ރާއްޖޭގައި ފައިސާގެ މުއާމަލާތްކުރުމުގައި މިހާރު ގެންގުޅޭ އުސޫލުތައް ބަދަލުކޮށް، ރާއްޖޭގެ އިގްތިސާދު 'ސިންގަލް ކަރެންސީ އިކޮނޮމީ' އަކަށް ބަދަލުވާން ޖެހޭ ކަމަށް އިނާމޯލްޑިވްސްގެ ފައުންޑާ އަދި ސީއީއޯ މުޙައްމަދު ފިރާގް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އިގްތިސާދާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓްރީން ބޭއްވި 'އިގްތިސާދުގެ ދެފަރާތް' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފިރާގް ވިދާޅުވީ، މިހާރު ރާއްޖޭގައި އޮތީ ޑުއަލް ކަރަންސީ އިކޮނޮމީއެއް ކަމަށާއި އެއީ ވަރަށް "ގަދީމީ" ގޮތަކަށް ފެށިގެން އައިސްފައިވާ ކަމެއް ކަމަށެވެ.
ފިރާގް ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ ރިސޯޓް އިންޑަސްޓްރީއަކީ މުޅިން ޑޮލަރުން މުއާމަލާތްކުރާ ދާއިރާއަކަށް ވާއިރު، ދިވެހިންގެ އާންމު ދިރިއުޅުމުގައި ބޭނުންކުރަނީ ދިވެހި ރުފިޔާއެވެ. މީގެ ސަބަބުން އިގްތިސާދުގައި ބޮޑު އިންބެލެންސެއް އުފެދިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ވަކިން ހާއްސަކޮށް، ރާއްޖޭގައި މަސައްކަތްކުރާ ގާތްގަނޑަކަށް 280,000 އެއްހައި ބިދޭސީންނަށް ދޭ މުސާރައާއި އެމީހުން ހޯދާ އިތުރު ފައިސާއަކީ ކޮންމެ މަހަކު ޑޮލަރަށް ބަދަލުވެގެން ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާކަން އޭނާ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންގެ މަނިޓަރީ ސިޔާސަތު އެބަ ޖެހޭ ޒަމާނީ ގޮތަކަށް ބަދަލުވާން. މީގެ މާނައަކީ ރާއްޖޭގެ އިންވެސްޓަރުންނަށް ތްރެޓަކަށް ވާގޮތަށް ގާނޫނުތައް ބަދަލުކުރުމެއް ނޫން. އެހެން ނަމަވެސް އަޅުގަނޑުމެން އެބަޖެހޭ މެޗުއާވެ، މައިގްރޭޓްވާން ސިންގަލް ކަރެއްސީ އިކޮނޮމީއަކަށް ބަދަލުވާން،" ފިރާގް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ބޭންކް އޭޓީއެމްތަކުން ކޮންމެ ދުވަހަކު ނަގާ ގިނަ އަދަދެއްގެ ފައިސާއަކީ ހަމައެކަނި ދިވެހިންގެ ބޭނުންތަކަށް ނަގާ ފައިސާ ނޫން ކަމަށާއި، އޭގެ ތެރޭގައި ފައިސާ ބޭރުވާ ގިނަ ލިންކްތަކެއް ހިމެނޭ ކަމަށެވެ.
ރާއްޖޭގައި ނުގަވައިދުން ވިޔަފާރިކުރާ ބޭރުގެ ގިނަ ފަރާތްތަކެއް އުޅޭކަން ފާހަގަކުރައްވަމުން ފިރާގް ވިދާޅުވީ، މިއީ ދިވެހިންގެ އަތުން ކައްސާލާފައިވާ ކަމެއް ކަމަށެވެ. އެހެންކަމުން، މި ހުރިހާ މުއާމަލާތްތަކެއް ވަކި ސިސްޓަމެއްގެ ތެރެއަށް ވައްދައި، މުޅި ފައިސާއަކީ އިކޮނޮމީގެ ތެރޭގައި ހިފެހެއްޓިގެން ވަކި އުސޫލުތަކެއްގެ ތެރެއިން ދައުރުވާ އެއްޗަކަށް ހަދަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ނިންމަވާލައްވަމުން ފިރާގް ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ފުޅާވަމުންދާ މިންވަރަށް އެއާ އެކަށީގެންވާ ގާނޫނުތަކެއް ހެދިފައި ނެތް ކަމަށެވެ. އެހެންކަމުން މިހާރު އޮތް މަނިޓަރީ ޕޮލިސީ މުޅިން 'އޯވާހޯލް' ކޮށް، ޒަމާނާ ގުޅޭ ގޮތަށް ބަދަލުކުރުމަކީ މިއަދު ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.