ސިނަމާލެ ބުރިޖު މަތީގައި ދުއްވާފައި ދަމުން، ވިއްސާރަ ކޯޓުލުމަށް ނުވަތަ ފޯނު ނެގުމަށް ބުރިޖާއި ހައިވޭގައި މަޑުނުކުރުމަށް ފުލުހުން މިއަދު އިލްތިމާސްކޮށްފިއެވެ.
ވިއްސާރަ ކޯޓުލުމަށް ގިނަ އަދަދެއްގެ ބަޔަކު ހައިވޭގައި މަޑުކޮށްގެން ތިބި ވީޑިއޯއެއް ހިއްސާކޮށް، ޓްރެފިކް ފުލުހުން ބުނީ، އެ ގޮތަށް މަޑުކުރުމުން ނުރައްކާތެރި އެތައް ހާދިސާތަކެއް ހިނގާފައިވާ ކަމަށެވެ.
އެހެންވެ، އެންމެންގެ ރައްކާތެރިކަމަށް ޓަކައި އެ ގޮތަށް މަޑުނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު އަންނަނީ ވިއްސާރަ ކުރަމުންނެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާ ގޮތުގައި، އަންނަ ހުކުރު ދުވަހާ ހަމައަށް މި ވިއްސާރަ ދެމިގެންދާނެއެވެ.
ފާހަގަކުރެވޭ ގޮތުގައި، ބުރިޖުމައްޗަށް އުދައަރައިގެން ވެސް މީގެކުރިން ނުރައްކާތެރި ހާދިސާތައް ހިނގާފައި އެބަހުއްޓެވެ.