މިއަދު ބާއްވާނެ ކަމަށް ބުނި މަޖިލީހުގެ ކުއްލި ޖަލްސާ ފަހުވަގުތު ކެންސަލްކޮށްފި

މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުالله އާއި މަޖިލީހުގެ އަމީން އާއްމު -- ފޮޓޯ: މަޖިލިސް

މިއަދު ބާއްވާނެ ކަމަށް ކުރިން އަންގާފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފަހު ވަގުތު ކެންސަލް ކޮށް، އެކަން މަޖިލީހުގެ އިދާރާއިން މެންބަރުންނަށް އަންގައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރޭ ދަންވަރު 1:30 ގައި މަޖިލީހުގެ އިދާރާއިން ފޮނުވި މެސެޖެއްގައި މިއަދުގެ ވަގުތެއްގައި ޖަލްސާއެއް ބާއްވަން ނިންމާފައިވާ ކަމަށާއި، ޖަލްސާ ބާއްވާނެ ވަގުތާއި އެޖެންޑާ ފަހުން ހިއްސާކުރާނެ ކަމަށް ބުނެފައިވެއެވެ.

ނަމަވެސް ފަހުން މެންބަރުންނަށް ފޮނުވި މެސެޖެއްގައި ވަނީ މިއަދު ޖަލްސާ ނުބާއްވާގޮތަށް ނިންމާފައިވާ ކަމަށް އަންގާފައެވެ.

"ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މިއަދު ނޯންނާނެ ވާހަކަ ދަންނަވަން، އަދި ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނެ ތާރީހެއް މެންބަރުންނަށް ފަހުން އަންގާނެ ވާހަކަ ދަންނަވަން،" މަޖިލީހުގެ އިދާރާއިން މެންބަރުންނަށް ފޮނުވި މެސެޖުގައި ބުނެފައިވެއެވެ.

މަޖިލީހުގައި މިވަގުތު ހުރި މުހިންމު މަސައްކަތްތަކުގެ ތެރެއިން އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވަނީ ކައުންސިލްތަކުން ބަލަހައްޓާ ބިންތައް ސަރުކާރަށް ނެގޭގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށެވެ.

މިއިސްލާހަކީ ކައުންސިލްތަކަށް ލިބޭ ބާރުވެރިކަން ނިގުޅައިގަނެވޭ ގޮތަށް ހުށަހަޅާފައިވާ އިސްލާހެއް ކަމަށް ބުނެ، އެ ބިލު އަނބުރާ ގެންދިއުމަށް ގޮވާލައި އާންމުންގެ ތެރެއިން ބަޔަކު ވަނީ ޕެޓިޝަނެއްގައި ސޮއިކުރަން ފަށާފައެވެ.

މި ބިލުގެ މަސައްކަތް ނިންމަން ކޮމިޓީން ކަނޑައަޅާފައިވަނީ އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށެވެ. އަދި އެ އިސްލާހަށް ޝަކުވާ ހުށަހެޅުމުގެ ސުންގަޑިއަކަށް ކޮމިޓީން ފާސްކޮށްފައިވަނީ މިއަދު 2:00 އެވެ.

https://sun.mv/225937

މި ބިލުގެ މަސައްކަތްތައް ނިންމުމަށްޓަކައި މަޖިލީހުގެ ދެވަނަ ދައުރު އޮގަސްޓު 20، ގެ ނިޔަލަށް ދަންމާލަން އިއްޔެ ވަނީ ފާސްކޮށްފައެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއްޔެ ވިދާޅުވީ ދައުރު ދަންމާލަން ނިންމީ މަޖިލީހުގައި ހުރި މުހިންމު މަސައްކަތްތަކެއް ނިންމުމުގެ ބޭނުމުގައި ކަމަށެވެ. މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ދެވަނަ ދައުރު އާންމުކޮށް ނިމޭނީ މި މަހުގެ 15 ވަނަ ދުވަހުއެވެ.

"މުހިންމު މަސައްކަތްތަކެއް ނިންމަން" ހުރި ކަމަށް ވިދާޅުވެ، ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރު ވެސް ދަންމައިލާން ނިންމިއިރު، މި ހިނގާ ދެވަނަ ދައުރު ދަންމައިލަން ފާސްވީ ރިޔާސަތުން އިއްޔެ ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވި 58 މެންބަރުންގެ ވެސް އިއްތިފާގުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މި ހިނގާ ދެވަނަ ދައުރު ހިނގާނީ ޖޫން މަހުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ. އިއްޔެ ދައުރު ދަންމައިލަން ފާސްކުރުމާ ގުޅިގެން އަންނަ ހަފުތާ ބުރާސްފަތި ދުވަހުގެ ނިޔަލަށް މި ދައުރުގެ ޖަލްސާތައް ކުރިއަށް ދާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް