އުޝާ މުމްބާއީގައި އެކަނި ދިރިއުޅޭތާ 39 އަހަރު

އިންޑިއާގެ ޓެލެވިޒަން ބަތަލާ އުޝާ ނަދްކަރްނީ--ފޮޓޯ/އެންޑީޓީވީ

މަޝްހޫރު ޑްރާމާ ސިލްސިލާ "ޕަވިތުރަ ރިޝްތާ"އިން އާންމުންގެ މަގުބޫލުކަން ހޯދާފައިވާ ތަޖުރިބާކާރު ބަތަލާ އުޝާ ނަދްކަރްނީ، އުމުރުން 80 އަހަރުގައި މުމްބާއީގައި އެކަނި ދިރިއުޅެމުންދާ ކަމަށް ހާމަކޮށްފިއެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި އުޝާ ބުނި ގޮތުގައި، އޭނާ ފިރިމީހާއާ ވަކިވިތާ އަހަރުތަކެއް ވެފައިވާއިރު، 1987 ވަނަ އަހަރުން ފެށިގެން އޭނާ ދިރިއުޅެމުންދަނީ އެކަންޏެވެ. އޭނާގެ ހުރި ހަމައެކަނި ދަރިފުޅު ދިރިއުޅެނީ އިންޑިއާއިން ބޭރުގައެވެ.

މުނިފޫހިފިލުވުމުގެ ދާއިރާގައި ދިގުމުއްދަތެއްވަންދެން މަސައްކަތްކޮށްފައިވާ އުޝާ ވަނީ ހިންދީ އަދި މަރާތީ ފިލްމުތަކާއި ޑްރާމާތަކުގައި ތަފާތު އެކި ރޯލުތައް ކުޅެފައެވެ. އޭނާގެ ކެރިއަރު ބިނާކޮށްފައިވަނީ އަމިއްލަ މަސައްކަތުން ކަމަށްވީ ނަމަވެސް، މާލީ ދަތިތަކާ ހުރެ ބައެއް ފަހަރު ބޭނުންނުވާ ކަހަލަ މަސައްކަތްތައް ވެސް ކުރަން ޖެހުނު ކަމަށް އުޝާ ވަނީ ފާހަގަކޮށްފައެވެ.

މުމްބާއީގައި ހުންނަ އޭނާގެ ފްލެޓްގައި އެކަނި ދިރިއުޅެމުންދާއިރު، އަމިއްލަ ދިރިއުޅުމުގެ ކަންކަމާއި މަސައްކަތުގެ ކަންކަން ބަލަހައްޓަނީ އަމިއްލައަށް ކަމަށް އުޝާ ވަނީ ބުނެފައެވެ. 'ރާޖްޝްރީ މަރާތީ'އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ ފިރިމީހާއާ ވަކިވި ނަމަވެސް، އޭނާގެ އާއިލާއާ މެދު އެއްވެސް ހިތްނުތަނަވަސްކަމެއް ނެތް ކަމަށާއި، އެ އާއިލާގެ މީހުންނަށް އޭނާ ކާންދީ ހަދާ ކަމަށެވެ.

އުޝާ ޑްރާމާ ސިލްސިލާ 'ޕަވިތުރަ ރިޝްތާ'ގެ ބަތަލާ އަންކިތާއާ އެކު--ފޮޓޯ/ޕިންކްވިލާ

އުޝާގެ ދަރިފުޅު ބޮޑުވީ އޭނާގެ މަންމަ (ދަރިފުޅުގެ މާމަ) ކައިރީގައެވެ. އޭރު މަސައްކަތުގައި ވަރަށް ބިޒީކޮށް އުޅެންޖެހުމުގެ ސަބަބުން ދަރިފުޅަށް ގިނަ ވަގުތު ނުދެވޭ ކަމަށް އޭނާ ބުންޏެވެ. "މަންމަ އަކީ އަހަރެން ވިހޭ މީހާ އެކަނި ކަމަށާއި، އަސްލު މަންމައަކީ މާމަ ކަމަށް ދަރިފުޅު އަދިވެސް ބުނޭ،" އުޝާ ކިޔައިދިނެވެ.

އެކަނި ދިރިއުޅުމާ ބެހޭގޮތުން ވާހަކަ ދައްކަމުން އުޝާ ބުނީ، 1987އިން ފެށިގެން އެކަނި އުޅޭތީ މިހާރު އެއްވެސް ބިރުވެރިކަމެއް އިހުސާސް ނުވާ ކަމަށެވެ. ކުރިން ބިރުގަތް ނަމަވެސް، މިހާރު އެކަމަށް އާދަވެފައިވާ ކަމަށް އޭނާ ބުންޏެވެ.

މަރުވުމާ މެދު ބިރުގަނޭތޯ ކުރި ސުވާލަށް ޖަވާބު ދެމުން އުޝާ ބުނީ، މަރުވާނީ ކޮން އިރަކު ކޮން ގޮތަކަށްކަން އެކަކަށްވެސް ނޭނގޭނެ ކަމަށާއި، އެކަމާ އެއްވެސް ވަރަކަށް ބިރުނުގަންނަ ކަމަށެވެ.

"ނިދީގައި މަރުވި ނަމަވެސް، އަވަށްޓެރިން ދޮރުގައި ޓަކި ޖަހާފައި މި މުސްކުޅި އަންހެން މީހާ ދޮރު ނުހުޅުވަނީ ކީއްވެގެންތޯ ބަލާނެ،" ސަމާސާ ރޫހެއްގައި އޭނާ ބުންޏެވެ.

އުޝާ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މަރާތީ ފިލްމު "ދަ މަހާރާޝްތުރަ ފައިލްސް"އިންނެވެ.

comment ކޮމެންޓް