އިންޝުއަރެންސް ކުންފުންޏެއް އުފައްދަން ކެޕިޓަލް ރިއުކަޔަމެންޓް 50 މިލިއަން ރުފިޔާއަށް ބޮޑުކޮށްފި

މަރުކަޒީ ބެންކް، އެމްއެމްއޭ-- ފޮޓޯ: އެމްއެމްއޭ

ރާއްޖޭގެ އިންޝުއަރެންސާ ބެހޭ ގާނޫނު ތަންފީޒުކުރުމަށް ބޭނުންވާ މުހިންމު ދެ ގަވާއިދެއް އެކުލަވާލައި، އެ ގަވާއިދުތަކަށް އަމަލުކުރަން ފަށައިފިއެވެ.

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވާލި މި ދެ ގަވާއިދަކީ އިންޝުއަރެންސަށް ދިވެހިރާއްޖޭގައި ހުރި ރިސްކުތަކާބެހޭ ގަވާއިދާއި އިންޝުއަރެންސްގެ އާންމު މާއްދާތަކުގެ ގަވާއިދެވެ.

މި ދެ ގަވާއިދު އާންމުންގެ ހިޔާލަށް މި މަހުގެ 14 ވަނަ ދުވަހު އެމްއެމްއޭއިން ހުޅުވާލުމަށްފަހު، ރަސްމީކޮށް ޝާއިއުކޮށްފައިވަނީ މި މަހުގެ 27 ވަނަ ދުވަހެވެ.

އާންމު ކުރެވުނު އާ އުސޫލުތަކުގެ ދަށުން، އިންޝުއަރެންސް ކުންފުންޏެއް އުފައްދަން ކެޕިޓަލް ރިއުކަޔަމެންޓް 10 މިލިއަން ރުފިޔާއިން 50 މިލިއަން ރުފިޔާއަށް ވަނީ ބޮޑުކޮށްފައެވެ.

މީގެ އިތުރުން، ރާއްޖޭގައި ހިންގާ ކޮންމެ އިންޝުއަރެންސް ކުންފުންޏަކުން ވެސް ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ދެ މިލިއަން ރުފިޔާ ބަހައްޓަން ޖެހޭނެ ކަމަށް އުސޫލުގައިވެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މިއީ މީގެ ކުރިން ވެސް ސެކިއުރިޓީ ޑިޕޮސިޓަށް ކަނޑައަޅައިފައިވާ އަދަދެވެ.

ރިސްކާ ގުޅޭ ގަވާއިދުގައި މައިގަނޑު ގޮތެއްގައި ބަޔާންކޮށްފައިވަނީ ރާއްޖޭގައި ހުރި ރިސްކުކަމަށް ބަލާނެ ކަންކަން ކަނޑައެޅުމަށާއި، އެފަދަ ރިސްކެއް ކަވަކުރުމަށް ޓަކައި ރާއްޖޭގައި ހިންގާ ލައިސެންސް ލިބިފައިވާ އިންޝުއަރެންސް ކުންފުންޏެއްގެ ޕޮލިސީއެއް ނެގުމަށް އޮންނަ އޮތުމަށް އިސްތިސްނާ ދެވޭނެ ގޮތްތަކެވެ.

މީގެ އިތުރުން އޮތޯރިޓީގެ ވެބްސައިޓުގައި ބަޔާންކުރާނެ ހާލަތްތަކުގެ އިތުރުން އިސްތިސްނާ ހޯދުމަށް އޮތޯރިޓީއަށް ހުށަހެޅިދާނެ ހާލަތްތައް ވެސް މި ގަވާއިދުގައި ހިމަނާފައިވެއެވެ.

މި ގަވާއިދުގައި ރިސްކުގެ ގޮތުގައި ފަސް ކަމެއް ފާހަގަކޮށްފައިވެއެވެ. އޭގެ ތެރޭގައި ރާއްޖޭގެ ސަރަހައްދުގެ ތެރޭގައި ހުރި ބިން ހިމެނޭ ގޮތަށް ނުއުފުލޭ އަދި އުފުލޭ މުދަލަށް ކުރިމަތިވެފައިވާ ރިސްކާއި، ދިރިއުޅޭ މީހުންނާ ގުޅޭ ރިސްކްތަކާއި، ރާއްޖޭގައި ހުރި މުދަލާއި ރާއްޖޭގައި އުޅޭ މީހެއްގެ ލަޔަބިލިޓީއާ ގުޅޭ ރިސްކުތަކުގެ އިތުރުން ގާނޫނާ އެއްގޮތަށް ރަޖިސްޓާކޮށްފައިވާ ވިޔަފާރިތަކާ ގުޅޭ ރިސްކުތައް ހިމެނެއެވެ.

އަދި ރިސްކުތައް ކަވަރު ކުރުމަށްޓަކައި ލައިސެންސް ލިބިފައިވާ އިންޝުއަރެންސް ކުންފުންޏެއް ނޫން ފަރާތެއްގެ އިންޝުއަރެންސް ޕޮލިސީއެއް ނެގުމާއި އެކަމާ ގުޅޭ ނެގޯޝިއޭޓް ކުރުމުގައި އަމަލުކުރަން ޖެހޭނެ ގޮތްތައް ވެސް ބަޔާންކޮށްފައިވެއެވެ.

އިންޝުއަރެންސްގެ އާންމު ގަވާއިދުގައި، ރާއްޖޭގައި ހުރި އިންޝުއަރެންސް ވިޔަފާރިއެއް ސޮލިސިޓްކުރުމަށް ގާނޫނުގައި ހުއްދަ ކުރެވިފައިވާ ފަރާތްތަކަށް ސޮލިސިޓްކުރެވޭނެ ދާއިރާތަކާއި، އިންޝުއަރެންސް ބްރޯކަރު ކަމުގެ ލައިސަންސް ދޫކުރުމުގައި ބަލާނެ ކަންކަމާއި ހުށަހަޅަންޖެހޭ މައުލޫމާތުތައް ވަނީ ބަޔާންކޮށްފައެވެ. އަދި ގާނޫނުގެ ދަށުން އިދާރީ ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ އުސޫލުތައް ވެސް ވަނީ އެކުލަވާލާފައެވެ.

މީގެއިތުރުން، އިންޝުއަރެންސް ވިޔަފާރި ކުރުމުގެ ލައިސެންސް ދިނުމުގައި ބަލާނެ ޝަރުތުތަކާއި، ކުންފުނިތަކުގެ ބްރާންޗްތަކާއި ސަބްސިޑަރީތަކަށް ލައިސެންސް ދިނުމުގައި ބަލާ ޝަރުތުތަކާއި، ސެކިއުރިޓީ ޑިޕޮސިޓް އަދި އިންޝުއަރެންސް ފަންޑް ގާއިމްކުރުމުގައި އަމަލުކުރަންޖެހޭ އެންމެހައި މިންގަނޑުތައް ވެސް މި ގަވާއިދުގެ ދަށުން ވަނީ ކަނޑައަޅައިފައެވެ.

comment ކޮމެންޓް