އެއާޕޯޓުތައް ހިންގާ ކުންފުނި އެމްއޭސީއެލުން އެ ކުންފުނީގެ އޭވިއޭޝަން އިންސްޓިޓިއުޓް (އެއިމް) އިފުތިތާހުކޮށް، އިންސްޓިޓިއުޓްގެ ފުރަތަމަ ދަސްވެނިންނަށް ސެޓްފިކެޓުތައް ހަވާލުކޮށްފިއެވެ.
މި އިންސްޓިޓިއުޓުން ދަސްވެނިވި ދަރިވަރުންނަށް ސެޓްފިކެޓު ހަވާލުކޮށްދެއްވީ އެމްއޭސީއެލްގެ ސީއީއޯ އިބްރާހީމް ޝަރީފް މުޙައްމަދެވެ. އަދި ކޯހުން އެންމެ މަތީ ނަތީޖާ ހޯދި ދަރިވަރުންނަށް ޚާއްސަ އެވޯޑުތައް ހަވާލުކޮށްދެއްވީ އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު ގައުމީ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މަޙްމޫދު ޝައުގީއެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، އޭވިއޭޝަން އިންސްޓިޓިއުޓުގެ މަގުސަދަކީ ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް ބޭނުންވާ ފަންނީ މަސައްކަތްތެރިން ބިނާކުރުން ކަމަށެވެ.

އޭވިއޭޝަން އިންސްޓިޓިއުޓުގެ އެއާޕޯޓު ސެކިއުރިޓީ މެނޭޖްމަންޓް ކޯހުން މަތީ ވަނަ ހާސިލްކުރި ދަރިވަރުން --- ފޮޓޯ: އެމްއޭސީއެލް
މި އިންސްޓިޓިއުޓަކީ އެއާޕޯޓުތަކަށް ބޭނުންވާ ހުނަރުވެރި މުވައްޒަފުން ތަމްރީނުކުރުމަށް އެމްއޭސީއެލުން ދިގު މުއްދަތަކަށް ގެންގުޅޭ ތަސައްވުރު ރަމްޒުކޮށްދޭ ތަނެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.
އެމްއޭސީއެލުން ބުނީ، މި މިރަސްމިއްޔާތުގައި ޖުމުލަ 29 ދަރިވަރަކު އެއާޕޯޓު ސެކިއުރިޓީ މެނޭޖްމަންޓް ކޯސް ފުރިހަމަކޮށް ސަނަދު ހާސިލްކޮށްފައިވާ ކަމަށެވެ.

އޭވިއޭޝަން އިންސްޓިޓިއުޓުގެ އެއާޕޯޓު ސެކިއުރިޓީ މެނޭޖްމަންޓް ކޯހުން ސަނަދު ހާސިލްކުރި ބައެއް ދަރިވަރުން --- ފޮޓޯ: އެމްއޭސީއެލް
މި ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ)ގެ މިންގަނޑުތަކަށް ފެތޭގޮތަށް، ގައުމީ ސަނަދުތަކުގެ އޮނިގަނޑާ އެއްގޮތަށް ފަރުމާކޮށްފައިވާ ފައުންޑޭޝަން ލެވެލުގެ ކޯހެއް ކަމަށް، އެމްއޭސީއެލުން ބުންޏެވެ. އެ ކުންފުނިން ބުނި ގޮތުގައި މި ކޯހުގެ ކިޔެވުން ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ސެޕްޓެންބަރު މަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށް ތިން މަސް ދުވަހުގެ ނިޔަލަށެވެ.
މި ކޯހާ ގުޅޭ ގޮތުން އެމްއޭސީއެލުން އިތުރަށް ބުނީ، މިއީ އެ ކުންފުނީގެ އެސްޓޭޓް ސެކިއުރިޓީ ޚިދުމަތާ އަލަށް ގުޅޭ މުވައްޒަފުން ތަމްރީނުކުރުމަށް ޚާއްސަކޮށް ފަރުމާކުރި ކޯހެއް ކަމަށެވެ. މި ކޯހަކީ ވެލާނާ އެއާޕޯޓުން ދަތުރުކުރާ ފަސިންޖަރުންގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން އިތުރަށް ވަރުގަދަކުރުމަށް ކުރަމުންދާ މަސައްކަތުގެ ބައެއްގެ ގޮތުގައި އެ ކުންފުނިން ވަނީ ސިފަކޮށްފައެވެ.