ޔޫރަޕަށް 27 އަހަރު ފަހުން ފެނުނު ފުރިހަމަ އިރުކޭތައާއެކު އުފާވެރިކަން

އިއްޔެގެ ފުރިހަމަ އިރުކޭތަ ބަލަން މީހުން އެއްވެފައި -- ފޮޓޯ/ އޭއެފްޕީ

ޔޫރަޕްގެ އެތައް މިލިއަން މީހުންނަށް އިއްޔެ ފުރިހަމަ އިރުކޭތައެއް ފެނި، ގިނަ ބަޔަކު އުފާ ފާޅުކޮށްފިއެވެ.

އިއްޔެ ޔޫރަޕަށް ފެނުނު ފުރިހަމަ އިރުކޭތައަކީ، 1999ގެ ފަހުން އެ ސަރަހައްދުގެ ގައުމުތަކަށް ފެނުނު ފުރަތަމަ، ފުރިހަމަ އިރުކޭތައެވެ.

ފުރިހަމަ އިރުކޭތައަކީ އިރާއި ދުނިޔެއާ ދެމެދަށްވާ ގޮތަށް ހަނދު ހުންނަ ވަގުތުކޮޅެއް ދިމާވުމުން، އިރުގެ އަލި މުޅިން ފޮރުވުމަށް ކިޔާ ނަމެކެވެ.

އިރުކޭތަ ބަލަން މީހުން އެއްވެފައި -- ފޮޓޯ/ ރޮއިޓާސް

އިއްޔެ ފުރިހަމަ އިރުކޭތަ ފެށިފައިވަނީ އުތުރު ސައިބީރިއާއިން ކަމަށްވާއިރު، ގްރިންލެންޑާއި އައިސްލެންޑާއި ސްޕެއިންގެ ގިނަ އަދަދެއްގެ މީހުންނަށް މި އިރުކޭތަ ފެނިފައިވެއެވެ. އެގޮތުން އެ ތިން ގައުމު ގާތްގަނޑަކަށް ދެ މިނެޓު ވަންދެން އެއްކޮށް އަނދިރީގައި އޮތް ކަމަށް ރިޕޯޓުތަކުގައިވެއެވެ.

އިރުކޭތަ ބަލަން މީހުން އެއްވެފައި -- ފޮޓޯ/ އީޕީއޭ

ޔޫރަޕްގެ އެހެން ސަރަހައްދުތަކަށް ފުރިހަމަ ނުވި ނަމަވެސް، އިރުކޭތަ ފެނިފައިވެއެވެ.

ރިޕޯޓުތަކުގައިވާ ގޮތުން، އިއްޔެ އިރުކޭތަ ފެނުމުގެ ފުރުސަތު ލިބުނު މީހުންގެ އަދަދު 980 މިލިއަނަށް އަރާނެއެވެ. އަދި އިރުކޭތަ ހިފި ވަގުތު ގިނަ އަދަދެއްގެ މީހުން މަގުތަކަށް ނުކުމެ، އުފާ ފާޅުކޮށް، ފޮޓޯއާއި ވީޑިއޯ ނަގައިފައިވެއެވެ.

އިރުކޭތަ ބަލަން ހުރި މީހަކު ފޮޓޯއެއް ނަގަނީ -- ފޮޓޯ/ ރޮއިޓާސް

ދެން އެންމެ އަވަހަށް ފުރިހަމަ އިރުކޭތައެއް ފެންނާނީ އަންނަ އަހަރުގެ އޮގަސްޓު މަހުގައެވެ. އެގޮތުން ސްޕެއިނާއި އުތުރު އެފްރިކާއާއި މެދުއިރުމަތީގެ ބައެއް ގައުމުތަކަށް ފެންނާނެއެވެ. ނަމަވެސް ރާއްޖެއަށް ދެން އެންމެ އަވަހަށް ފުރިހަމަ އިރުކޭތައެއް ފެންނާނީ ސެޕްޓެމްބަރު 12، 2053ގައި ކަމަށް ރިޕޯޓުތަކުގައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް