ރިސޯޓްތަކުން ޑޮލަރު މާރުކުރާ އުސޫލު ބަދަލު ކުރަން ހުށަހެޅި ހުށަހެޅުން އެއް ދުވަހުން ނިންމައިލަނީ

މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން: ޑޮލަރު މާރުކުރާ އުސޫލު އެއް ދުވަހުން ބަދަލުކުރަން ކޮމިޓީން ވަނީ ފާސްކޮށްފައި --- ފޮޓޯ: މަޖިލިސް

ރިސޯޓުތަކާއި ޕްރައިވެޓް އައިލެންޑް ފަދަ ތަންތަނަށް ޒިޔާރަތްކުރާ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރުގެ ރޭޓުން މާރުކުރަންޖެހޭ ގޮތަށް އޮތް އޮތުން ބަދަލު ކުރަން ސަރުކާރުން މިއަދު ހުށަހެޅި ހުށަހެޅުން އެއް ދުވަހުން ނިންމައިލަން ރައްޔިތުންގެ މަޖިލީހުން ހިފައިފިއެވެ.

ސަރުކާރު ފަރާތުން ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދު ހުށަހެޅުއްވި އިސްލާހުގައި ވަނީ، ކެޓަގަރީ އޭ ގައި ހިމެނޭ ރިސޯޓުތަކާއި ޕްރައިވެޓް އައިލެންޑު ފަދަ ތަންތަނަށް ކޮންމެ މަހަކު ވަންނަ އާމްދަނީގެ 20 އިންސައްތަ މާރުކުރަން ޖެހޭނެ ކަމަށެވެ.

ބޭރު ފައިސާއާ ބެހޭ ގާނޫނުގައި މިހާރު އޮންނަނީ ރިސޯޓުތަކަށް ކޮންމެ މަހަކު ވަންނަ އާމްދަނީގެ 20 އިންސައްތަ މާރުކުރުމުގެ އިތުރުން، ރިސޯޓުތަކަށް ޒިޔާރަތްކުރާ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރުގެ ރޭޓުން މާރުކުރަންޖެހޭ ގޮތަށް އިޚްތިޔާރުކޮށްފައެވެ. ނަމަވެސް ޢަބްދުއްސައްތާރު ހުށަހެޅުއްވި އިސްލާހު މަޖިލީހުން ފާސްވެއްޖެނަމަ ދެން ރިސޯޓުތަކުން ޖެހޭނީ ކޮންމެ މަހަކު އެ ތަންތަނަށް ވަންނަ އާމްދަނީގެ 20 އިންސައްތަ މާރުކުރަން އެކަންޏެވެ.

https://sun.mv/225932

މި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގަތީ ރިޔާސަތުން ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވި 57 މެންބަރުންގެ ވެސް އިއްތިފާގުންނެވެ.

ޖަލްސާއަށް ފަހު މިއަދު އޮތް މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ވަނީ މާދަމާ ހެނދުނު 11:30ގެ ނިޔަލަށް ބިލަށް ޚިޔާލު ހުށަހެޅުމަށް ހުޅުވައިލައި، ބިލުގެ ކޮމިޓީ މަރުހަލާ އެއްކޮށް ނިންމައިލުމަށް ހުށަހަޅައިފައެވެ. ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙް ޔޫނުސްގެ އެ ހުށަހެޅުން ބަލައިގަތީ ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

މީގެ އިތުރުން، ބޭރު ފައިސާއާ ބެހޭ ގާނޫނަށް ހުށަހެޅި އެހެން އިސްލާހުތަކުގެ ތެރޭގައި، ރިސޯޓުތަކާއި ގެސްޓްހައުސް ފަދަ ތަންތަނަށް ފަހު އަހަރަކު 25 މިލިއަން ޑޮލަރު ލިބޭ ފަރާތްތަކުން ފައިސާ މާރުކުރަން ޖެހޭ ގޮތަށް ހެދުމާއި އެފަދަ ވިޔަފާރިތަކުގެ ތެރެއިން ދިވެހީންގެ ފުރިހަމަ ހިއްސާ އެކުލެވޭ ވިޔަފާރިތަކުން ކޮންމެ މަހަކު ލިބޭ އާމްދަނީގެ ހަތް އިންސައްތަ މާރުކުރަން ޖެހޭ ގޮތަށް ހެދުން ހިމެނެއެވެ. ކުރިން އޮތްގޮތުން ޑޮލަރު މާރުކުރަން ޖެހެނީ 15 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނަމައެވެ.

އިސްލާހު ހުށަހެޅުއްވި މަގުސަދެއް ކަމަށް ވަނީ، ފަތުރުވެރިކަމުގެ ވިޔަފާރިތަކުން ބޭރު ފައިސާ ރުފިޔާއަށް މާރުކުރަންޖެހޭ ގޮތުގެ އުސޫލުތައް ހަރުދަނާކޮށް، ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހީން ހިއްސާވާ ވިޔަފާރިތަކުން ބޭރު ފައިސާ ރުފިޔާއަށް މާރުކުރަންޖެހޭ މިންވަރު ލުއިކޮށްދިނުމަށެވެ.

ބެލެވޭ ގޮތުގައި މި އިސްލާހު މި ދައުރަށް އިތުރުކުރި ވަގުތުގައި ފާސްކުރާނެއެވެ. މި އިސްލާހު ފާސްކޮށް ތަސްދީގުކޮށްފިނަމަ ގާނޫނަކަށްވެ އެއަށް އަމަލުކުރަން ފަށާނީ އަންނަ މަހުން ފެށިގެން ކަމަށް ވެސް، ޢަބްދުއްސައްތާރު ހުށަހެޅުއްވި އިސްލާހުގައިވެއެވެ.

comment ކޮމެންޓް