ލައިގެން ހުރި ބޮކްސާތެރެއިން މަސްތުވާތަކެތި ފެނުމުން ނ. ހޮޅުދުއަށް ނިސްބަތްވާ ޒުވާނަކު 15 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހޮޅުދުއަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ އެތަކެތިން ވިޔަފާރިކުރާ މައްސަލައިގައިވެ.
ކޯޓު އަމުރުގައިވާގޮތުން އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކޮންމެވެސް ވަރަކަށް ހެކި ހުށަހަޅާފައިވުމުންނެވެ.
އެގޮތުން ސީނަށް ދިޔަ ފުލުހުންގެ ބަޔާނުގައިވާ ގޮތުން، ފުލުހުން އޭނާ ހުއްޓުވައި ބަލާފާސްކުރިއިރު އޭނާ ލައިގެންހުރި ބޮކްސާއާއި ހަށިގަނޑާ ދޭތެރެއިން ދެ ރަބަރު ޕެކެޓު ފެނިފައިވާކަމަށް ވަނީ ބުނެފައެވެ. އަދި އެ ދެ ރަބަރު ޕެކެޓު ބަލާފާސްކުރިއިރު އެއް ޕެކެޓުގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 11 ރަބަރު ޕެކެޓު ފެނިފައިވާއިރު އަނެއް ޕެކެޓުގައި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 12 ޕެކެޓު ފެނިފައިވާ ކަމަށް ވަނީ ބުނެފައެވެ.
މީގެ އިތުރުން އޭނާގެ ކުޑަކަމުދާ ތަކެތި ޓެސްޓުކުރުމުން ޓީއެޗްސީ، އޭއެމްޕީ، އޯޕީއައި، ބެންޒޯ އަދި ސީއޭޓިއަށް ޕޮޒިޓިވް ވެފައިވާ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން އޭނާ ހައްޔަރުކޮށްފައިވަނީ އިޖުރާތާ އެއްގޮތަށް ކަމަށް ކަނޑައަޅައި އޭނާ އަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއް ކަމަށް ބުނެފައިވާ ކަމަށްވެސް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.
މަސްތުވާތަކެތީގެ މިފަދަ މައްސަލަތަކަކީ މިހާރު ރާއްޖޭގައި އާންމުވެފައިވާ މައްސަލައެކެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ފާއިތުވެ ދިޔަ ހަތް މަސްދުވަހުގެ މުއްދަތުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި މުޅި ރާއްޖެއިން ޖުމުލަ 144 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެ، 1,800 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ބުނެފައެވެ.
މި އޮޕަރޭޝަންތަކުން އަތުލައިގަތް ތަކެތީގެ ތަފްސީލަށް ބަލާއިރު، މާލެ ސަރަހައްދުން 137.8 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި، ސަދަން ޕޮލިހުން ތިން ކިލޯއަށްވުރެ ގިނަ، އަދި ނޯދަން ޕޮލިހުން 3.4 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ވަނީ އަތުލައިގަނެފައެވެ.