ބާއްވަން މިއުޅެނީ ރީތި ހިނގާލުމެއް ނޫން، ބާއްވާނީ ކަންބޮޑުވުން އިއްވަން މުޒާހަރާއެއް: އެމްޑީޕީ

އިދިކޮޅު އެމްޑީޕީން ކުރިއަށް ގެންދިއަ މުޒާހަރާއެއްގެ ތެރެއިން... ފޮޓޯ/ އެމްޑީޕީ

އަންނަ ބުރާސްފަތި ދުވަހުގެ ރޭ "ދަތިވެއްޖެ" ގެ ނަމުގައި ބާއްވަން ތައްޔާރުވަމުން ދަނީ އަހަރީ ދުވަހުގެ ފަރި ހިނގާލުމެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހާލަތު ގޯސްވަމުން އަންނާތީ އެކަމުގެ ކަންބޮޑުވުމުގެ އަޑު ސަރުކާރަށް އިއްވުމަށް ބާއްވާ މުޒާހަރާއެއް ކަމަށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ބުނެފިއެވެ.

ތަކެތީގެ އަގާއި ޑޮލަރުގެ އަގު އިންތިހާއަށް އުފުލެމުންދާތީ ބާއްވާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 13 ވާ ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައި ސޯޝަލް ސެންޓަރު ކުރިމަތިންނެވެ.

މި މުޒާހަރާއާ ގުޅޭގޮތުން ފުލުހުންނާ ބައްދަލުކުރުމަށްފަހު މީޑިއާއަށް މައުލޫމާތު ދެމުން އެމްޑީޕީން ބުނީ، މުޒާހަރާ ކުރިއަށް ގެންދިއުމަށް އެ ޕާޓީން ބޭނުންވަނީ ސީދާ މަޖީދީމަގުގައި ކަމަށެވެ.

https://sun.mv/225502

މީގެ ކުރިން މަޖީދީމަގުގައި ބާއްވަން އުޅުނު ތިން މުޒާހަރާއަކަށް ފުލުހުން ހުރަސްއަޅާފައިވާކަން ފާހަގަކޮށް، މިފަހަރުވެސް މަޖީދީ މަގު ނޫން ތަނެއްގައި މުޒާހަރާ ކުރިއަށް ނުގެންދާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ. ފުލުހުންގެ ފަރާތުން މިކަމަށް އަދި ރަސްމީ ޖަވާބެއް ނުލިބުނު ނަމަވެސް، އެދެވޭ އިޝާރާތެއް ލިބިފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ.

އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅޭ އަންވަރު އިބްރާހިމް ވިދާޅުވީ، އެމްޑީޕީން އުޅެނީ އަހަރީ ދުވަހުގެ ހިނގާލުމެއް ބާއްވާކަށް ނޫންކަމަށާއި އެ ޕާޓީން އުޅެނީ މުޒާހަރާއެއް ބާއްވަން ކަމަށެވެ.

"އަހަރެމެން މިއުޅެނީ އަހަރީ ދުވަހުގެ ހިނގާލުމެއް ބާއްވާކަށް ނޫން. ފަރިއަށް ހިނގާލުމެއް ބާއްވާކަށް ވެސް ނޫން، މިއުޅެނީ މުޒާހަރާއެއް ބާއްވަން. އަޅުގަނޑުމެންގެ ބަސް އަޑު އިއްވާނަން،" އަންވަރު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ބޭރު މަގުތަކުގައި މުޒާހަރާ ކުރުމުން އެ އަޑުއިވޭނީ ހަމައެކަނި މުޒާހަރާގެ ބައިވެރިންނަށް ކަމަށާއި އާންމުންނަށް އޭގެ އަޑު ނުފޯރާނެ ކަމަށެވެ. އަދި މަޖީދީމަގު އިޚްތިޔާރު ކުރީ ވީހާވެސް ގިނަ ރައްޔިތުންނަށް ކަންބޮޑުވުންތަކުގެ އަޑު އިއްވުމަށް ކަމަށް ވިދާޅުވިއެވެ.

މި މުޒާހަރާ އެންމެ ފުރަތަމަ ބާއްވަން ތާވަލުކުރީ މި މަހުގެ 12 ވާ ބުދަ ދުވަހުގެ ރެއަށެވެ. ނަމަވެސް ފަހުން ވަނީ 13 ވާ ބުރާސްފަތި ދުވަހުގެ ރެޔަށް ފަސްކޮށްފައެވެ.

މުޒާހަރާ ފަސްކުރި ސީދާ ސަބަބެއް އެ ޕާޓީން ހާމަކޮށްފައެއް ނުވެއެވެ. އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ފަހަކަށް އައިސް މަޑުޖެހިފައި އޮތުމަށްފަހު، މި ބާއްވާ ބޮޑު މުޒާހަރާގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް އެ ޕާޓީން ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް