މެދުއިރުމަތީގެ ވައިގެ ދަތުރުފަތުރަށް އެރި ބުރޫއާއެކު ރާއްޖޭގެ ފަތުރުވެރިކަން ދަށްވެގެން ދިޔަ ކަމަށާއި، އެހެން ނަމަވެސް ފަތުރުވެރިކަމުގެ ސިނާޢަތާއި ސަރުކާރު ގުޅިގެން ކުރެވުނު މަސައްކަތުން ޖުލައި މަހުން ފެށިގެން އާންމު ހާލަތަށް ގެނެވިފައިވާކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ޓުއަރިޒަމް އިންޓެލިޖެންސް ކުއާޓަލީ ބްރީފިންގައި ވާހަކަ ދައްކަވަމުން ވަޒީރު އަމީން ވިދާޅުވީ މިފަދަ ބްރީފިންއެއް ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ހުޅުވާލައި ރައްޔިތުންނާއި ރަށްރަށަށް އިތުރު ފުރުސަތުތައް ހޯދައިދިނުން ކަމަށެވެ.
ވަޒީރުގެ ވާހަކަފުޅުގައި، ވަނީ މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެން ވައިގެ ދަތުރުފަތުރަށް އެރި ބުރޫއާއެކު ރާއްޖޭގެ ފަތުރުވެރިކަން ހަތަރު މަހަށް ދަށްވެގެން ދިޔަކަން ފާހަގަކުރައްވާފައެވެ.
އެގޮތުން އެ ހަނގުރާމައިގެ ސަބަބުން ކުރިމަތިވި މި ބޮޑު ގޮންޖެހުންތަކުން އަރައިގަތުމަށް ކުރި މަސައްކަތް ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ ވައިގެ ދަތުރުތަކަށް ބުރޫ އެރި ނަމަވެސް، ފަތުރުވެރިކަމުގެ ސިނާޢަތާއި ސަރުކާރު ގުޅިގެން ކުރެވުނު މަސައްކަތުން ޖުލައި މަހުގެ ކުރީކޮޅު ފެށިގެން އާންމު ހާލަތަށް އިޔާދަކުރެވުނު ކަމަށެވެ.
ފަތުރުވެރިކަމުގެ މާކެޓުތަކުގައި ގުޅުން އިތުރަށް ވަރުގަދަކޮށް، އައު މާކެޓުތަކަށް ފުރުސަތު ހުޅުވުމަށް މަސައްކަތް ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން އޮސްޓްރޭލިއާއަށް މިހާރު ގައުމީ އެއާލައިންގެ ދަތުރުތައް ފަށާފައިވާއިރު، އިތިއޯޕިއަން އެއާލައިންސްގެ ދަތުރުތައް މިއަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
އަންނަ އަހަރު ވިޒިޓް މޯލްޑިވްސް އަހަރު ފާހަގަކުރުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، މިފަދަ އަހަރެއް ބޭއްވުމުގެ އެންމެ ބޮޑު މަގްސަދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ހުޅުވާލައި ރައްޔިތުންނާއި ރަށްރަށަށް އިތުރު ފުރުސަތުތައް ހޯދައިދިނުން ކަމަށެވެ.
އަދި ބައިނަލްއަގްވާމީ ގޮތުން ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް މަސައްކަތް ކުރުމަކީވެސް މި އަހަރު ފާހަގަކުރުމުގެ މަޤްޞަދެއް ކަމަށާއި، ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމުގެ މަސައްކަތަށް ރަނގަޅު މާހައުލެއް ސަރުކާރުން ޤާއިމުކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
"ފަތުރުވެރިކަމާ ގުޅުން ހުރި ކޮންމެ މަސައްކަތަކީ، އެންމެ ހިއްސާވެގެން ކުރެވޭނެ މަސައްކަތެއް. ސަރުކާރުގެ އެންމެ މުހިންމު ދައުރަކަށްވާނީ މި ގައުމީ މަސައްކަތައް ރަނގަޅު މާހައުލެއް ހޯދައި ދިނުން. އިރާދަކުރެއްވިއްޔާ މިމަސައްކަތަށް ރަނގަޅު މާހައުލެއް ސަރުކާރުން ހުރިހާ ބޭފުޅުންނަށް ހޯދައިދޭނެކަމުގެ ޔަގީންކަން އަރުވަން،" އަމީން ވިދާޅުވިއެވެ.
ވަޒީރު ވަނީ ވިޒިޓް މޯލްޑިވްސް އިޔާ ކާމިޔާބުވާނީ، އެންމެ ގުޅިގެން ކުރެވޭ މަސައްކަތުގެ މައްޗަށްކަމަށް ވިދާޅުވެފައެވެ.
ރާއްޖޭގެ ގުދުރަތީ މާހައުލަކީ ފަތުރުވެރިކަމުގެ ވަނަވަރުގެ އެއްބައި ކަމަށާއި ދިވެހީންގެ މެހެމާންދާރީއަކީ ދުނިޔެ ނަމޫނާއެއްގެ ގޮތުގައި ބަލައިގަނެފައިވާ ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
އަދި ދިވެހިންނަކީ ސިނާޢަތަށް އަންނަ ބަދަލުތަކަށް ނުހަނު އަވަހަށް ހޭނޭ، ޒަމާނީ އީޖާދުތައް އަވަހަށް ބަލައިގަތުމުގެ ގާބިލްކަން ހުރި ބައެއް ކަމަށާއި، އެހެންކަމުން ފަތުރުވެރިކަމުގެ އަހަރުގެ މަސައްކަތް ފަށަނީ ރަނގަޅު ބިންގަލެއްގެ މަތީގައިކަން ފާހަގަކުރެއްވިއެވެ.
މިދިޔަ އަހަރުގެ ފަތުރުވެރިކަމުގެ ވިޒިޓާ ސާވޭގެ ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ސާވޭގެ ނަތީޖާ ދައްކާގޮތުން 2025 ގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ 85 އިންސައްތައަށް ވުރެ މަތީ އިންސައްތައެއް އަލުން އަނބުރާ ރާއްޖެއަށް އަންނަން ބޭނުންވާ ކަމަށެވެ. އަދި 90 އިންސައްތައަށްވުރެ ގިނަ މީހުން ގާތްތިމާގެ މީހުންނާއި ރައްޓެހިންނަށް ރާއްޖެއަށް އައުމަށް ރިކޮމެންޑް ކުރާނެ ކަމަށް ބުނެފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން 80 އިންސައްތައަށްވުރެ ގިނަ މީހުން ޗުއްޓީގައި ދިވެހިރާއްޖޭގެ ތަޖުރިބާއާމެދު އިންތިހާއަށް ހިތްހަމަޖެހޭކަން ހާމަކޮށްފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅު ނިންމަވާލެއްވީ ފަތުރުވެރިކަމުގެ ގައުމީ މަސައްކަތުގައި މުޅި ސިނާއަތުން ދެމުންއަންނަ އެއްބާރުލުމަށް ޝުކުރު އަދާކުރައްވަމުންނެވެ.