ދިފާއީ އެއްބަސްވުން އަމާޒުކޮށްފައި ވަނީ އީރާނަކަށް ނޫން: ތުރުކީ

'މައްކާ ޖޮއިންޓް ޑިފެންސް އެގްރީމަންޓް" ގައި ސޮއިކުރުމަށް ފަހު،ތުރުކީ، ސައުދީ އަރަބިއްޔާ އަދި ޕާކިސްތާނުގެ ލީޑަރުން އޮފިޝަލުންނާ އެކު ފޮޓޯއަކަށް ހުއްޓިގެން. ފޮޓޯ/އޭއެފްޕީ

ސައުދީ އަރަބިއްޔާ އާއި ޕާކިސްތާނާ އެކު ވެފައިވާ ދިފާއީ އެއްބަސްވުން އަމާޒުކޮށްފައި ވަނީ އީރާނަށް ނޫން ކަމަށް ތުރުކީން ބުނެފިއެވެ.

ތުރުކީގެ ޚާރިޖީ ވަޒީރު ހަކާން ފިދާން އިއްޔެ ވިދާޅުވީ، އެ އެއްބަސްވުމުގައި އީރާން، ނުވަތަ އެހެން އެއްވެސް ގައުމަކީ އާންމު ނުރައްކަލެއްގެ ގޮތުގައި ފާހަގަކޮށްފައި ނުވާ ކަމަށެވެ.

ތުރުކީން ޔަގީންކަން ދިން ނަމަވެސް އީރާނުގެ ބައެއް އޮފިޝަލުން ވަނީ އެ އެއްބަސްވުމާ މެދު ސުވާލު އުފައްދައި ސައުދީ އަރަބިއްޔާއަށް ސަލާމަތީ ކަންކަމުގައި ބަރޯސާ ނުވުމަށް އިންޒާރު ދީފައެވެ.

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ސީދާ ގޮތެއްގައި އެއްބަސްވުމުގެ ވާހަކަ ނުދެއްކެވި ނަމަވެސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ސަރަހައްދީ ދައުލަތްތައް އެއްބަޔަކު އަނެއްބަޔަކަށް ބަރޯސާވެ، "ހަގީގީ އަޚުވަންތަކަން" ކުރިއަށް ގެންދިއުމަށް ގޮވާލައްވާފައެވެ.

ހަމައެއާއެކު، އީރާނުގެ ހަތިޔާރު އެޅި ސިފައިންގެ ވަރުގަދަކަމާއި ތައްޔާރީކަން އަރަގްޗީ ފާހަގަކުރައްވާފައިވެއެވެ.

"މައްކާ ޖޮއިންޓް ޑިފެންސް އެގްރީމެންޓް" ގައި ހުކުރު ދުވަހު ސޮއިކުރެއްވީ ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާނާއި ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާނާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފެވެ.

އެ ތިން ގައުމުގެ ތެރެއިން އެއް ގައުމަށް ހަތިޔާރު އެޅި ހަމަލާއެއް ދިނުމަކީ އެ ހުރިހާ ގައުމަކަށް ދިން ހަމަލާއެއްގެ ގޮތުގައި ބަލާނެ ކަމަށް އެއްބަސްވުމުގައި ބުނެފައިވެއެވެ.

ތުރުކީގެ ޚާރިޖީ ވަޒީރު ހަކާން ފިދާން. ފޮޓޯ/އަނަދޮލު

ފިދާން ސިފަކުރެއްވި ގޮތުގައި މި އެއްބަސްވުމަކީ ނޭޓޯގެ ފަސް ވަނަ މާއްދާގެ ކަލެކްޓިވް ޑިފެންސް ކްލޯޒާ ޓެކްނިކަލް ގޮތުން އެއްގޮތް އެއްބަސްވުމެކެވެ. ނަމަވެސް ހަމަލާ ދޭނީ އެ ގައުމަކުން އެހީއަށް އެދުމުން ކަމަށާއި އެ ގައުމަށް ބޭނުންވާ ސަޕޯޓަކީ ކޮންކަހަލަ ސަޕޯޓެއްކަން ކަނޑައަޅަން ޖެހޭނެ ކަމަށް ފިދާން ވިދާޅުވިއެވެ. އެއީ އިންޓެލިޖެންސް އާއި ލޮޖިސްޓިކްސް އިން ފެށިގެން ވަޒަން ނުވަތަ އަސްކަރީ ޔުނިޓްތައް ފޮނުވުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސައުދީގެ ޑެޕިއުޓީ މިނިސްޓަރު ފޯ ޕަބްލިކް ޑިޕްލޮމަސީ ރާޔިދު ގްރިމްލީ އެކްސްގައި ވިދާޅުވީ، މިއީ ނިއުކްލިއާ އަމާޒުތަކަކާ ނުވަތަ ހަތިޔާރުގެ ވާދަވެރިކަމަކާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، މީގެ އަސާސީ ބޭނުމަކީ ދެމެހެއްޓެނިވި ގާބިލުކަން ބިނާކުރުން ކަމަށެވެ. އަދި މި އެއްބަސްވުމަކީ ސަރަހައްދުގެ އެއްވެސް ގައުމެއްގެ ސަލާމަތަށް އޮތް ނުރައްކަލެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ އެއްބަސްވުމުގެ ދަށުން ސިޔާސީ އަދި އަސްކަރީ ކޮމިޓީތައް އުފައްދައި، ޚާރިޖީ އަދި ދިފާއީ ވަޒީރުންނާއި އަސްކަރީ ވެރިންގެ އިތުރުން ސައުދީ އަރަބިއްޔާގައި ސެކްރެޓޭރިއަޓެއް ވެސް ގާއިމް ކުރާނެއެވެ.

ދިފާއީ ކަންކަމުގައި އެއްބާރުލުން ދިނުމަކީ ވެސް މި އެއްބަސްވުމުގެ ފާހަގަކޮށްލެވޭ ބައެއް ކަމަށް ބެލެވެއެވެ. ފިދާން ވިދާޅުވީ އެއީ ތިން ލީޑަރުން މަޝްވަރާ ކުރެއްވި މައިގަނޑު އެއް މައްސަލަ ކަމަށާއި އޭގެ ތެރޭގައި އެއް ގައުމު އަނެއް ގައުމުގެ އަސްކަރީ ޓެކްނޮލޮޖީގެ ސަބަބުން ގައުމުތަކަށް ފައިދާ ކުރާނެ ގޮތްތައް ހިމެނޭ ކަމަށެވެ.

comment ކޮމެންޓް