އަމިއްލަ ފަރުދުންނަށް ދޫކުރި ލޯނުގެ އަދަދު 9.2 ބިލިއަން ރުފިޔާއަށް އަރައިފި

އޮގަސްޓް 1، 2021: ރާއްޖޭގެ ސެންޓްރަލް ބޭންކް އެމްއެމްއޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ބޭންކުތަކާއި ޑިޕޮސިޓް ބަލައިގަންނަ އެހެނިހެން މާލީ އިދާރާތަކުން އަމިއްލަ ފަރުދުންނަށް މިހާތަނަށް ދޫކޮށްފައިވާ ލޯނު ނުވަތަ ޕާސަނަލް ލޯނުގެ އަދަދު 9.2 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.

މި ތަފާސްހިސާބުތަކަކީ 31 ޖުލައި 2026 ގެ ނިޔަލަށް ދޫކޮށް އަނބުރާ ނުދައްކައި ހުރި ލޯނުތަކާއި އެޑްވާންސްތަކުގެ މައްޗަށް އެކުލަވާލާފައިވާ މައުލޫމާތުތަކެކެވެ. މި އަދަދުތައް އަޅާކިޔާފައިވަނީ ޖޫން 2026 ގެ ނިޔަލަށް ހުރި މިންވަރާކަމަށްވާއިރު، އެމްއެމްއޭގެ ތާވަލުގައި 2020 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ނިޔަލަށް ހުރި އަހަރީ ހިސާބުތައް ވެސް ހިމަނާފައިވެއެވެ.

އެގޮތުން އަމިއްލަ ވިޔަފާރިތަކާއި ފަރާތްތަކަށް ނުވަތަ ޕްރައިވެޓް ސެކްޓަރަަށް ދޫކޮށްފައިވާ ޖުމްލަ ކްރެޑިޓްގެ މިންވަރު ވެސް ވަނީ 41.3 ބިލިއަން ރުފިޔާއަށް ވުރެ އިތުރުވެފައެވެ.

އަމިއްލަ ފަރާތްތަކަށް ދޫކުރާ ލޯނުތަކުގެ ތެރެއިން، ފަތުރުވެރިކަމުގެ ދާއިރާއަށްފަހު ދެވަނައަށް އެންމެ ބޮޑު ބައެއް ހިއްސާކުރާ ޕާސަނަލް ލޯނުގެ ގޮތުގައި ޖުލައި މަހުގެ ނިޔަލަށް 9.20 ބިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.

މިއީ ޖޫން މަހުގެ ނިޔަލަށް ރެކޯޑުކުރެވުނު 9.02 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ގާތްގަނޑަކަށް ދެ އިންސައްތަ ނުވަތަ 180.97 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މީގެއިތުރުން، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ޕާސަނަލް ލޯނުގެ ގޮތުގައި ހުރި 8.86 ބިލިއަން ރުފިޔާއާ އަޅާބަލާއިރު، މިއީ ގާތްގަނޑަކަށް 347 މިލިއަން ރުފިޔާގެ ކުރިއެރުމެކެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން، ޕްރައިވެޓް ސެކްޓަރަށް ޖުމްލަ ދޫކޮށްފައިވާ ލޯނާއި އެޑްވާންސްތަކުގެ އަދަދު މިދިޔަ ޖޫން މަހު ހުރި 40.85 ބިލިއަން ރުފިޔާއިން ޖުލައި މަހުގެ ނިޔަލަށް ވަނީ 41.34 ބިލިއަން ރުފިޔާއަށް އުފުލިފައެވެ. މިއީ އެއް މަސްދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 1.2 އިންސައްތަ ނުވަތަ 482.5 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

ވިޔަފާރިތަކަށް ދޫކޮށްފައިވާ ލޯނުތަކުގެ ތެރެއިން އެންމެ ބޮޑު ހިއްސާއެއް އަދިވެސް އޮތީ ފަތުރުވެރިކަމުގެ ދާއިރާގައެވެ. މިގޮތުން، ފަތުރުވެރިކަމުގެ ދާއިރާއަށް ދޫކޮށްފައިވާ ލޯނުގެ މިންވަރު ޖުލައި މަހުގެ ނިޔަލަށް 12.91 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ ޖޫން މަހު ހުރި 12.60 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ގާތްގަނޑަކަށް 306.8 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

މީގެއިތުރުން، ވިޔަފާރި މުއާމަލާތްތަކާ ގުޅޭ ނުވަތަ ކޮމާސް ލޯނުތައް ޖޫން މަހު ހުރި 3.12 ބިލިއަން ރުފިޔާއިން ޖުލައި މަހު ވަނީ 3.22 ބިލިއަން ރުފިޔާއަށް އަރާފައެވެ. އަދި ރިއަލް އެސްޓޭޓް ދާއިރާއަށް ދޫކުރި ލޯނު 3.46 ބިލިއަން ރުފިޔާއަށް އެރިއިރު، އިމާރާތްކުރުމުގެ ދާއިރާއަށް ދޫކުރި ލޯނުތައް ވަނީ 9.21 ބިލިއަން ރުފިޔާއަށް ކުޑަކޮށް މައްޗަށް ޖެހިލާފައެވެ.

އެހެނިހެން ދާއިރާތަކަށް ބަލާއިރު، ދަތުރުފަތުރާއި މުއާސަލާތީ ދާއިރާއަށް ދޫކޮށްފައިވާ ކްރެޑިޓް 679.1 މިލިއަން ރުފިޔާގައި ހުރިއިރު، ކަރަންޓާއި ގޭސް އަދި ފެނުގެ ޚިދުމަތްތަކަށް 90.9 މިލިއަން ރުފިޔާ އަދި ދަނޑުވެރިކަމުގެ ދާއިރާއަށް 10.6 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.

މުޅި އިގްތިސާދީ ދާއިރާތަކުގެ ތެރެއިން ކުޑަ ދަށްވުމެއް ފެނިފައިވަނީ އުފެއްދުންތެރިކަމުގެ ނުވަތަ މެނުފެކްޗަރިން ދާއިރާއިންނެވެ. އެގޮތުން އެ ދާއިރާއަށް ދޫކުރި ލޯނުތައް ވަނީ ޖޫން މަހު ހުރި 239.3 މިލިއަން ރުފިޔާއިން ޖުލައި މަހު 237.3 މިލިއަން ރުފިޔާއަށް ދަށްވެފައެވެ. އަދި ވަކި ދާއިރާއަކަށް ނުފެތޭ އެހެނިހެން ލޯނުތަކުގެ އަދަދު ޖޫން މަހު ހުރި 1.91 ބިލިއަން ރުފިޔާއިން ޖުލައި މަހު ވަނީ 1.87 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ.

އެމްއެމްއޭއިން ހާމަކޮށްފައިވާ މި ތަފާސްހިސާބުތަކަކީ ޑިޕޮސިޓް ބަލައިގަންނަ މާލީ އިދާރާތަކުން ހުށަހަޅާ މާލީ ބަޔާންތަކުގެ މައްޗަށް ބިނާކޮށް، ދޫކޮށްފައިވާ ލޯނުތަކާއި އެޑްވާންސްތަކުގެ އިތުރުން ލިބެންޖެހޭ އިންޓްރެސްޓާއި އެކައުންޓްސް ރިސީވަބަލް ހިމަނައިގެން އެކުލަވާލާފައިވާ ހިސާބުތަކެކެވެ.

comment ކޮމެންޓް