މެންބަރުންގެ މުސާރައިގެ ދިފާއުގައި އަޒާން ފާހަގަކުރެއްވީ، ދާއިރާގެ މީހުންނަށް އަމިއްލަ ޖީބުން ކުރަން ޖެހޭ ޚަރަދުތައް ގިނަކަން

މެންބަރު އަޒާން: މެންބަރުންގެ ބޮޑު މުސާރަ ދިފާއުކުރައްވައި އަޒާން ފާހަގަކުރެއްވީ، ދާއިރާގެ މީހުންނަށް އަމިއްލަ ޖީބުން ކުރަން ޖެހޭ ޚަރަދުތައް ގިނަކަން -- ސަން ފޮޓޯ/ މޫސާ ނަދީމް

ރާއްޖޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ ނިސްބަތުން ބޮޑު ކަމަށް ބެލެވޭ ނަމަވެސް، އެހެން ގައުމުތަކާ އަޅައިބަލާއިރު، މެންބަރުން ދާއިރާގެ ރައްޔިތުންނަށް އަމިއްލަ ޖީބުން ކުރަން ޖެހޭ ޚަރަދުތައް ވަރަށް ބޮޑު ކަމަށް މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު އަޒާން މަރުޒޫގް ވިދާޅުވެއްޖެއެވެ.

މިދިޔަ ބުދަ ދުވަހު މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ، މަޖިލީހުގެ ރައީސްގެ މުސާރަ 95،000އަށް ބޮޑުކޮށް، ވަޒީރުންގެ ކާރު އެލަވަންސަށް ލިބޭ ފައިސާ އާއި ރަށު ކައުންސިލްތަކުގެ މުސާރަ ވެސް ބޮޑުކުރަން ފާސްކޮށްފައެވެ. މަޖިލިސް މެންބަރުންނަށް މިހާރު 82،500 ރުފިޔާ ލިބޭއިރު، ކޮމިޓީން ގެންނަން ފާސްކުރި ބަދަލާއެކު، އެފަދަ ބޮޑެތި މުސާރަތައް ދިނުމާ ގުޅޭ ބަހުސް އަނެއްކާވެސް ވަނީ އުފެދިފައެވެ.

އެ މައުޟޫއަށް، ފޭސްބުކްގައި މީހަކު ކުރި ޕޯސްޓެއްގައި ވަނީ އެކި ގައުމުތަކުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނަށް ލިބޭ މުސާރައާއި އެ ގައުމެއްގައި އެވަރެޖުކޮށް ލިބޭ މުސާރައާ އަޅައިކިޔައިފައިވާ ޗާޓެއް ދައްކައިފައެވެ. އެ ޗާޓުން ދައްކާ ގޮތުގައި، ސިންގަޕޫރުގައި މަޖިލިސް މެންބަރުންގެ މުސާރަ، އެވަރެޖު މުސާރައަށް ވުރެ 3.2 ގުނަ އިތުރެވެ. އެއާ ޚިލާފަށް ރާއްޖޭގައި މެންބަރުންގެ މުސާރަ، އެވަރެޖު މުސާރައަށް ވުރެ 7.14 ގުނަ އިތުރެވެ.

އެ ޕޯސްޓާ ގުޅުވައި އަޒާން ލިޔުއްވި ގޮތުގައި، ބޭރު ގައުމުތަކުގެ ގާނޫނު ހަދާ މަޖިލީސްތަކުގެ މެންބަރުންގެ މުސާރައާ ރާއްޖޭގެ މަޖިލީހުގެ މެންބަރުންގެ މުސާރަ އެގޮތަށް އަޅައިބެލުމަކީ ސައްހަ ގޮތެއް ނޫނެވެ. އެގޮތުން، އެހެން ގައުމުތަކުގެ މެންބަރުންނަށް އޮފީސް ހިންގުމަށާއި ދަތުރުފަތުރަށާއި މުވައްޒަފުންގެ ކަންކަމަށާއި އެހެނިހެން އިދާރީ ޚަރަދުތަކަށް އިތުރަށް ފައިސާ ލިބޭކަން އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް ރާއްޖޭގައި މެންބަރަކަށް މަހަކު ގެއަށް ގެންދަން ލިބޭ އާމްދަނީއަކީ 77،700 ރުފިޔާ ކަމަށް އަޒާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، ދާއިރާގެ ރައްޔިތުންނަށް ޚަރަދުކުރުމަކީ ރާއްޖޭގެ މެންބަރުންގެ ކިބައިން ރައްޔިތުން އުންމީދުކުރާ ކަމެކެވެ. އަދި ކުދި އާބާދީތަކަށް ނިސްބަތްވާތީ، އާއިލީ ގޮތުން ނުވަތަ ގާތްކޮށް ދަންނަ މީހުން މާލީ އެހީއަށް އެދި ގުޅުމުން އެކަމަށް ނޫނެކޭ ބުނުމަކީ އުނދަގޫ ކަމެއް ކަމަށާއި، އެހެން ގައުމުތަކުގެ މެންބަރުންނަށް މި މިންވަރަށް، މިފަދަ ކަންކަމާ ކުރިމަތިލާން ނުޖެހޭ ކަމަށް އަޒާން ވިދާޅުވިއެވެ.

