ރޯދައިގެ މަތިވެރި އަޅުކަން ނިމޭ ދުވަހުގެ އިރުއޮއްސޭއިރު، ތ. ހިރިލަންދޫގެ ބަދިގެތަކުގައި ހުންނާނީ ދަރު އުނދުނެއް ރޯކޮށްފައެވެ. ތެއްޔެއް އުދައި، އޭގެ މައްޗަށް ހުންނާނީ އަޅިއާއި ބޮނބި އަޅާފައެވެ. މިއީ އެ ރަށުގެ ކޮންމެ ގެއަކުން އީދު ވިލޭރޭ ފެންނާނެ މަންޒަރުތަކެވެ.
އެކި ގޮތްގޮތަށް ކާބޯތެކަތި ތައްޔާރުކުރުމަކީ، ދިވެހީންގެ ޒަމާންވީ އާދައެކެވެ. އެ ކަން އަދިވެސް މެދުކެނޑުމެއް ނެތި، އަތޮޅުތެރޭގެ އެކި ރަށްތަކުގައި ދަމަހައްޓައެވެ. މި އުސޫލުން ދިވެހީން ހަދާ ކާބޯތަކެއްޗަށް، ކާބަފައިން ދީފައި ހުންނަ ނަންތައް ވެސް ހުންނަނީ، ވަރަށް ތަފާތުކޮށެވެ.
ބައެއް ނަންނަން، އަލަށް އަޑު އިވުމުން އެއީ ކާއެއްޗެއްކަން ވެސް ގިނަ މީހުންނަކަށް ނޭނގެއެވެ. މިއަދު ކިޔައިދޭން މި އުޅެނީ، ހިރިލަންދުއަށް ޚާއްސަ، 'އަޅިބުރުއްސި'ގެ ވާހަކައެވެ.

ހަނޑޫ ފުނޑަނީ ---
އަޅިބުރުއްސިއަކީ ކޯއްޗެއް؟
އަޅިބުރުއްސިއަކީ، ހިރިލަންދޫ މީހުން ފިތުރު އީދު ދުވަހަށް ޚާއްސަކޮށް ތައްޔާރު ކުރާ ފޮނި ބޯކިބަލަކެވެ. ރައްޓެހިންނަށް ފޮނުވަން ވެސް މި ބޯކިބާ މިހާރަކަށް އައިސް އަޅައެވެ.
ބޯކިބަލެކޭ ބުނުމުން، މާގިނައިރުތަކެއް ނުވެ ތައްޔާރު ކުރެވޭ އެއްޗެއް ކަމަށް ގިނަ ބަޔަކަށް ގަބޫލުކުރެވިދާނެއެވެ. އެކަމަކު، އެއީ މުޅިން ކުށްހީއެކެވެ. އަޅިބުރުއްސި އަޅައި، ކެވޭނީ ވެސް 12 ވަރަކަށް ގަޑިއިރު ފަހުންނެވެ. އެހެންކަމުން މިއީ ވަރަށް ކެތްތެރި މީހަކަށް ނޫނީ ކެވޭނެ އެއްޗެއް ނޫނެވެ.

