ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ގޯވިންދާއާއި އޭނާގެ އާ ފިލްމު "ރޫޕާ" ގެ ބަތަލާ ކޯމަލް ރާނީ ސްވަރްންކަރްއާ ދެމެދު ލޯބީގެ ގުޅުމެއް އުޅޭ ކަމަށް ފެތުރިފައިވާ އަޑުތަކާ ގުޅިގެން، ގޯވިންދާގެ އަންހެނުން ސުނީތާ އަހޫޖާ އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.
މި އަޑުތައް ގަދަވެފައިވަނީ ދާދި ފަހުން މުމްބާއީ އެއާޕޯޓުން ގޯވިންދާއާއި ކޯމަލް އެކުގައި ފެނުމާ ގުޅިގެންނެވެ. އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ނޫސްވެރިންނާ ވާހަކަދައްކަމުން ސުނީތާ ބުނީ ގޯވިންދާގެ ބުއްދި ގޯސްވެފައިވާ ކަމަށާއި، އޭނާ އެފަދަ ކަންކަން ކުރަނީ އެހެންވެ ކަމަށެވެ. އަދި މީގެ ކުރިން ގޯވިންދާ ބޭވަފާތެރިވި ކަމަށް ބުނުމުން އޭނާއަށް ފާޑުކީ ގޯވިންދާގެ ސަޕޯޓަރުންނާ މިހާރު ސުވާލުކުރަން ބޭނުންވާ ކަމަށާއި، މި މައްސަލައިގައި އިތުރަށް އެއްވެސް އެއްޗެއް ބުނަން ޝައުގުވެރިކަމެއް ނެތް ކަމަށް ވެސް ސުނީތާ ބުންޏެވެ.
ގޯވިންދާގެ ކުރިއަށް އޮތް ފިލްމު "ރޫޕާ" ގައި އޭނާއާއެކު ހަރަކާތްތެރިވާ ކޯމަލް އަކީ އުއްތަރަ ޕްރަދޭޝްއަށް ނިސްބަތްވާ އާ އެކްޓަރެކެވެ. މިދިޔަ ޖުލައި މަހު ގޯވިންދާ ވަނީ މީޑިއާތަކަށް ކޯމަލް ތަޢާރަފުކޮށްދީފައެވެ. ސޯޝަލް މީޑިއާގައި 15،000 އަށް ވުރެ ގިނަ ފޮލޯވަރުން ތިބޭ ކޯމަލް، ގޯވިންދާގެ އެހެން ފިލްމެއް ކަމަށްވާ "ދުނިޔާދާރީ" އިން ވެސް ފެނިދާނެ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
ގޯވިންދާއާއި ސުނީތާ ކައިވެނިކޮށްފައިވަނީ 1987 ވަނަ އަހަރުއެވެ. އެ ދެމަފިރިންގެ ދެ ކުދިން ތިބޭއިރު، ގޯވިންދާގެ އަމިއްލަ ދިރިއުޅުމާ ގުޅޭގޮތުން މީގެ ކުރިން ވެސް ތަފާތު އަޑުތައް ވަނީ ފެތުރިފައެވެ. ނަމަވެސް ކޯމަލްއާ ގުޅޭގޮތުން ފެތުރެމުންދާ ވާހަކަތަކާ ގުޅިގެން ގޯވިންދާ އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.