ގައުމީ ބެންކު، ބީއެމްއެލްއިން ޓީޓީތަކަށް ޑޮލަރު ވިއްކާ މިންވަރު ތިން ހަފުތާއަށް އިތުރުކުރުމަށް ނިންމައިފިއެވެ.
އެ ގޮތަށް ނިންމި ސަބަބެއް ކަމަށް ބީއެމްއެލްއިން ބުނީ، މަރުކަޒީ ބޭންކު (އެމްއެމްއޭ)އިން، ތިން ހަފުތާގެ ނިޔަލަށް ބެންކުތަކަށް ދޫކުރާ ބޭރު ފައިސާގެ މިންވަރު އިތުރުކުރުމާ ގުޅިގެން، އެ ބެންކަށް ލިބޭ ޑޮލަރާއި ޓީޓީގެ މިންވަރަށް ރިއާޔަތްކޮށެވެ.
ނަމަވެސް، ޓީޓީތަކަށް ޑޮލަރު ދޫކުރާ މިންވަރު އިތުރުކުރީ ކިތައް ޕަސެންޓަށް ކަމެއް އެ ބެންކުން ހާމަކޮށްފައެއް ނުވެއެވެ.
މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ޓީޓީ ފޮނުވުމަށް، ބީއެމްއެލްއިން 186 މިލިއަނަށްވުރެ ގިނަ ޑޮލަރު ކަސްޓަމަރުންނަށް ދޫކޮށްފައިވެއެވެ. މިއީ މަހެއްގެ މައްޗަށް އެވްރެޖްކޮށް 27 މިލިއަން ޑޮލަރެވެ. މިއީ މިދިޔަ އަހަރުގެ މަހެއްގެ އެވްރެޖާ އަޅައިބަލާއިރު 12 މިލިއަން ޑޮލަރު އިތުރު އަދަދެކެވެ.

މީހަކު ޑޮލަރެއް ހިފައިގެން --- ފޮޓޯ: ބީއެމްއެލް
ފާއިތުވި 7 މަސްދުވަހުގެ ތެރޭގައި ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ގާތްގަނޑަކަށް 570 މިލިއަން ޑޮލަރު ބޭންކުން ވަނީ ފޯރުކޮށްދީފައެވެ. މިއީ އެވްރެޖްކޮށް ދުވާލަކަށް 2.7 މިލިއަން ޑޮލަރެވެ.
ބީއެމްއެލްއިން ވަނީ، އާންމު ފަރުދުންނަށާއި ވިޔަފާރިތަކުގެ އެކި ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގައި ބެންކުން ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދީފައެވެ.
ފާހަގަކުރެވޭ ގޮތުގައި، އެމްއެމްއޭއިން ވަނީ، ބެންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތައަށް ތިން ހަފުތާއަށް އިތުރުކުރުމަށް އިއްޔެ ނިންމާފައެވެ.
މީގެ ސަބަބުން، މުދާ އިމްޕޯޓްކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގައި ވިޔަފާރިތަކަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް އެ އޮތޯރިޓީން ފާހަގަކުރިއެވެ. ޚާއްސަކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ޑޮލަރު ލިބުމުގައި ހުރި ހުރަސްތައް ކުޑަވެ، ޓެލެގްރާފިކް ޓްރާންސްފާ (ޓީޓީ) އަދި ލެޓާ އޮފް ކްރެޑިޓް (އެލްސީ) މެދުވެރިކޮށް މުދާ އެތެރެކުރުމަށް ފަސޭހަވެގެންދާނެ ކަމަށް ބުންޏެވެ.
މީގެ ކުރިންވެސް ބޭރު ފައިސާގެ ދަތިކަން ހައްލުކުރުމަށް އެމްއެމްއޭ އިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން، މިއަހަރުގެ ރަމަޟާން މަހާ ދިމާކޮށް ޒަރޫރީ ކާބޯތަކެތި އިމްޕޯޓްކުރާ ވިޔަފާރިވެރިންނަށް އެހީތެރިވުމަށާއި އަގުތައް އެއްވަރެއްގައި ހިފެހެއްޓުމަށް ޓަކައި ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 32 އިންސައްތަ އިތުރުކުރިއެވެ.
މީގެ އިތުރުން، ފަތުރުވެރިކަމުގެ އޮފް ސީޒަނާ ދިމާކޮށް ވިޔަފާރިތަކަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މިދިޔަ ޖޫން މަހުވެސް ވަނީ ހަފުތާއަކު ދޫކުރާ ޑޮލަރުގެ މިންވަރު 26 އިންސައްތަ އިތުރުކޮށްފައެވެ.