ދެކުނުގައި ޑުރަގުން ސަލާމަތްވުމަށް ފަރުވާ ދިނުމުގައި ހުރި ދަތިތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފި

ފޯރަމްގެ ތެރެއިން: މި ފޯރަމްގައި ދެކުނުގެ ސަރަހައްދުގައި ރިހެބިލިޓޭޝަންގައި ހުރި ދަތިތަކާ ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފައި --- ފޮޓޯ/ ފުލުހުން

ދެކުނުގެ ސަރަހައްދުގައި މަސްތުވާތަކެތީގެ ރިހެބިލިޓޭޝަނާއި ރިކަވަރީ މަރުހަލާގައި ހުރި ދަތިތަކާއި މުއައްސަސާތަކުގެ މަސައްކަތްތައް އެއް މިސްރާބަކަށް ބައްޓަންކުރުމާއި އެހީތެރިކަން އިތުރުކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކޮށްފައި ވަނީ، "ރީވިޒިޓިން ގެޕްސް އެންޑް ރިކަވަރީ އިން ދަ ސައުތު"ގެ ނަމުގައި މިއަދާ ހަމައަށް ކުރިއަށްދިޔަ ފޯރަމެއްގައެވެ. އެ ފޯރަމްގައި ފުލުހުންގެ އިތުރުން ޑްރަގް ކޯޓާއި އެންޑީއޭ އަދި ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުން ބައިވެރިވިއެވެ.

ކެނަރީފް ރިސޯޓް މޯލްޑިވްސްގައި މި ފޯރަމް ނިންމުމަށް މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދީ ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުއެވެ.

ފޯރަމްގައި ބައިވެރިވި ފަރާތްތައް: މި ފޯރަމްގައި ދެކުނުގެ ސަރަހައްދުގައި ރިހެބިލިޓޭޝަންގައި ހުރި ދަތިތަކާ ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފައި --- ފޮޓޯ/ ފުލުހުން

ފުލުހުން ބުނީ، މި ފޯރަމަކީ މަސްތުވާތަކެތީ ބޭނުންކުރާ ފަރާތްތަކަށް ފަރުވާ ދިނުމާއި މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތައް އަލުން މުޖުތަމައަށް ނެރުމުގައިހުރި ގޮންޖެހުންތައް ދެނެގަނެ، ކަމާ ގުޅުންހުރި ފަރާތްތަކުގެ މެދުގައި މަޝްވަރާކުރުމަށް ބޭއްވި ފޯރަމެއް ކަމަށެވެ.

އެގޮތުން، ކަމާ ގުޅުންހުރި މުއައްސަސާތައް ގުޅިގެން ދެކުނުގެ ސަރަހައްދުގައި ފަރުވާއާއި ރިހެބިލިޓޭޝަނާއި ރިކަވަރީ މަރުހަލާގައި ހުރި ދަތިތަކާއި ހުރަސްތަކާއި މުއައްސަސާތަކުގެ މަސައްކަތްތައް އެއް މިސްރާބަކަށް ބައްޓަންކުރުމާއި އެހީތެރިކަން އިތުރުކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ޚިޔާލު ބަދަލުކޮށް މަޝްވަރާކޮށްފައިވެއެވެ.

މި ފޯރަމްގައި ވާހަކަދައްކަވަމުން ސީޕީ އަހުމަދު މުހައްމަދު ވިދާޅުވީ، ފޯރަމްގެ މަޝްވަރާތަކަށްފަހު 12 ނުކުތާއަކަށް އެއްވަސްވެވުނު ކަމަށާއި އެއީ ދެކުނުގެ ހަތަރު އަތޮޅުގެ އިތުރުން މުޅި ރާއްޖެއަށް ވެސް މަސްތުވާތަކެތީގެ މައްސަލައިގައި ކުރިއެރުންތަކެއް ހޯދައިދޭނެ މުހިންމު ނިންމުންތަކެއް ކަމަށެވެ.

މަސްތުވާތަކެއްޗަކީ ވަކި ރަށަކަށް ނުވަތަ ވަކި އަތޮޅަކަށް އެކަނި އޮތް މައްސަލައެއް ނޫން ކަމަށާއި، މިއީ މުޅި ދައުލަތާއި މުޖުތަމައު އެކުގައި މަސައްކަތްކޮށްގެން ހައްލު ހޯދަން ޖެހިފައިވާ ބޮޑު ގައުމީ މައްސަލައެއް ކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ.

ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުޙައްމަދު ފޯރަމްގައި ވާހަކަދައްކަވަނީ --- ފޮޓޯ/ ފުލުހުން

އެގޮތުން، މި މަސައްކަތުގައި ޑްރަގް ކޯޓާއި އެންޑީއޭ އަދި ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް ހިމެނޭހެން ދައުލަތުގެ މުއައްސަސާތަކުން ދެއްވާ އެއްބާރުލުން ސީޕީ ވަނީ ފާހަގަކުރައްވާފައެވެ.

ފޯރަމްތަކުން ނިންމާ ނިންމުންތައް އަމަލީ މައިދާނަށް ގެނައުމުގައި ދިމާވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ސީޕީ ވިދާޅުވީ، ކަރުދާހުގައި ނޯޓުކުރެވޭ މުހިންމު އިލްމީ ވާހަކަތައް ހަމައެކަނި މަޝްވަރާއެއްގެ ގޮތުގައި ނުބަހައްޓައި، އޭގެ ނަތީޖާ ރައްޔިތުންނަށް ފެންނާނެހެން މަސައްކަތް ބައްޓަންކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި، މި ފޯރަމްގައި ކަނޑައެޅުނު ލަނޑުދަނޑިތަކަށް ވާސިލުވުމަށް ފުލުހުންގެ މުއައްސަސާއިން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ސީޕީ ވަނީ ދެއްވާފައެވެ.

މަސްތުވާތަކެތީގެ މައްސަލައަކީ، ރާއްޖެއަށް ދިމާވެފައިވާ އިޖުތިމާއީ ބޮޑު މައްސަލައެއް ކަމަށްވާއިރު، މި މައްސަލަ ހައްލު ކުރުމަށް ސަރުކާރުން އަންނަނީ އެކި މަސައްކަތްތައް ކުރަމުންނެވެ.

comment ކޮމެންޓް