ނައީމާ [ކ] އާއި ފައުޒިއްޔާ [މ] އާއި އަސްމާ ---
ހިރިލަންދުއަށް އުފަން ނަޢީމާ ޙުސައިން ކިޔައިދިން ގޮތުގައި، ފިތުރު އީދު ވިލޭރޭ އެ ރަށުގެ ހުރިހާ ގެއެއްގައި އަޅިބުރުއްސި ފިހާނެއެވެ.
އެ ރަށުގެ ބައެއް މީހުން އީދުގެ ހަނދު ފެންނަންދެން ވެސް އެއްޗެހި ތައްޔާރުކޮށްގެން ތިބެއެވެ.
"ބައެއް މީހުން ތިބޭނެ އެއްޗެހި ތައްޔާރުކޮށްގެން ހަނދު ފެންނަން ދެކަށް ނާޅައި. [ދަންވަރު] ބާރަ ޖަހާއިރު، ހަނދު ފެނުނު ވާހަކަ ގޮވިޔަސް އެ ގަޑިއަކު އަޅާނެ. ފިހައިފައި ބަހައްޓާފައި ހެނދުނު ނަގާނީ" ނައީމާ ކިޔައިދިނެވެ.
އަޅިބުރުއްސި ކާނީ، ފިތުރު އީދު ނަމާދަށް ދިޔުމުގެ ކުރިންނެވެ.
ނައީމާގެ މަންމަ ފައުޒިއްޔާ އަލީ ސިފަކުރި ގޮތުގައި، އަޅިބުރުއްސި ތައްޔާރު ކުރުމަކީ 'ފާޑެއްގެ' ކަމެކެވެ. އޭނާގެ މަންމަ ވެސް އެ ބޯކިބާ އެޅި ކަމަށް މާޒީގެ ހަނދާންތައް އާ ކުރަމުން ފައުޒިއްޔާ ކިޔައިދިނެވެ.
އަޅިބުރުއްސި ތައްޔާރުކުރާ ގޮތް؟
މިއީ ވަރަށް ބުރަ މަސައްކަތުން ތައްޔަރު ކުރެވޭ އެއްޗެކެވެ. ކުރިން ވެސް ބުނިހެން މި ބޯކިބާގެ ރަހަ ބެލޭނީ، ދިގު އިންތިޒާރެއް ކޮށްގެނެވެ.
އެންމެ ފުރަތަމަ ޖެހޭނީ، ހަތަރު ލާހި ހަނޑޫ ފެނުލާށެވެ. އެންމެ ރަނގަޅު ވާނީ، ރޭގަނޑު ފެނު ލާފައި ބެހެއްޓުމެވެ. އެއަށް ފަހު، އެ ހަނޑޫ ފުނޑާނީއެވެ.

އަޅިބުރުއްސި މޮޑެނީ ---
ދެން މަޑު ގަބުޅި ގާނާނީއެވެ. އާންމުކޮށް އަށް ގަބުޅި ބޭނުންކުރެއެވެ. ރަހަތައް ހެޔޮވަރު ކުރާނީ އެ ބަޔަކު ބޯކިބާ އަޅާ މިންވަރަކަށް ބަލައިގެނެވެ.
ނައީމާގެ ކޮއްކޮ އަސްމާ ޙުސައިން ބުނި ގޮތުގައި، ކަރަންޓު މިކްސަރުގެ ބަދަލުގައި ހުނިގޮނޑިން ގަބުޅި ގޭނުމުން ރަހަތައް ވެސް ތަފާތެވެ. އަދި، ހަނޑޫ މުގުރުމުގައި ވެސް ދައި ބޭނުންކުރުމުން އަޅިބުރުއްސީގެ ރަހަތައް މީރު ކަމަށް އޭނާ ބުންޏެވެ.
މި ބޯކިބާ އެޅުމުގެ ކުރިން ދެން ހޯދަން ޖެހޭނީ، އަޅިއާއި ޅަ ކެޔޮފަތެވެ. އެ ފަތްތައް އުނދުންމަތީގައި ރަނގަޅަށް މިލުވާން ޖެހޭނެއެވެ.

އަޅިބުރުއްސި ފުށްގަނޑު އަޅައި، މިނަނީ
އަޅިބުރުއްސި މޮޑުމަށްޓަކައި ބޭނުންވާނީ ގަބުޅި ހުންޏާއި ދޯބުރާލި ހަކުރާއި ދިޔާ ހަކުރާއި ހަނޑުލު ފުށާއި ގޮދަން ފުށެވެ. އެ ތަކެތި ހަމަކޮށްގެން، އަޅިބުރުއްސި މޮޑެން ފަށަންވީއެވެ.
ފުރަތަމަ މޮޑުމަށްޓަކައި ތައްޓަށް އަޅާނީ، ހަނޑުލު ފުށާއި ގަބުޅި ހުންޏެވެ. ނައީމާ މަންމަ ބުނީ، މޮޑެމުން ދާއިރު، ހުނި މަަދުނަމަ، އަތަށް އެނގޭނެ ކަމަށެވެ. މި ކަމުން ވެސް މި އެނގެނީ، އަޅިބުރުއްސި އަކީ ވަރަށް ހުނަރު ހުރެގެން ވާ ކަމެއް ކަމެވެ.
ދެން އަޅާނީ ދޯބުރާލި ހަކުރެވެ. އެ ހަކުރު އެއްކުރުމަށް ފަހު، އަޅާނީ ދިޔާ ހަކުރެވެ. މި ބޯކިބަލުގައި ފޮނި ރަހަ އެއްވަރު ކުރާނީ، އެ ހަކުރުންނެވެ.
"ފިހުނީމައި ފޮނި ހެޔޮވަރު ވާރަވަރަށް ފޮނި މިން ހުންނަން ޖެހޭނީ" ނަައީމާ ބުންޏެވެ.
އެންމެ ފަހު އެއްޗަކަށް އަޅާނީ، ގޮދަން ފުށްކޮޅެކެވެ. އެއީ، ބޯކިބާ އޮލަކޮއްލުމަށެވެ.

