މި އަހަރު ފުލުހުންނަށް ހުށަހެޅި މަސްތުވާތަކެއްޗާ ގުޅުންހުރި އެކި އޮޕަރޭޝަންތަކުގައި މިދިޔަ ޖުލައި މަހުގެ ނިޔަލަށް 120 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ތަކެތި އަތުލައިގެންފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން އެކި އޮޕަރޭޝަންތަކުގައި މި އަހަރު އަތުލައިގަތް 137.03 ކިލޯގެ މަސްތުވާތަކެތީގެ މަގުމަތީ އަގަކީ 120.24 މިލިއަން ރުފިޔާއެވެ. އެ ތަފާސްހިސާބުގައިވާ ގޮތުން ފުލުހުން އަތުލައިގަތް ބަނގުރަލުގެ 845 ފުޅިއާއި ދަޅު ފަދަ ތަކެތީގެ މަގުމަތީ އަގު 960،900 ރުފިޔާއަށް އަރައެވެ.
ތަފާސްހިސާބުތަކުން ހާމަވާ ގޮތުގައި މަސްތުވާތަކެއްޗާ ބެހޭ އެކި މައްސަލަތަކުގައި މިހާތަނަށް 144.34 ކިލޯގެ މަސްތުވާތަކެއްޗާއި 1،856 ބަނގުރާ އަތުލައިގެންފައިވެއެވެ.
ފުލުހުން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގެތެރެއިން: މިދިޔަ ހަތް މަހުތެރޭ 120 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެއްޗާއި ބަނގުރާ އަތުލި -- ފޮޓޯ/ ފުލުހުންއެހެންކަމުން ފުލުހުންގެ އޮޕަރޭޝަންތަކުގައި ޖުލައި މަހުގެ ނިޔަލަށް އަތުލައިގަތް ތަކެތީގެ އަގު 121.20 މިލިއަން ރުފިޔާއަށް އަރައެވެ.
އެ ތަފާސްހިސާބުތަކުގައިވާ ގޮތުން، ޖުލައި މަހުގެ ނިޔަލަށް މި އަހަރު އެވަރެޖުކޮށް ދުވާލަކަށް ފަސް އޮޕަރޭޝަނެއް ހިންގައި ޖުމުލަ 1،141 އޮޕަރޭޝަނެއް ހިންގައިފައިވެއެވެ. އެގޮތުން މާލޭގައި މަސްތުވާތަކެއްޗާ ގުޅުންހުރި 531 އޮޕަރޭޝަނެއް ހިންގިއިރު، ދެވަނައަށް އެންމެ ގިނައިން އޮޕަރޭޝަން ހިންގި އުތުރު ސަރަހައްދުގައި 329 އޮޕަރޭޝަނެއް ހިންގައިފައިވެއެވެ.
މި މުއްދަތުގައި 23،249 މީހަކު ބަލައި ފާސްކޮށް 7،309 މީހަކު ހައްޔަރުކޮށްފައިވެއެވެ.
ރާއްޖޭގައި ހައްލުނުވެ ހުރި ޒަމާންވީ އެންމެ ބޮޑު މައްސަލަތަކުގެ ތެރޭ މަސްތުވާތަކެތީގެ މައްސަލަ ހިމެނެއެވެ.