ޚުޝީ ކަޕޫރާ ގުޅޭ ބޭއަދަބީ ކޮންޓެންޓްތައް ނެގުމަށް ދިއްލީ ހައިކޯޓުން އަމުރުކޮށްފި

ހުޝީ ކަޕޫރާއި ޖާންވީ ކަޕޫރު---

ބޮލީވުޑްގެ ބަތަލާ ޚުޝީ ކަޕޫރާ ގުޅޭ ގޮތުން މީސްމީޑިއާގައި ހަދައި, ދައުރުކުރަމުންދާ ބޭއަދަބީ މަންޒަރުތައް ހިމެނޭ ކޮންޓެންޓް ނެގުމަށް އިންޑިއާގެ ދިއްލީ ހައިކޯޓުން އަމުރުކޮށްފިއެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިދިޔަ ބުދަ ދުވަހު ކޯޓުން މި އަމުރު ނެރެފައިވަނީ ޚުޝީގެ ފަރާތުން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. މީގެ އިތުރުން، އޭނާގެ ނަމާއި ތަސްވީރު ބޭނުންކޮށްގެން ހުއްދަނެތި ވިޔަފާރިކުރަމުންދާ ފަރާތްތަކުގެ ކޮންޓެންޓްތައް ވެސް ނެގުމަށް ކޯޓުން ވަނީ އަންގާފައެވެ.

މި އަމުރު ނެރެފައިވަނީ، ޚުޝީގެ ދައްތަ އަދި ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޖާންވީ ކަޕޫރާ ގުޅޭ ގޮތުން ވެސް އިންޓަނެޓުގައި ހުރި ބޭއަދަބީ ކޮންޓެންޓްތައް ނެގުމަށް ދިއްލީ ހައިކޯޓުން އަމުރުކުރިތާ އެއް ދުވަސް ފަހުންނެވެ. ޖާންވީގެ މައްސަލައިގައި ކޯޓުން ވަނީ އޭނާގެ ހުއްދަނެތި އޭނާގެ ނަމާއި ސިފަ ބޭނުންކޮށްގެން ވިޔަފާރިކުރުން މަނާކޮށްފައެވެ.

ޚުޝީގެ މައްސަލަ ބެއްލެވި ފަނޑިޔާރު ޖިޔޯތީ ސިންގް ވިދާޅުވި ގޮތުގައި، ޚުޝީގެ ޝަޚުސިއްޔަތާއި އޭނާގެ ނަން ހުއްދަނެތި ބޭނުންކުރާ ކާކުކަން ނޭނގޭ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ގޮތުން "ޖޯން ޑޯ" އަމުރެއް ނެރެދެއްވާނެއެވެ.

އޭއެންއައި ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އަމުރުގެ ސަބަބުން ކާކުކަން ނޭނގޭ ފަރާތްތަކުން ޚުޝީގެ އައިޑެންޓިޓީ ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނެގުން ހުއްޓުވުމަށް ގާނޫނީ ރައްކާތެރިކަން ލިބިގެންދާނެއެވެ.

މި މައްސަލައިގައި ޚުޝީގެ ފަރާތުން ކޯޓުގައި ތަމްސީލުކޮށްފައިވަނީ އިންޑިއާ ލޯ ފާމްގެ ވަކީލުން ކަމަށްވާ އަސަވް ރާޖަން އަދި އާބާ ޝާހްއެވެ.

comment ކޮމެންޓް