އިންޑިއާގެ ޒުވާން ބަތަލާއަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ބޮލީވުޑްގެ ފިލްމު ޑައިރެކްޓަރު ޝަކީލް ނޫރާނީ ހައްޔަރުކޮށްފިއެވެ.
މުމްބާއީ ފުލުހުން މައުލޫމާތު ދޭ ގޮތުގައި، އުމުރުން 73 އަހަރުގެ ޝަކީލް ނޫރާނީ ހައްޔަރުކުރީ އުމުރުން 33 އަހަރުގެ އަންހެނަކު އޭނާގެ މައްޗަށް ކުރި ރޭޕްގެ ތުހުމަތާއި، ބިރުދެއްކުމާއި، އަދި މަޖުބޫރުން ބަނޑުގައި އޮތް ދަރިފުޅު ވައްޓާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތުތަކާ ގުޅިގެންނެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހެޅުމާ އެކު ނޫރާނީ ވަނީ ފިލާފައެވެ. ނަމަވެސް، ފަންނީ ވަސީލަތްތަކުގެ އެހީގައި ފުލުހުން ކުރި މަސައްކަތުން އޭނާ ފެނިފައިވަނީ މުމްބާއީއާ 200 ކިލޯމީޓަރު ދުރުގައި އޮންނަ މަހާބަލޭޝްވަރުގެ ފަރުބަދަމަތީ ހިސާބެއްގައި ހުންނަ އޭނާގެ ފާމްހައުސްއަކުންނެވެ.
ޝަކީލް ނޫރާނީ އަކީ ކުރީގެ އެކްޓަރު ގޯވިންދާ ކުޅެފައިވާ "ޖޯރޫ ކާ ގުލާމް" (2000) އަދި ސުނިލް ޝެޓީގެ "ބަޅޭ ދިލްވާލާ" (1999) ފަދަ މަޝްހޫރު ފިލްމުތައް ޑައިރެކްޓްކޮށްފައިވާ މީހެކެވެ.

ޝަކީލް ނޫރާނީ އިންޑިއާގެ އެކްޓަރު ގޯވިންދާއާ އެކު--ފޮޓޯ/ފިލްމުފެއަ
އަންހެންމީހާ ފުލުހުންނަށް ދިން ބަޔާނުގައި ބުނެފައިވަނީ، ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ނޫރާނީ އޭނާއަށް އެކި ފަހަރުމަތިން ޖިންސީ ގޯނާކޮށްފައިވާ ކަމަށެވެ. އަދި އޭނާ ބަލިވެއިންކަން އެނގުމުން، ނޫރާނީ އޭނާއަށް ވިހަދީގެން ބަނޑުގައި އޮތް ދަރިފުޅު ވައްޓާލާފައިވާ ކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ.
މި ހާދިސާ ފެށުނު ގޮތާ ގުޅޭގޮތުން އަންހެންމީހާ ބުނީ، އާ ފިލްމެއްގެ ސްކްރިޕްޓާ ބެހޭގޮތުން މަޝްވަރާކުރުމަށް ކަމަށް ބުނެ ނޫރާނީ މުމްބާއީގައި ހުންނަ އޭނާގެ ގެއަށް ގެންދިޔަ ކަމަށެވެ. އަދި ބުއިމަކަށް މަސްތުވާ އެއްޗެއް އަޅައިގެން ދިނުމަށްފަހު، އޭނާ ހޭނެތުމުން ޖިންސީ ގޯނާ ކުރީ ކަމަށް ބުނެފައިވެއެވެ.
އަންހެންމީހާ ހޭއެރުމުން، ނޫރާނީ ވަނީ އޭނާގެ ފޯނުން ނަގާފައިވާ ބަދުއަހުލާގީ ވީޑިއޯއެއް ދައްކައި، ފުލުހުންނަށް ނުވަތަ އާއިލާއަށް އެ މައުލޫމާތު ދީފިނަމަ އެ ވީޑިއޯ އާންމުކުރާނެ ކަމަށް ބުނެ ބިރުދައްކާފައެވެ. މި ވީޑިއޯ ބޭނުންކޮށްގެން ބިރުދައްކައިގެން، ފާއިތުވި ދުވަސްތަކުގައި އެކި ފަހަރުމަތިން އޭނާއަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށް ފުލުހުންގެ ރިޕޯޓުގައިވެއެވެ.
މި މައްސަލައިގައި ނޫރާނީގެ މައްޗަށް އިންޑިއާގެ ގާނޫނުލްއުގޫބާތުގެ (ބާރަތިޔާ ނިޔާޔާ ސަންހިތާ) ދަށުން ރޭޕްކުރުމާއި، ވިހަދީގެން މީހަކަށް އަނިޔާކުރުމާއި، ބަނޑުގައި އޮތް ދަރިފުޅު ވައްޓާލުމާއި އަދި ބިރުދެއްކުމުގެ ދައުވާ ވަނީ އުފުލާފައެވެ. ކޯޓަށް ހާޒިރުކުރުމުން، މި މަހުގެ 12 ވަނަ ދުވަހާ ހަމައަށް އޭނާ ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.