ސްކޭމްގެ 3،000 މައްސަލައިގައި 35 މިލިއަން ގެއްލުނުއިރު، ހޯދުނީ 13 މިލިއަން

ފައިސާތަކެއް: ސްކޭމްގެ 3،000 މައްސަލައިގައި 35 މިލިއަން ވަނީ ގެއްލިފައި -- ފޮޓޯ/ ފުލުހުން

ސްކޭމްގެ 3،000 މައްސަލައިގައި 35 މިލިއަނަށް ވުރެ ގިނަ ރުފިޔާ ގެއްލުނުއިރު، އޭގެތެރެއިން އަނބުރާ ހޯދުނީ 13 މިލިއަން ރުފިޔާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުން ބުނި ގޮތުގައި، ފައިސާ އެއްކޮށް އަނބުރާ ހޯދުނީ 1،196 މައްސަލައިގެއެވެ. އަދި، އަދި 279 މައްސަލައެއްގައި ފައިސާގެ ބައެއް ފުލުހުން ވަނީ ހޯދާފައެވެ.

އެ މުއައްސަސާއިން ބުނި ގޮތުގައި، މަކަރާއި ހީލަތުން ފައިސާ ހޯދުމަށް އެންމެ ގިނައިން ބޭނުންކޮށްފައިވަނީ އޮންލައިންކޮށް ވިޔަފާރިކުރުމުގެ ނަމުގައި ހިންގާ "އީ-ކޮމާސް" ސްކޭމްތަކެވެ. މިފަދަ 1,478 މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވެއެވެ.

މީގެ އިތުރުން ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގި 540 ސްކޭމްގެ މައްސަލައާއި، އެކި ފަރާތްތަކުގެ ނަމުގައި މީހުންނަށް އޮޅުވާލައިގެން ހިންގި 439 މައްސަލަ ހިމެނެއެވެ.

މީހަކު ލެޕްޓޮޕަކާއި ފޯނެއް ހިފައިގެން: ސްކޭމްތަކުގައި 35 މިލިއަން ވަނީ ގެއްލިފައި ---- ފޮޓޯ/ ހޯމް މިނިސްޓްރީ

އެ ސްކޭމްތައް ހިންގާފައިވާ ގޮތްތަކަށް ބަލާއިރު، އެންމެގިނަ މައްސަލަތައް ފުލުހުންނަށް ހުށަހަޅާފައި ވަނީ، ފޭސްބުކް މާކެޓްޕްލޭސް ބޭނުންކޮށްގެން ހިންގި ސްކޭމްތަކެވެ. އެ ބާވަތުގެ 1،093 މައްސަލަ ހުށަހެޅިއިރު، ވައިބާ މެދުވެރިކޮށް ހިންގި 911 މައްސަލަ ވަނީ ރިޕޯޓުކޮށްފައެވެ.

މީގެއިތުރުން، ފޯނު ކޯލާއި އައިބޭއާއި ޓެލެގްރާމާއި ވަޓްސްއަޕާއި އިންސްޓަގްރާމް އަދި ޓިކްޓޮކް މެދުވެރިކޮށް ސްކޭމްތައް ހިންގާފައިވާ ކަަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ވަނީ ރައްޓެއްސެއް ނޫނީ ގާތްތިމާގެ މީހެއް ޒާތީ މައުލޫމާތަކަށް އެދިއްޖެ ނަމަ، އެއީ އެ މީހާތޯ ކަށަވަރުކުރުމަށާއި، އެއްވެސް ހާލެއްގައި ޕިން ނަންބަރު ނުވަތަ އޯޓީޕީ ނަންބަރު ހިއްސާނުކުރަން އެދިފައެވެ.

ހަމަ އެހެންމެ، ގޮތްނޭނގޭ އޮންލައިން ވިޔަފާރިތަކުން އެއްޗެހި ނުގަތުމަށާއި، އެކިއެކި ލިންކުތަކަށް ނުދިއުމަށް ވެސް ފުލުހުން އެދިފައިވެއެވެ. އަދި، ޝައްކުއުފެދޭ ކަމެއް ކުރިމަތިވެއްޖެނަމަ، ކަމާބެހޭ އިދާރާއަކަށް ލަސްނުކޮށް ހިއްސާކުުރުމަށް ފުލުހުން ވަނީ އެދިފައެވެ.

comment ކޮމެންޓް