ދިވެހި ރައްޔިތުން ކޮންމެ ދުވަހަކު ބާޒާރަށް ދާއިރު ފެންނަނީ އެއް މަންޒަރެކެވެ. ކުރިން ސަތޭކަ ރުފިޔާއިން ބާޒާރު ކުރެވުނު ތަކެތި، މިއަދު އެ ޢަދަދު ދެގުނަ ކޮށްލައިގެންވެސް ގެއަށް ބޭނުންވާ ތަކެތި ހަމައެއް ނުކުރެވެއެވެ. މިއީ ހަމައެކަނި އިޙްސާސެއް ނޫނެވެ. މިއީ ތަފާސްހިސާބުތަކުން ސާބިތުވާ ޙަޤީޤަތެކެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން ނެރެފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2025 ވަނަ އަހަރު ދިވެހިރާއްޖޭގެ އިންފްލޭޝަން ރޭޓް 4.04 އިންސައްތައަށް އުފުލި، މިއީ ފާއިތުވި 13 އަހަރުގެ ތެރޭގައި ރެކޯޑް ކުރެވުނު އެންމެ މަތީ ޢަދަދެވެ. މީގެ ކުރިން އިންފްލޭޝަން ހަތަރު އިންސައްތައިން މައްޗަށް ދިޔައީ 2012 ވަނަ އަހަރު އެވެ. މިދިޔަ އަހަރު ކާނާގެ އަގުތައް 4.7 އިންސައްތައިން މަތިވެފައިވާއިރު، މަހުގެ އަގުތައް އެކަނިވެސް 7.56 އިންސައްތައިން މަތިވިއެވެ. ދުންފަތުގެ ބާވަތްތަކުގެ އަގު 80 އިންސައްތައިން މަތިވެ ރެކޯޑް ޢަދަދަކަށް އުފުލިފައި ވެއެވެ.
އަދި ފަހުގެ ތަފާސްހިސާބުތަކުން މިއަދު ފެންނަމުންދަނީ މާބިރުވެރި މަންޒަރެކެވެ. ހިނގަމުން މިދާ 2026 ވަނަ އަހަރުގެ މޭ މަހުގައި، މާލޭގެ ބާޒާރުގައި ކާނާގެ އަގުތައް، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 6.37 އިންސައްތައިން މަތިވެފައިވެއެވެ. މީގެ ތެރެއިން މަހުގެ ބާވަތްތަކުގެ އަގު 22.61 އިންސައްތައިން، ހަކުރާއި ފޮނި ކާތަކެތީގެ ބާވަތްތައް 10.41 އިންސައްތައިން، ކިރާއި ކިރުގެ ބާވަތްތައް 8.48 އިންސައްތައިން، އަދި ތެލާއި ތެލުގެ ބާވަތްތައް 8.10 އިންސައްތައިން މަތިވެފައިވެއެވެ. ގޭސް އަދި ތެލުގެ އަގުތައް 14.54 އިންސައްތައިން މަތިވެފައިވެއެވެ.

ފިހާރައެއް ކައިރީ މީހުން އެއްވެފައި: އިގްތިސާދީ ޙާލަތު ގޯސްވެ، އެންމެ އާންމުކޮށް ބޭނުންކުރާ ތަކެތީގެ އަގުތައްވެސް ވަނީ އުފުލިފަ -- ސަން ފޮޓޯ/ ހުސައިން އާއިޝް އަޝްރަފް
މިއަދު ގަބޫލުކުރާން ޖެހިފައިވާ އެންމެ ހިތި ޙަޤީޤަތަކީ މިއީ ފޮތްތަކުން އެކަނި ނުވަތަ ރިޕޯޓަކުން އެކަނި އެނގެންހުރި ހަގީގަތްކަމުގައި ވެގެން ނުދާކަމެވެ. މިއީ ޢާއިލާތައް ބެލެހެއްޓުމުގައި ހިތްދަތިކަން އިހުސާސްކުރާން ޖެހިފައި ތިބި މަންމައިންގެ ޝަކުވާއެވެ. މިއީ މަހު މުސާރައިން ދެކޮޅު ޖެއްސުމަށް ހަނގުރާމަ ކުރަމުންދާ ޒުވާނުންގެ ވޭނެވެ. މިއީ ބުއްދި ސަލާމަތުން ހުރި ކޮންމެ ދިވެއްސެއްގެ ދިރިއުޅުމުގެ އަދުގެ ޙަޤީޤަތެވެ.
