މި އަހަރުގެ ފުރަތަމަ ހަތް މަސް ނިމުނުއިރު، ދައުލަތުގެ ބަޖެޓުން ދަރިވަރުންގެ ލޯނު ސްކީމަށް ކަނޑައަޅައިފައިވާ ފައިސާއިން ދޫކޮށްފައިވަނީ އެންމެ 15 ޕަސެންޓް ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި، ދަރިވަރުންގެ ލޯނު ސްކީމަށް މި އަހަރުގެ ބަޖެޓުގައި 776 މިލިއަން ރުފިޔާ ކަނޑައަޅައިފައިވާއިރު އޭގެ ތެރެއިން ދެބައިކުޅަ އެއްބައި ވެސް މިހާތަނަށް ބޭނުންކޮށްފައިނުވެއެވެ. އެގޮތުން، މި މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް އެ ސްކީމުގެ ދަށުން ދޫކޮށްފައިވަނީ 121 މިލިއަން ރުފިޔާއެވެ.
މި އަހަރު ލޯނު ސްކީމަށް ކޮށްފައިވާ ޚަރަދަކީ، މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު، 61.5 ޕަސެންޓްގެ ދަށްވުމެއްކަން ވެސް ފާހަގަކޮށްލެވެއެވެ. އެގޮތުން މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ދަރިވަރުންގެ ލޯނު ސްކީމުން ވަނީ 316 މިލިއަން ރުފިޔާ ދޫކޮށްފައެވެ.
ޖުމްލަ ގޮތެއްގައި މިނިސްޓްރީގެ ތަފާސްހިސާބުން ދައްކާ ގޮތުގައި، ދައުލަތުގެ ޚަރަދުތައް މި އަހަރު ވަނީ އިތުރުވެފައެވެ. އެގޮތުން މުސާރައާއި އިނާޔަތްތައް ހިމެނޭ ރިކަރަންޓް ޚަރަދާއި، މަޝްރޫއުތަކާ ގުޅުން ހުރި ކެޕިޓަލް ޚަރަދު ވެސް ވަނީ އިތުރުވެފައެވެ. އެ ދެ ބާވަތުގެ ޖުމްލަ ޚަރަދު މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރީ 23 ބިލިއަން ރުފިޔާގައި ކަމަށްވީ ނަމަވެސް، މި އަހަރު އެ އަދަދު ވަނީ 27.3 ބިލިއަން ރުފިޔާއަށް އަރައިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މަތީ ތައުލީމު ހާސިލުކުރާ ދިވެހި ދަރިވަރުންގެ އަދަދު އަންނަނީ ކޮންމެ އަހަރަކު ވެސް އިތުރުވަމުންނެވެ. ނަމަވެސް މިދިޔަ އަހަރަކީ، ސަރުކާރުގެ ލޯނާއި ސްކޯލާޝިޕްގައި ކިޔަވާ ދަރިވަރުންނަށް ގަވައިދުން ފައިސާ ނުލިބޭ ކަމުގެ ޝަކުވާ ވަރަށް ބޮޑުވި އަހަރެކެވެ. އެ މައްސަލަ ހައްލުކުރުމަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި، ދަރިވަރުންގެ ސްޓައިޕެންޑް ބޮޑުކުރާނެކަން ވެސް އިއުލާންކުރިއެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ ޖަނަވަރީ މަހު އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި ފާއިތުވެދިޔަ ދެ އަހަރު ދަރިވަރުންނަށް ލޯނުގެ ގޮތުގައި 1.25 ބިލިއަން ރުފިޔާ، އަދި ސަރުކާރުގެ ސްކޯލާޝިޕްގައި ކިޔަވާ ދަރިވަރުންނަށް 471.09 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.