ކޮންމެ ދިވެހި ޒުވާނަކަށްވެސް އެ މީހެއްގެ ފުރިހަމަ ގާބިލިއްޔަތަށް ވާސިލުވެވޭނެ ފަދަ މާހައުލެއް އުފައްދައިދީ، ޒުވާނުން ބާރުވެރިކުރުވުމުގައި ސަރުކާރު ސާބިތުކަމާއެކު ދެމިއޮންނާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފިއެވެ.
ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހާއްސަ މެސެޖުގައި ރައީސް ވިދާޅުވީ، ތަފާތު ރަށްރަށާއި ސަގާފަތްތަކުން އަންނަ ޒުވާނުން ތަފާތު ހަގީގަތްތަކެއް ތަޖުރިބާކުރި ނަމަވެސް، ފެންވަރު ރަނގަޅު ތައުލީމާއި އަބުރުވެރި ދިރިއުޅުމެއް ހޯދުމަކީ ހުރިހާ ޒުވާނުންވެސް ހިއްސާކުރާ އުންމީދުތަކެއް ކަމަށެވެ. އަދި ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 45 އިންސައްތައަކީ ޒުވާނުންކަން ފާހަގަކުރައްވައި، ގައުމުގެ މުސްތަގުބަލު ބައްޓަންކުރުމުގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ތައުލީމީ މައިދާނުން ވަޒީފާގެ މައިދާނަށް ދިއުމުގެ މަރުހަލާ އޮމާންކޮށްދިނުމަށްޓަކައި، ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމާއި ނޭޝަނަލް ސާވިސް ޕްރޮގްރާމް ފަރުމާކޮށްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ޒުވާނުންގެ ހިޔާލުތަކާއި އުންމީދުތަކަކީ ގައުމީ ތަރައްގީއަށް މުހިންމު އުންސުރުތަކެއްކަމުގައި ވިދާޅުވެ، ޒުވާނުންގެ އިހުލާސްތެރިކަމާއެކު ދެމެހެއްޓެނިވި ތަރައްގީއަށް ގައުމު މިސްރާބު ޖަހާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
މި ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކޮންމެ ހާލަތަކުން އައި މީހެއް ކަމުގައިވިޔަސް ކޮންމެ މީހެއްގެ ހުވަފެންތަކަކީވެސް އަގުހުރި އެއްޗެއް ކަމަށެވެ. އަދި ވަކި ތަނަކަށް ނުވަތަ ހާލަތަކަށް ނިސްބަތްވީތީ ފުރުސަތުތައް ހަނިނުވާނެ ފަދަ މުޖުތަމައުއެއް ބިނާކުރުމަށް އެކަމަނާ ގޮވާލެއްވިއެވެ. ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 12 ވަނަ ދުވަސް ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޒުވާނުންނާ ގުޅުންހުރި މައްސަލަތަކަށް ހޭލުންތެރިކަން އިތުރުކުރުމަށެވެ.