ނަމަވެސް ސަރުކާރުގެ އިސްވެރިންގެ ބަސްމަގު މިއާ މުޅިން ތަފާތެވެ. ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ވިދާޅުވަމުން ގެންދަވަނީ ބާޒާރުގެ އަގުތަކާއި ގުޅޭގޮތުން ދެކެވެމުންދަނީ ދޮގުވާހަކަތައް ކަމުގައެވެ. އާންމު ރައްޔިތުންގެ ހާސްކަމާއި ބާޒާރުގެ އަގުތަކާ ގުޅުމެއް ނެތްކަމުގައި ސަރުކާރުގެ ވެރީން ގެންދަވަނީ ސިފަކުރައްވަމުންނެވެ. ވެރީން ވިދާޅުވަމުން ގެންދަވަނީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކަމުގައެވެ. ޑޮލަރު ލިބުމުގައި އެއްވެސް ތާއްޓެއް ނެތި، ތިޔާގިކަން އޮތް ކަމުގައެވެ. މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) ފަދަ ސަރުކާރުގެ ރަސްމީ އިދާރާތަކުގެ ރަސްމީ ހިސާބު ކިތާބުތަކާއި ވެރީންގެ ބަސްމަގާ ދިމާވުމެއް ނެތަސްވެސްމެއެވެ. މިއީ ހަގީގަތުގައިވެސް އަރަތަކަށް ވެއްޖެ ނޫންތޯއެވެ!
ހަމަ އެއާއެކު، ހާލަތު ރަނގަޅު ކަމުގައި ވިދާޅުވަމުން ގެންދަވާ ވަޒީރުންނާއި ސަރުކާރުގެ މަތި ފަޑީގައި ތިއްބެވި އިސް ވެރީން އަމިއްލަ ފުޅު ނަފްސާ ކޮށްލާންޖެހިފައި އޮތް މުހިންމު ސުވާލެއް އޮތް ކަމުގައި ދަންނަވާން ޖެހެއެވެ. މާޒީ ވެދިޔަ ތަނުން ހާސިލް ކުރެވުނު އިބުރަތެއް އެބަ އޮތް ތޯއެވެ؟ ހާސިލްކުރި ތަޖުރިބާއަކީ ކޮބައިތޯއެވެ؟
ސިޔާސީ ވެރިޔަކު ހައްދަވާނެ އެންމެ ބޮޑު އެއް ގޯހަކީ، ރައްޔިތު މީހާއަށް އޮޅުވާލެވިއްޖެ ކަމަށް ހީކުރުމެވެ. ބާޒާރަށްދާ ގޭގެ ބަލަދުވެރިޔާ ފިޔާ ބަސްތާއެއްގެ އަގަކީ ކިހާ ވަރެއް ކަން، ސީދާ އޭނާގެ ޖީބުން އިޙްސާސް ކުރާނެއެވެ. މަހުގެ އަގު ނިސްބަތުން 22 އިންސައްތައިން މަތިވީމަ، އޭގެ އަސަރު ގޭގޭ ސުފުރާމަތިން ފެންނަން ހުންނާނޭކަން ގަބޫލު ނުކުރާ ސިޔާސީ ފަރާތްތަކުން އެ ޖައްސަވަނީ ރަނގަޅު ހިސާބެއް ނޫނެވެ. ޓީވީއަށް އަރުއްވާ ސަރުކާރުގެ ވެރީން ދައްކަވާ ވާހަކަތަކުން އަސްލު ޙަޤީޤަތަށް ބަދަލެއް ނުގެނެވޭނެއެވެ. ބަދަލުވަމުން ދާނީ ސަރުކާރާ މެދު ރައްޔިތުންގެ ހިތްތަކުގައި އޮތް އިތުބާރެވެ. އެ ރައްޔިތުންގެ މެދުގައި އޮތް ތާއީދެވެ. ރުޅިވެރިކަމާއި ނަފްރަތެވެ.
