އެމެރިކާއާއި އިސްރާއީލުން އީރާނަށް ހަމަލާދޭތީ ސަރަހައްދީ ހަލަބޮލިކަން އޮތް ދަނޑިވަޅެއްގައި، ތުރުކީއާއި ސައުދީ އަރަބިއްޔާ އަދި ޕާކިސްތާން ގުޅިގެން ދިފާއީ އެއްބަސްވުމެއްގައި ސޮއިކުރަން ނިންމާފައިވާކަން އިއުލާނުކޮށްފިއެވެ.
އެއްބަސްވުމާ ބެހޭ ތަފްސީލުތައް ހާމަނުކުރި ނަމަވެސް، ތުރުކީގެ އޮފިޝަލަކު ވަނީ އެއްބަސްވުމުގައި ސޮއިކުރާނެކަން ކަށަވަރުކޮށްދީފައެވެ.
ތުރުކީއަކީ ނޭޓޯގެ މެމްބަރެކެވެ. ސައުދީ އަރަބިއްޔާއަކީ ދުނިޔޭގެ އެންމެ ގިނައިން ތެޔޮ އެކްސްޕޯޓުކުރާ އަދި ގަލްފުގެ އެންމެ ބާރުގަދަ އެއް ގައުމު ކަމަށް ވާއިރު، ޕާކިސްތާނަކީ ނިއުކްލިއާ ހަތިޔާރު އޮތް ހަމައެކަނި މުސްލިމް ގައުމެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާނާއި، ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފާއި، ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ އާސިމް މުނީރާއެކު ޖިއްދާގައި ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާނާ ބައްދަލުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި އެއްބަސްވުމަކީ ގާތްގަނޑަކަށް އަހަރެއްހާ ދުވަހުގެ މަޝްވަރާތަކަށް ފަހު ގާއިމުކުރާ އެއްބަސްވުމެކެވެ.
ތުރުކީގެ ޚާރިޖީ ވަޒީރު ހަކާން ފިދާން ޖެނުއަރީ މަހު ވިދާޅުވީ، ތުރުކީން އެއްބަސްވަނީ އެއްބާރުލުމާއި ހަމަޖެހުމަށް ތާއީދުކުރާ ފުޅާ ސަރަހައްދީ ސަލާމަތީ ޕްލެޓްފޯމަކަށް ކަމަށެވެ.
އެކަމާ ގުޅިގެން ޕާކިސްތާނުން ރަސްމީކޮށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
އެ އެއްބަސްވުމުގައި، އެއް ގައުމަކަށް ދޭ ހަމަލާއަކީ ތިން ގައުމަށް ވެސް ދޭ ހަމަލާއެއް ކަމަށް ބެލެވޭނެ ފަދަ މާއްދާއެއް އޮތްކަން ނުވަތަ ނޫންކަން އަދި ސާފެއް ނުވާކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
ޕާކިސްތާނާއި ތުރުކީ އަދި ސައުދީ އަރަބިއްޔާއިން މި އެއްބަސްވުމުގައި ސޮއިކޮށްފި ނަމަ، އެ ސަރަހައްދުގެ އެންމެ ބޮޑު ތިން ގައުމު ގުޅި، ކޮންމެ ގައުމަކަށް ވެސް ތަފާތު ފައިދާތަކެއް ލިބިގެންދާނެ ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.