނެވެ. މިއީ އިލެކްޓްރިކް ކާރު އުފެއްދުމުގައި އޮތް ފަރަގެކެވެ.
ކައުންޓާޕޮއިންޓުން ލަފާކުރާ ގޮތުގައި، 2030 ވަނަ އަހަރާ ހަމައަށް ދާއިރު ޔޫރަޕުގެ ޖުމްލަ ޕެސެންޖާ ކާރު މާކެޓުގެ 20 އިންސައްތައަށް ވުރެ ބޮޑު ބައެއް އަދި އީވީ މާކެޓުގެ 29 އިންސައްތަ ޗައިނާގެ ބްރޭންޑުތަކުން ކޮންޓްރޯލްކުރާނެއެވެ.
ގުޕްތާ ވިދާޅުވިގޮތުގައި، ޓެރިފްތަކުގެ ސަބަބުން މި ކުރިއެރުން މަޑުޖެހިދާނެ ކަމަށް ބެލެވުނު ނަމަވެސް، މުޅިން ހުއްޓުވައެއް ނުލެވޭނެއެވެ.
އެޗްއެސްބީސީގެ އެނަލިސްޓް ޔޫޗިއަން ޑިންގް ވިދާޅުވިގޮތުގައި، އޮގަސްޓު މަހުގެ ފަހުކޮޅުން ފެށިގެން ސެޕްޓެންބަރު މަހުގެ ނިޔަލަށް ޗައިނާގެ އެތެރޭގެ ޑިމާންޑު އެއްވަރެއްގައި ހިފެހެއްޓި، ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް އައުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް، ކުއްލި ބޮޑު ކުރިއެރުމެއް އަންނާނެ ކަމަކަށް ނުބެލެވެއެވެ.