އިކޮނޮމިކް މިނިސްޓަރު ސަޢީދު: ތަކެތީގެ އަގު ފުލެމުންދާ ދިއުމުގެ ކަންބޮޑުވުންތަކަށް ސަރުކާރުން ދޭ ޖަވާބަކީ "ކުރީ ސަރުކާރު" -- ފޮޓޯ: ރައީސް އޮފީސް
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) ގެ ތަފާސް ހިސާބުތަކުން ހާމަވާ ގޮތުގައި ޑޮލަރުގެ ކަޅު ބާޒާރުގައި ޑޮލަރު ވަރުގަދަވުމާއި، ދިވެހި ރުފިޔާގެ އަގު ދަށްވުމަކީ ތަކެތީގެ އަގުތައް އުފުލެން މެދުވެރިވާ މައިގަނޑު އެއް ސަބަބުގެ ގޮތުގައި ފާހަގަވާން އެބަހުއްޓެވެ. މިއީ ސިޔާސަތުތަކަށް ބަދަލު ގެނެސް، ސަރުކާރުގެ މަނިޓަރީ ޕޮލިސީއާއި ފިސްކަލް ޕޮލިސީގެ ތެރެއިން ހައްލު ހޯދާންޖެހޭ އިގްތިސާދީ ބޮޑު މައްސަލައެކެވެ. ސަޕްލައި ޗެއިންގެ މައްސަލަތައް، ރުފިޔާގެ އަގު، ދަނޑުވެރިކަމަށް ދޭ އެހީ، އިމްޕޯޓު ޑިއުޓީ، މުދާ ގެންނަ ވިޔަފާރިވެރިންގެ މޮނޮޕޮލީ ފަދަ، އިގްތިސާދެއްގައި ހިމެނޭ މިފަދަ ހުރިހާ ބަހާއަކީވެސް ހަރުދަނާ ސިޔާސަތެއް ބޭނުންވާ ކަންކަމެވެ. ނަމަވެސް، އޭގެ ބަދަލުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ދައްކާނަމަ، ސިޔާސަތެއްގެ ބޭނުމެއް ނެތެވެ. ފެންނާން އޮތް ހަމަ އެކަނި މައްސަލައަކީ ކުރީ ސަރުކާރުކަމަށް ވާނަމަ، މައްސަލަ ހައްލުކުރާން އަޅާންޖެހޭ ފިޔަވަޅެއްވެސް ނޯންނާނެއެވެ.
އެހެންނަމަވެސް، މަހުގެ އަގު 22 އިންސައްތައިން، ތެލުގެ އަގު 14 އިންސައްތައިން މަތިވެފައި ވަނިކޮށް، "އަގުތައް ހުރީ ހަމަޖެހިފައި" ކަމަށް ވަޒީރު ބޭފުޅުން ވިދާޅުވަމުން ގެންދަވާނަމަ، އެއީ ވަރަށް ބޮޑު އިހުމާލެކެވެ. އެ ކުޅެވެނީ އަނގަޔާއި އަތާއި ދިމާނުވެ ހުރި ރައްޔިތު މީހާގެ އިހުސާސްތަކާއެވެ.