އަޅިބުރުއްސި ފިހަން ލާފައި ----
އޭގެފަހުން ތެއްޔަކަށް މިލުވި ކެޔޮފަށް އަޅާނީއެވެ. އެ ފަތް އަޅަން ވާނީ، ދަޅިގަނޑު ނަގާފައެވެ. އެ ފަތްގަނޑު ތެރެއަށް އަޅަނީ، މޮޑުނު ބޯކިބާ ފުށްގަނޑެކެވެ. އެ ފުށްގަނޑު އަޅާނީ، ދެ އިންޗި ބޯމިނަަށެވެ. އެއަށްފަހު، ފަތްތައް ލަންބާލުމަށް ފަހު، އޭގެ މައްޗަށް އަޅާނީ އަޅިއެވެ. އެ އަޅަނީ، ހުރިހާ ދިމާލަކުން ދެ އިންޗި ހުންނަ ވަރަށެވެ.
މިހާ ހިސާބަށް އައިއިރު ވެސް އުފެދޭނެ ސުވާލަކަށްވާނީ، މި ބޯކިބަލަށް ނަން ކިޔުނު ގޮތެވެ. މިގޮތުން، މި ބޯކިބަލަށް އަޅިބުރުއްސި ކިޔަނީ، ފަތްގަނޑު ތެރެއަށް ފުށްގަނޑު އަޅައި އޭގެ މައްޗަށް އަޅި ބުރުވާލާތީއެވެ.
ދެން، ދަރު އުނދުނެއް ރޯކޮށް، މައްޗާއި ތިރިއަށް އެއްވަރަށް ބޮނބި އަޅާނީއެވެ. މި ގޮތަށް ތެލީގެ މައްޗަށް ފަސް ފަހަރު އަދި ތިރިއަށް ތިން ފަހަރު ބޮނބި އަޅަން ޖެހެއެވެ. އޭރަށް ހުންނާނީ، ރަނގަޅަށް އަޅިބުރުއްސި ފިހެވިފައި ކަމަށް ނައީމާ ބުނެއެވެ. މި ކަމަށް ގާތްގަނޑަކަށް ދެ ގަޑިއިރެއް ހާއިރު ހޭދަވެއެވެ.

ނައީމާ އަޅިބުރުއްސި ފޮއްޗެއް ހިފައިގެން ---
އެހެން ބޯކިބާތަކާ ޚިލާފަށް، އަޅިބުރުއްސި ފިހެވުނަސް އަދި ނުކެވޭނެއެވެ. އަޅިތައް އެއްކޮށް ހިހޫވަންދެން ބަހައްޓަން ޖެހެއެވެ. މި ކަމަށް އެތައް ގަޑިއިރެއް ހޭދަވެއެވެ. ހިހޫވުމުން ނަގައިގެން ހަމަ ކާންވީއެވެ.
މިއީ، ހިރިލަންދުއަށް ޚާއްސަ ސަގާފަތެކޭ ވެސް ބުނެވިދާނެއެވެ. އެ މީހުންނަށް ކޮންމެ އީދެއް މި ފުރިހަމަ ވަނީ، އަޅިބުރުއްސި ކައިގެންނެވެ. މިއީ، އަންނަން އޮތް ޖީލުތަކަށް ދަަމަހައްޓަން ޖެހޭ ކާބަފައިންގެ ޚަޒާނާއެެކެވެ.