ކްރޫޒްލައިނާތަކުން ޒިޔާރަތްކުރި ފަތުރުވެރިން ދެ ގުނަވެ، އަދަދު 15،500 އިން މައްޗަށް

ކުރޫޒްލައިނާއަކުން އިން އައި ފަތުރުވެރިންތަކެއް މާލެ ބަނދަރުގައި: ކްރޫޒްލައިނާތަކުން އައި ފަތުރުވެރިން މި އަހަރު ވަނީ ދެ ގުނަ ވެފައި --- އިންފިނިޓް މޯމެންޓްސް/ މުހައްމަދު ނަދީމް

މިދިޔަ އަހަރާ އަޅާބަލާއިރު، މި އަހަރުގެ މިހާތަނަށް ކްރޫޒްލައިނާތަކުން ފަތުރުވެރިން ޒިޔާރަތްކުރި މިންވަރު ދެ ގުނަވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް ކްރޫޒްލައިނާތަކުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 15،577އަށް އަރާފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ކްރޫޒްލައިނާތަކުން ރާއްޖެ އައީ 8،263 ފަތުރުވެރިންނެވެ. އެހެންވެ، މިދިޔަ އަހަރަށް ވުރެ މިއަހަރު، ގާތްގަނޑަކަށް 87 ޕަސެންޓު އިތުރަށް ކްރޫޒްލައިނާތަކުން ފަތުރުވެރިން އައެވެ.

ހިސާބުތަކަށް ބަލާއިރު، މި އަހަރު އެންމެ ގިނައިން ކްރޫޒްލައިނާތަކުން ފަތުވެރިން ޒިޔާރަތްކުރީ ފެބްރުއަރީ މަހެވެ. އެ މަހު އެކަނި 5،000އަށް ވުރެ ގިނަ ފަތުރުވެރިން ކްރޫޒްލައިނާތަކުން ޒިޔާރަތްކުރިއިރު، ޖެހިގެން އައި މާރިޗުގައި 4،000އަށް ވުރެ ގިނަ ޓޫރިސްޓުން އައެވެ.

ފަތުރުވެރިން މާލޭގައި: ކްރޫޒްލައިނާތަކުން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ ދެ ގުނަ ވެފައި -- ސަން ފޮޓޯ/ މުހައްމަދު އަފްވާން

ކްރޫޒްލައިނާތަކުން އައި ފަތުރުވެރިން ދެ ގުނަވިއިރު، މި އަހަރުގެ މިހާތަނަށް 1,281,360 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ. އެކަމަކު، އެއީ މިދިޔަ އަހަރާ އަޅާ ބަލާއިރު، ދަށް އަދަދެކެވެ. އަދި، ރާއްޖެއަށް ދުވާލަކަށް އަންނަނީ، 5،932 ފަތުރުވެރިން ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކައެވެ.

އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކަށް ބަލާއިރު، މާކެޓުގެ 17 ޕަސެންޓާއެކު އެއްވަނައިގައި އޮތީ ޗައިނާއެވެ. ޖެހިގެން އޮތް ރަޝިއާއިން ލައްކައަކަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވެއެވެ. އަދި، އިނގިރޭސި ވިލާތުން ވަނީ 99،000އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ފެބުރުވަރީ 28ގައި އެމެރިކާއިން ކުއްލި ގޮތަކަށް އީރާނަށް ދިން ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ ދަތުރުތައް ހުއްޓުމަކަށް އައެވެ. އެއީ ރާއްޖެއަށް އަންނަ ގިނަ އަދަދެއްގެ ފަތުރުވެރިން ބޭނުންކުރާ ރޫޓެއް ކަމުން، އޭގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ބުރުލެއް އެރިއެވެ.

އެއަށްފަހު މެދުއިރުމަތީގައި ހަމަލާތައް ބަދަލުކުރަމުން ދިޔުމުން ގިނަ އަދަދެއްގެ ފަތުރުވެރިންގެ ދަތުރުތައް ލަސްކޮށް، ކެންސަލް ވެސް ކުރިއެވެ. އަދި ހަނގުރާމަ ދެމިގެންދިޔަ ވަރަކަށް ދަތުރުފަތުރުގެ އަގު ވެސް އުފުލި، ފަތުރުވެރިކަމަށް ކުރާ ނޭދެވޭ އަސަރުތައް އިތުރުވިއެވެ.

comment ކޮމެންޓް