އެ ޙާލަތުގައި، ގައުމުގެ ވަލިއްޔުލްއަމުރު ގަބޫލުފުޅު ކުރައްވާން ޖެހިވަޑައިގަންނަވާނޭ އެއްކަމެއްގެ ވާހަކަ ފާހަގަ ކޮށްލާނަމެވެ. މިއަދަށްވުރެ މާލީ ގޮތުން ވަކީން ދަތި ބޮޑުވި ޒަމާނެއް މީގެކުރިން މިއަދުގެ އާބާދީ ތަޖުރިބާ ކޮށްފައި ނުވާ ނުވުމުގެ ސިޔާސީ އަގު މި ސަރުކާރަށް ކޮންމެވެސް ދުވަހަކުން ދައްކާން ޖެހިދާނެއެވެ. އަދި މިއަދުގެ މިއުނދަގޫ ޙާލަތު "ނޯމަލައިޒް" ކުރުމަށް ސަރުކާރުގެ އިސް ވަޒީރުން މީޑިއާގައި ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކުގެ ނަފްރަތާއި ރުޅިވެރިކަމުގެ ޙަޤީޤީ އަމާޒުފަތްގަޑަކީ ގައުމުގެ ވަލިއްޔުލްއަމުރެވެ. އެ ޙާލަތުގައި އިތުބާރު ދެމިއެއް ނޯވެއެވެ.
މި ދަނޑިވަޅުގައި ސަރުކާރުގެ އިސްވެރިން "ހުރިހާ ކަމެއް ރަނގަޅު" ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ، ރައްޔިތުންގެ ދިރިއުޅުމަށް ކުރިމަތިވެފައިވާ މި ދަތި ޙާލަތަށް ޙައްލެއް ހޯއްދެވުމުގެ އެއްވެސް މަގެއް، ޤާބިލުކަމެއް، ނުވަތަ އިޚްލާޞްތެރި ކަމެއް ސަރުކާރުގައި ނެތުމުގެ ސަބަބުން ކަމުގައި ވާނަމަ، މި އިޙްމާލުގެ އަގު ސަރުކާރުން އަދާ ކުރައްވަން ޖެހިވަޑައިގަންނަވާ ދުވަސް ދުރެއް ނޫނެވެ. އެ ސިޔާސީ ޤުރުބާނީއަކީ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކަން، މިއަދު ޝައްކެއް ނެތް މިންވަރަށް ކަށަވަރު ވެއެވެ.

ރައީސް މުއިއްޒު: އިގްތިސާދީ ޙާލަތު ރަގަޅު ނުވެއްޖެ ނަމަ، ސިޔާސީ ގޮތުން ސަރުކާރަށް ދައްކާންޖެހޭނެ އަގަކީ 2028 ކަމުގައި ގިނަ ބަޔަކު ދެކޭ -- ފޮޓޯ: ރައީސް އޮފީސް
އެހެންކަމުން، ސަރުކާރުގެ އިސްވެރިންނަށް އޮތް ހަމައެކަނި ބުއްދިވެރި މަގަކީ، ޙަޤީޤަތް ޤަބޫލު ކުރެއްވުމެވެ. ރައްޔިތުން ބޭނުން ވަނީ، އެ މީހުންގެ ޙާލުގެ ދުލުން ގޮވަމުންދާ ގޮވުންތަކުގެ އަޑު، ވެރީންނަށް އެއްސެވުމެވެ. އެ ޝަކުވާތަކުގެ ބުރަދަން، ވެރީން އިޙުސާސް ކުރެއްވުމެވެ. ވަޒަން ކުރުމެވެ.
ސިޔާސީ ވެރިކަން ދެމިއޮންނާނީ، ޙަޤީޤަތާއި ތެދުވެރިކަމުގެ މައްޗަށެވެ. ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސްހިސާބުތަކުންނާއި ބާޒާރުމަތިން ފެންނާން އޮތް ބޮޑު ޙަޤީޤަތަށް އިންކާރު ކުރުމަކީ، ސަރުކާރުން ފަހުން އަގު ދައްކާން ޖެހޭނެ ބޮޑު ގޯހެއް ކަން، ތާރީޚު ހެކިދެއެވެ.