ހަމައެއާއެކު ސްކޫލްތަކުގެ އިނާމު ދިނުމުގެ ޖަލްސާތަކާއި، އީދާއި އާ އަހަރާއި ރަމަޟާން މަހުގެ ހަރަކާތްތަކާއި، ކުޅިވަރު މުބާރާތްތަކާއި ރަށު އަދި އަތޮޅު ފެންވަރުގެ ފުޓުބޯޅަ މުބާރާތްތައް ސްޕޮންސާކުރުމަކީ މެންބަރުންގެ މަސްއޫލިއްޔަތަކަށް ނުވި ނަމަވެސް، އާންމުން އެކަމަށް ޚަރަދު ކުރުމަށް ވެސް އުންމީދުކުރާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އަޒާން ވިދާޅުވި ގޮތުގައި، ރާއްޖެއަށް ޒިޔާރަތްކުރެއްވި އިނގިރޭސިވިލާތުގެ މެންބަރަކަށް އެ ކަންކަން އެނގިވަޑައިގަތުމުން އޭނާ ހައިރާންވިއެވެ. އެގޮތުން 30 އަހަރަށް ވުރެ ގިނަ ދުވަހު މަޖިލީހުގައި ހޭދަކުރެއްވިއިރު، ކުއްލި ހާލަތެއްގައި އެންމެ ފަހަރަކު ދާއިރާގެ ރައްޔިތެއްގެ ހޮޓަލުގެ ކޮޓަރިއަކަށް ފައިސާ ދެއްކެވުން ފިޔަވައި އިތުރު ޚަރަދެއް ކުރައްވާފައި ނުވާ ކަމަށް އެ މެންބަރު ވިދާޅުވިކަން އަޒާން ހާމަކުރެއްވިއެވެ.

އައްޑޫގައި ބޭއްވި ޖަލްސާއެއްގައި ރައީސްގެ އަރިހުގައި އަޒާން: މެންބަރުންގެ ބޮޑު މުސާރަ ދިފާއުކުރައްވައި އަޒާން ފާހަގަކުރެއްވީ، ދާއިރާގެ މީހުންނަށް އަމިއްލަ ޖީބުން ކުރަން ޖެހޭ ޚަރަދުތައް ގިނަކަން --- ފޮޓޯ: ރައީސް އޮފީސް

އޭނާ ވިދާޅުވި ގޮތުގައި، މަޖިލީހުގައި ދެ އަހަރަށް ވުރެ ގިނަ ދުވަސް ވީއިރު، އޭނާއަށް ގުޅި މީހުންގެ ގާތްގަނޑަކަށް 90 އިންސައްތަ މީހުން ގުޅާފައިވަނީ އަމިއްލަ ބޭނުންތަކުގައެވެ. އެގޮތުން ފައިސާ ހޯދުމަށާއި، ކަންކަން އަވަސްކުރުމަށާއި، ބިޑް ކާމިޔާބުކުރުމަށާއި، އެ ކަމެއް ކުރަން އޮންނަ ގޮތުގެ ބޭރުން ކަންތައްތައް ކުރުމަށް ނުވަތަ ޝަރުތު ހަމަނުވާ ވަޒީފާ ހޯދުން ފަދަ ކަންކަމަށް މީހުން އެދޭ ކަމަށް އަޒާން ވިދާޅުވިއެވެ.

އޭނާ ލިޔުއްވާފައިވާ ގޮތުގައި، އިތުރު އާމްދަނީއެއް ނުލިބޭ މެންބަރުންނަށް، އާންމު ދިރިއުޅުމުގެ ޚަރަދުތަކާއި ދާއިރާގެ ރައްޔިތުންނަށް ކުރާ ޚަރަދުތަކަށް ފަހު މަސް ނިމޭއިރު ދެކޮޅު ޖައްސަން ދަތިވެއެވެ. އަދި ބައެއް މެންބަރުން އަމިއްލަ ދާއިރާތަކަށް ކުރާ އެންމެ ދަތުރަކަށް ވެސް 20،000 ރުފިޔާއަށް ވުރެ ބޮޑު ޚަރަދެއް ހިނގާއިރު، އެ ފައިސާ އަމިއްލަ ޖީބުން ޚަރަދުކުރަން ޖެހުމުގެ ސަބަބުން ގިނަ މެންބަރުންނަށް ގަވާއިދުން ދާއިރާއަށް ދަތުރުކުރެވެން ނޯންނަ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ. އަޒާން ވަނީ، އެހެން ގިނަ ގައުމުތަކުގައި އެފަދަ ޚަރަދުތައް، މުސާރައިގެ ބޭރުން ދޭ އެލަވަންސްތަކާއި ބަޖެޓުން ހަމަޖައްސައިދޭކަން ފާހަގަކުރައްވައިފައެވެ.

މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ އަޒާންގެ އެ ވާހަކަފުޅަށް ބައެއް އާންމު ރައްޔިތުން ވެސް ރައްދު ދީފައިވެއެވެ. އެގޮތުން، ރައްޔިތުން މަޖިލިސް މެންބަރުންގެ އަރިހުގައި އެހީއަށް އެދެން ޖެހެނީ، އެފަދަ ސަގާފަތެއް އުފައްދައިފައި އޮތުމުންކަން ފާހަގަކޮށްފައިވެއެވެ. އަދި މަޖިލިސް މެންބަރުން އިންތިޚާބުކުރަނީ، ނިޒާމީ ގޮތެއްގައި ބަދަލުތައް ގެނެސް، ރައްޔިތުންގެ ހާލަތު ރަނގަޅުކޮށްދޭނެ ކަމުގެ އުއްމީދުގައިކަން ކޮމެންޓުތަކުގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، 77،700 ރުފިޔާގެ މުސާރައެއް ލިބޭ މެންބަރުންނަށް ވެސް ޚަރަދު ހަމަޖައްސަން ދަތިވާއިރު، އެއަށްވުރެ ދަށް މުސާރައެއް ލިބޭ ގިނަ އާންމު ރައްޔިތުން ވެސް އުޅެނީ ހަމަ އެ މެންބަރުންނާ އެއްގޮތަށް ކުއްޔާއި ބިލްތަކާއި ކާބޯތަކެއްޗަށް ފައިސާ ދައްކައިގެންކަން ކޮމެންޓުތަކުގައިވެއެވެ. އެހެންކަމުން، ބައެއް މީހުންނަށް އާންމު އުސޫލުން ބޭރުން ފައިދާއެއް ހޯދައި ދިނުމުގެ ބަދަލުގައި، އެފަދަ ކަންކަން ހުއްޓުމަކަށް ގެނެސް، އިސްލާހީ ފިޔަވަޅުތައް ގެންނަން ގޮވާލައިފައިވެއެވެ.

މަޖިލިސް މެންބަރުންގެ އަދަދު މިހާރު 93އަށް އަރާއިރު، ގާނޫނުއަސާސީ އޮންނަ ގޮތުން އާބާދީ އިތުރުވާ ވަރަކަށް މެންބަރުންގެ އަދަދު ވެސް އިތުރުވެއެވެ. އެ މެންބަރުންގެ މުސާރަ ބޮޑުވެފައި، އެހެނިހެން އިނާޔަތްތައް ވެސް ލިބޭއިރު، އެ މުސާރައާ ބައްދަލު މިންވަރަކަށް މަސައްކަތް ނުކުރާ ކަމުގެ ޝަކުވާ އަބަަދުވެސް އޮވެއެވެ.

https://sun.mv/229424

މިދިޔަ ބުދަ ދުވަހު މާލިއްޔަތު ކޮމިޓީން ބައެއް މުސާރަތައް ބޮޑުކުރަން ނިންމައިފައި ވަނީ، ދައުލަތަށް ލިބޭ އާމްދަނީއަށްވުރެ ޚަރަދު އިތުރުވުމުގެ ކަންބޮޑުވުން އޮތް ދަނޑިވަޅެއްގައެވެ. އެގޮތުން މި މަހުގެ 15ގެ ނިޔަލަށް ލިބިފައިވާ އާމްދަނީއާއި، ދައުލަތުން ކޮށްފައިވާ ޚަރަދުތަކުގެ ތަފުސީލުތައް ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރެފައިވާ ރިޕޯޓުގައިވަނީ، މި އަހަރުގެ މިހާތަނަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 31.9 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. ނަމަވެސް ޚަރަދުތައް އެއަށްވުރެ އިތުރުވެ، 36.4 ބިލިއަން ރުފިޔާއަށް އަރައިފައިވާ ކަމަށް އެ ތަފާސްހިސާބުން ދައްކައެވެ.

ރާއްޖޭގެ ދަރަނި ވަރަށް ބޮޑުވެ، އޭގެ ބުރަ ބޮޑުވެފައިވާއިރު، ދައުލަތުގެ ޚަރަދުތައް ކުޑަ ކުރުމަށް ކަމާ ގުޅޭ މާހިރުން ގޮވާލަމުން އަންނަތާ ވަނީ އަހަރުތަކެއް ވެފައެވެ.

comment ކޮމެންޓް